މާބަނޑު އަންހެނުންނަށް އިނާޔަތެއް ހަމަޖައްސާނެކަމުގެ ވައުދު ގާސިމް ވެވަޑައިގެންފި

ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި މާބަނޑުވާ ކޮންމެ އަންހެނަކަށް މާބަނޑުވާ ދުވަހުން ފެށިގެން ދަރިފުޅު އުފަންވަންދެން ހާއްސަ އިނާޔަތެއް ހަމަޖައްސައިދެއްވާނެ ކަމަށް އެގުޅުމުގެ ރިޔާސީ ކެންޑިޑޭޓު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވައުދުވެވަޑައިގެންފި އެވެ.
ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ގުޅުމުން މިހާރު އދ.އަތޮޅުގެ ރަށްތަކަށް ކުރަމުންގެންދާ ދަތުރުގެ ތެރެއިން އެއަތޮޅު މަހިބަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އދ. މަހިބަދޫގައި ޖުމްހޫރީ ގުޅުމުން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް ވިދާޅުވީ ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި މާބަނޑު އަންހެނުންނަށް އިނާޔަތެއް ހަމަޖައްސަން ބޭނުންވަނީ މާބަނޑު އަންހެން މީހާއާއި ދަރިފުޅުގެ ސިއްހީ ހާލަތު ރަގަޅުކުރަން ބޭނުންވާތީ ކަމަށެވެ.
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ނަޝީދަށް އެއްބުރުންވެސް އަދި ހަބުރުންވެސް ދިވެހިރާއްޖޭގެ ވެރިކަން ނުލިބޭނެ ކަމަށެވެ.
އަދި ނަޝީދުގެ ވެރިކަމުގައި ދިވެހިންނަށް އަނިޔާވެރިވެ، އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާ ކަމަށާއި ނަޝީދު ދިވެހިރާއްޖޭގެ ވެރިކަން ހޯދަންޖެހޭނީ ރައްޔިތުން ކުރިމައްޗަށް ބަޑިހިފައިގެން އައިސް ބަޔަކު މަރައިގެން ކަމަށާއި، އެނޫން އެއްވެސް ގޮތަކަށް ނަޝީދަށް ދިވެހިރާއްޖޭގެ ވެރިކަން ނުލިބޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
މަހިބަދޫގެ ތަރައްގީކުރުމުގައި ޖުމްހޫރީ ގުޅުމުން ގެންގުޅޭ ބައެއް ސިޔާސަތުތައް ހާމަކުރައްވަމުން ގާސިމް ވިދާޅުވީ މަހިބަދޫގައި ބިން ނެތުމުން ގޯތި ދޫނުކުރެވި ވިއްސަކަށް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި ނަމަވެސް ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި އެންމެ ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި މަހިބަދޫގެ ބިން ހިއްކައިދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ