އުރީދޫ ކަލަރ ރަން 2018 ގެ ޗެރިޓީ ޕާޓްނަރ ކަން މޯލްޑިވްސް ތެލަސީމިއާ ސޮސައިޓީއަށް

23 ނޮވެމްބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ފަން ރަން ކަމަށްވާ އުރީދޫ ކަލަރ ރަން 2018ގެ ޗެރިޓީ ޕާޓްނަރ އަކީ މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ (އެމް.ޓީ.އެސް) ކަމަށް އުރީދޫ އިން އިއުލާން ކޮށްފިއެވެ.
މި ޕަރޓްނާޝިޕްގެ ދަށުން، 12 ނޮވެމްބަރ ވާ ހޯމަ ދުވަހު ތެލެސީމިއާ ސެންޓަރގައި ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބޭއްވިގެންދާނެ ކަމުގައި އުރީދޫއިން ބުނެއެވެ. މި ކޭމްޕުގެ މަޤްސަދަކީ، ތެލެސީމިއާ ޕޭޝަންޓުންނަށް ބޭނުންވާ ލޭ ހޯދުމުގެ އިތުރުން، އާދަކޮށް ލޭ ހަދިޔާ ކުރައްވާ ބޭފުޅުންގެ ޑޭޓާބޭސްއަށް އިތުރު ބައިވެރިން ހޯދައި، ތެލެސީމިއާ އާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުން ކަމުގައިވެސް އުރީދޫއިން ބުނެއެވެ.
“ގިނަ ބޭފުޅުންގެ ތަރުޙީބާއި އެކު އުރީދޫގެ މި ކުލަގަދަ ދުވުމުގެ ފޯރިގަދަ ހަރަކާތްތައް ކުރިއަށް ދާއިރު، އަޅުގަނޑުމެންގެ ޗެރިޓީ ޕާޓްނަރުންގެ މަސައްކަތްތައް ހިއްސާކޮށް، އެބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ކަލަރ ރަންގެ ޕްލެޓްފޯމް ބޭނުންކުރެވުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ހަމެއެހެންމެ، އަޅުގަނޑުމެންގެ ޗެރިޓީ ޕާޓްނަރއަށް ކަލަރރަން އިން ލިބޭ މާލީ ފައިދާއިން ބައެއް ހަދިޔާ ކުރެވިގެންދާނެ. ކުޑަ ޓީމަކާއި އެކު ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ، މިއަހަރުގެ ކަލަރ ރަންގެ އޮފިޝަލް ޗެރިޓީ ޕާޓްނަރ އަށް ވުމަކީ އަޅުގަނޑުމެން ނުހަނު ފަޚުރުވެރިވާ ކަމެއް.” އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.
މޯލްޑިވިއަން ތެލެސީމިއާ ސޮލައިޓީ އަކީ، ޕޭޝަންޓުންގެ އާއިލާތަކުން އިސްނަގައިގެން، 1994ވަނަ އަހަރު އުފައްދާފައިވާ އެން.ޖީ.އޯ އެކެވެ. މި ޖަމިއްޔާގެ އަމާޒަކީ، ރާއްޖޭގެ ތެލެސީމިއާ ޕޭޝަންޓުންގެ ދިރިއުޅުމުގެ ފެންވަރު ރަގަޅުކޮށް، ތެލެސީމިއާ ކޮމިއުނިޓީ އަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ.
“އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ، ޕޭޝަންޓުންނަށް ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ، ސިއްހީ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް. މި ޚިދުމަތުގައި އަޅުގަނޑުމެންނަށް ދެމިތިބެވެނީ، ވަރަށް ގިނަ ޕާރޓްނަރުންނާއި ސްޕޮންސަރުންގެ ދީލަތި އެހީ އާއި އެކު. އުރީދޫ ކަލަރ ރަން ގެ އޮފިޝަލް ޗެރިޓީ ޕާރޓްނަރގެ ގޮތުގައި އެމްޓީއެސް ހަމަޖެއްސެވީތީ އުރީދޫ އަށް ޝުކުރު ދަންނަވަން. މިއީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް. މި ޕާރޓްނަޝިޕްގެ ސަބަބުން އަޅުގަނޑުމެންގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ.” މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީގެ ޗެއާޕާސަން، މަރިޔަމް ސުހާ ވިދާޅުވިއެވެ.
ތެލެސީމިއާ އަކީ ބެލެނިވެރިންގެ ފަރާތުން ވާރުތަވާ ލޭގެ ޑިސްއޯޑަރ އެކެވެ. މި ބަލީގެ ސަބަބުން ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޮކްސިޖަން ފޯރުކޮށްދޭ މާއްދާ ކަމުގައިވާ ހީމޯގުލޯބިން ނުވަތަ އެޗް.ބީ ފުރިހަމައަށް އުފައްދައެއް ނުދެއެވެ. ޤަވާޢިދުން ފަރުވާ ނުލިބޭ ހާލަތެއްގައި، ތެލެސީމިއާ އަކީ ފުރާނައަށް ނުރައްކާތެރިވާ ބައްޔެކެވެ. ވުމާއި އެކު، ތެލެސީމިއާ ޕޭޝަންޓުން ދިރިހުރުމަށް ޓަކައި، މަހުން މަހަށް ނުވަތަ ކޮންމެ ހަފްތާއަކު ލޭއަޅައި، މިކަމުގެ ސަބަބުން ދިމާވާ އެހެނިހެން މައްސަލަތަކަށް ތަކުރާރުކޮށް ފަރުވާދޭން ޖެހެއެވެ. މިގޮތުން، ހަށިގަނޑުން އިތުރު އަޔަން ނައްތާލުމަށްޓަކައި ބޭނުންވާ އިންޖެކެޝަންތަކުގެ އިތުރުން، ހަފްތާޔަކު 5-6 ދުވަހު ބޭސް ކާންޖެހެއެވެ.
ދިވެހިރާއްޖޭގައި 800 އަށް ވުރެ ގިނަ ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓަރ ވެފައިވާއިރު، ފާއިތުވެދިޔަ އަހަރުތަކުގައި ތެލެސީމިޔާ ކުދިން ދަނީ އިތުރުވަމުންނެވެ. ވުމާއި އެކު، މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއިން ދަނީ ތެލެސީމިއާ އާއިމެދު އާއްމުންގެ ހޭލުންތެރިކަން އިތުރުކޮށް، އެހީތެރިކަން ބޭނުންވާ އާއިލާތަކަށް ސަޕޯޓްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އުރީދޫ ކަލަރ ރަންގެ ޗެރިޓީ ޕަރޓްނާއަށް ވުމާއި އެކު، އެ ކުންފުނިން މަސައްކަތް ކުރަމުންދާނީ ކަލަރ ރަން ޕްލެޓްފޯމް މެދުވެރިކޮށް، މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީގެ މި މުހިއްމު މަސައްކަތްތަކަށް އެއްބާރުލުންދިނުމަށެވެ.
މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީގެ މަސައްކަތަކާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ނުވަތަ އެޖަމިއްޔާއަށް އެހީތެރިވުމަށް، http://thalassaemia.org.mv/ އަށް ޒިޔާރަތްކުރައްވާށެވެ. ހަމައެހެންމެ، އުރީދޫ ކަލަރ ރަން 2018 އާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް https://ore.do/colorrun. ޒިޔާރަތްކުރައްވާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ