ޞަޙާބީންގެ ވާހަކަ – އަބްދުﷲ ބުން އުންމު މަކްތޫމް(رضي الله عنه) – ދެވަނަ ބައި

އަބްދުﷲ ބުން އުންމު މަކްތޫމާ(رضي الله عنه)   ބެހޭގޮތުން ކީރިތި ރަސޫލާއަށް(صلى الله عليه وسلم)  16 އާޔަތް މުޅި އެކު ބާވާލެއްވުނެވެ. އަދި ޤުރުއާން ބާއްވާ ލެއްވުނު ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އެ 16 އާޔަތް ދަނީ ކިޔެވެމުންނެވެ. އެކަލޭގެފާނާ ބެހޭގޮތުން އާޔަތް ބާވާލެއްވުނު ދުވަހުން ފެށިގެން، ކީރިތި ރަސޫލާ(صلى الله عليه وسلم)  އެކަލޭގެފާނާ ބައްދަލުވާ ކޮންމެ ފަހަރަކު އެކަލޭގެ ފާނުންގެ ކަންތައްތަކާ ބެހޭގޮތުން އައްސަވާ ހައްދަވައެވެ. އެކަލޭގެ ފާނަށް ވަރަށް ހެޔޮކޮށް ހިއްތަވައެވެ. އަދި އެކަލޭގެ ފާނުންގެ ބޭނުންތަށް ފުއްދަވައި ދެއްވައެވެ.ޤުރައިޝުންގު ދުއްތުރާ ބޮޑުވެ މުސްލިމުންނަށް މަދީނާއަށް ހިޖުރަ ކުރެއްވުމަށް  މާތްﷲ ހުއްދަދެއްވިއެވެ. އެހިނދު ޞަހާބީންގެ ތެރެއިން އެންމެ ފުރަތަމަ މަދީނާއަށް ހިޖުރަ ކުރެއްވީ އަބްދުﷲ ބުން އުންމު މަކްތޫމާއި(رضي الله عنه)   މުސްޢަބު ބިން ޢުމެއިރެވެ. އެދެބޭކަލުންނަށް ޔަޘްރިބަށް ދެވުމާއެކު އެތާނގެ މީސްތަކުންނަށް ކީރިތި ޤުރުއާން ކިޔައިދެއްވާ އިސްލާމް ދީނުގެ ދައުވަތު ފަތުރުއްވަން ފެއްޓެވިއެވެ. ކީރިތި ރަސޫލާ(صلى الله عليه وسلم)  މަދީނާއަށް ހިޖުރަ ކުރެއްވުމަށްފަހު މުސްލިމުންނަށްޓަކައި ރެއާ ދުވާލު ފަސް ވަގުތު މާތް ﷲ ގެ އެއްކައުވަންތަކަމުގެ ކަލިމަތަށް އިއްވެވުމަށް އެކަލޭގެ ފާނާއި، ބިލާލް ބިން ރަބާހާ ދެބޭކަލުންނާ ހަވާލުކުރެވުނެވެ. ބައެއް ފަހަރު ބިލާލްގެ ފާނު ބަނގި ގޮވުމުން ގަމަތް ދެއްވާ ހައްދަވަނީ އަބްދުﷲ ބުން އުންމު މަކްތޫމެވެ(رضي الله عنه)  . އަދި އަނެއްބައި ފަހަރަށް ބަންގި ގޮވަނީ އެކަލޭގެ ފާނެވެ. އަދި ގަމަތް ދީ ހައްދަވަނީ ބިލާލްގެ ފާނެވެ. ރަމަޟާން މަސްތަކުގައި ބިލާލުގެ ފާނު މީސްތަކުން ހާރުކާން ނެންގެވުމަށް ބަންގި ގޮވާލައްވައެވެ. އަދި އަބްދުﷲ ބުން އުންމު މަކްތޫމް(رضي الله عنه)  ފަތިސް ނަމާދަށް ބަންގި ގޮވާލައްވައެވެ.މީގެ އިތުރުންވެސް ކީރިތި ރަސޫލާ(صلى الله عليه وسلم)  އެކަލޭގެ ފާނާ ބައެއްކަންތައްތައް ހަވާލުކުރަށްވައެވެ. އެގޮތުން ކީރިތި ރަސޫލާ(صلى الله عليه وسلم)  މަދީނާއިން ބޭރަށް ވަޑައިގަންނަވާނަމަ އަބްދުﷲ ބިން އުންމު މަކްތޫމާ(رضي الله عنه)   މަދީނާގެ ކަންކަން ހަވާލު ކުރަށްވައެވެ. ކީރިތި ރަސޫލާ(صلى الله عليه وسلم)  މިފަދައިން އެތައް ފަހަރަކު ކަންތައް ކުރެއްވެވިއެވެ.ބަދުރުގެ ހަނގުރާމަ ނިމުމާއެކު މާތް ﷲ ކީރިތި ރަސޫލާއަށް(صلى الله عليه وسلم)  ،މުޖާހިދުންގެ ދަރަޖަ، ހަނގުރާމައަށް ނިކުމެ ވަޑައި ނުގެން ރަށުގައި ތިއްބެވި މީސްތަކުންނަށްވުރެއް މަތިވެރިކޮށް ވަހީއެއް  ބާވާލެއްވެވިއެވެ. އެއީ މުޖާހިދުންނަށް ހިތްވަރު ދެއްވާ ހަނގުރާމައަށް ނުކުމެ ވަޑައި ނުގެއް ތިއްބެވި ބޭކަލުންވެސް ކަންނެތްކަން ދޫކޮށްލުމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. ނަމަވެސް މި ވަހީގެ ސަބަބުން އަބްދުﷲ ބިން އުންމު މަކްތޫމަށް(رضي الله عنه)   ވަރަށް ބޮޑަށް އަސަރު ކުރެއްވިއެވެ. އެހިނދު އެކަލޭގެ ފާނު ކީރިތި ރަސޫލާއާ(صلى الله عليه وسلم)  މުހާތަބު ކޮށް ވިދާޅުވިއެވެ.“އޭ ﷲގެ ރަސޫލާއެވެ. ތިމަން ކަލޭގެ ފާނަށް ޖިހާދަށް ދެވޭނަމަ، ކަލޭގެ ފާނާއެކު ޖިހާދަށް ވަޑައިގަތީމުހެވެ”
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ