ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިނިވަން ވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތުގައި، ދައުލަތުން ގާސިމްގެ މައްޗަށް އުފުލި ރިޝްވަތު ހުށަހެޅުމުގެ ދައުވާ ބާތިލުކޮށް، ހައިކޯޓުން މިއަދު އޭނާ ވަނީ މިނިވަންކޮށްފައެވެ. އެ މައްސަލަ ސާބިތުވެ ކްރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް މީގެކުރިން ވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
ގާސިމް މިނިވަންވުމާ ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމާއި ވަރަށް ބޮޑަށް އުފާފާޅު ކުރައްވާ ކަމަށާއި އަދި ގާސިމަަށް މަރުހަބާ ދަންނަވާ ކަމަށެވެ.
ގާސިމްގެ އިތުރުން ހައިކޯޓުން މީގެކުރިން ވަނީ ރައީސް މައުމޫންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލުކޮށް އެމަނިކުފާނު ވެސް މިނިވަން ކޮށްފައެވެ.
މިދިޔަ ފެބްރުއަރީ މަހު މައުމޫން ހައްޔަރުކޮށް، އެމަނިކުފާނުގެ ފޯނު ދޭން ފުލުހުން އެންގުމުން އެކަން ނުކުރެއްވި މައްސަލާގައި ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުން މައުމޫން ޖަލަށްލާން ހުކުމް ކޮށްފައިވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށެވެ.
މި މައްސަލައިގައި ކުރީގެ ރައީސް މަޢޫމޫނާއި، ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު އަދި ކުރީގެ ފަނޑިރާރު ޢަލީ ހަމީދުގެ މައްޗަށް ޢަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅިއިރު، މަޢޫމޫންގެ ދީނީ ނަސޭހަތް ދިނުމާއި، ވަކާލާތު ކުރުމުގެ ހުއްދަވެސް ހިފެހެއްޓިއެވެ. ނަމަވެސް އެ ހުކުމްގައި ހުރި މަޢޫމޫނާ ގުޅުންހުރި ބައިތައް ހައިކޯޓުން ބާތިލު ކުރުމަށް އެ ހުއްދަތައް އަލުން މިހާރު ވަނީ ލިބިގެން ގޮސްފައެވެ.
މި މައްސަލާގެ އިތުރުން ޓެރަރިޒަމްގެ ދައުވާ ވެސް ރައީސް މައުމޫނަށް ކުރެ އެވެ. ނަމަވެސް އެ މައްސަލާގެ ޝަރީއަތް އަދި ދަށު ކޯޓުގައި ވެސް ނުފެށެ އެވެ. ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ.
ގާސިމް މިނިވަން ވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ