އެކްސިޑެންޓެއްގައި ނިޔާވި ފަރާތެއްގެ ދިޔައިގެ ގޮތުގައި 1،33،333 ރުފިޔާ ކުރިމަނަލް ކޯޓުން ކަނޑައަޅައިފި

މީގެ 12 ވަރަކަށް އަހަރުކުރިން ހިނގި އެކްސިޑެންޓެއްގައި ނިޔާވި ހދ.ނާވައިދޫ ޢަބްދުﷲ ޒިޔާދުގެ މަރުގެ ދިޔައަކަށް 1،33،333 ރުފިޔާ ނެގުމަށް ކުރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިމައްސަލައަކީ 2008ވަނަ އަހަރު ޑިންގީއަކާއި ދޯންޏެއް ފައްތަރުވެގެން ހިނގި އެކްސިޑެންޓެކެވެ. މިޙާދިސާގައި ނިޔާވެފައިވަނީ ޑިންގީގައި ތިބި ތިން މީހުންގެ ތެރެއިން ދެމީހުންނެވެ. މިއެކްސިޑެންޓުގައި ޒިޔާދުގެ އިތުރުން ނިޔާވެފައިވަނީ އދ.ދިއްގަރު ޢަބްދުﷲ އާދަމެވެ. މިމައްސަލާގައި ދައުލަތުން އުފުލާފައިވަނީ އަމުރަށް ކިޔަމަންނުވުމުގެ ދަޢުވާއެވެ. ދަޢުވާ އުފުލާފައިވަނީ ޑިންގީ ދުއްވަން އިން މީހާގެ އިތުރުން ދޯނީގެ ކައްޕީގެ މައްޗަށެވެ. އެދެމީހުންކުރެ ޑިންގީ ދުއްވަން އިން މީހާވަނީ އެދަޢުވާއަށް އިޢުތިރާފުވެފައެވެ. މިއެކްސިޑެންޓު ހިނގަން މެދުވެރިވީ ޑިންގީގައި ބާރަށް ސަފާރީއަކަށް ދިއުމަށް ދުއްވާފައިދިއުމުގެ ސަބަބުން އެޑިންގީ ދޯނީގެ ވައަތްފަރާތުގެ ކަންކަށީގައި ޖެހިގެންނެވެ. އެއެކްސިޑެންޓު ހިނގުމުން ފުލުހުން އަންނަންދެން މަޑުނުކޮށް ޑިންގީ ދުއްވަން އިން މީހާ ދޯންޏަށް ލައިގެން ދޯނީގެ ކައްޕި ދަތުރުކުރީ ހުޅުލެއަށް ކަމުގައާއި ފުލުހުން އަންނަންދެން ޙާދިސާ ހިނގި ތަނުގައި މަޑުނުކުރުމަކީ ދޯނި ދުއްވި މީހާގެ މައްޗަށް އިހުމާލު ސާބިތުވާ ކަމެއް ކަމުގައި ކުރިމިނަލް ކޯޓުގެ ޙުކުމުގައި ބުނެފައިވެއެވެ. ޑިންގީ ދުއްވަން އިން މީހާ ދަޢުވާއަށް އިޢުތިރާފުވީނަަމަވެސް ދޯނި ދުއްވި ފަރާތުންވަނީ ދަޢުވާއަށް އިންކާރުކޮށްފައެވެ. އަދި އިންކާރުކުރުމާ ގުޅިގެން ހެކިވެރިންގެ ހެކިބަސް ކޯޓުން ބަލާފައިވެއެވެ. ހެކިބަހުން ސާބިތުވި ގޮތުގައި ދޯނި ދުއްވަން ހުރި ފަރާތަށް ޑިންގީގައި އިތުރު ބައަކު ތިބިކަން އެނގިހުރެ އެފަރާތްތައް ހޯދަން އުޅުމުގެ ބަދަލުގައި އެއަރޕޯޓަށް ދާން ނިންމި ކަމުގައިވެސް ހެކި ބަހުން ސާބިތުވިއެވެ. މިމައްސަލާގައި ޙުކުމްކޮށްފައިވަނީ ދިޔަ ނެގުމަށް ޒިޔާދުގެ ވާރުތަވެރިޔާ ކަމުގައިވާ އޭނާގެ މަންމަ އެދިފައިވާތީ ދިޔައިގެ ގޮތުގައި ދަޢުވާ ސާބިތުވި ދެމީހުންކުރެ ކޮންމެ މީހަކުވެސް 66،666.50 ރުފިޔާ ދެއްކުމަށެވެ. ޖުމްލަކޮށް ޒިޔާދުގެ މަރުގެ ދިޔަ ކަމުގައި ކަނޑައަޅާފައިވަނީ 1،33،333ރުފިޔާއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ