މާތް ނަބިއްޔާގެ ކާޓޫނެއް ސްކޫލް ކުދިންނަށް ދެއްކި މުދައްރިސަކު ބެލްޖިޔަމްގައި ހައްޔަރުކޮށްފި

ބްރަސަލްސް (ނޮވެމްބަރު 1) : ކީރިތި ރަސޫލާ މުޙައްމަދު (ސޢވ) އަށް ޖޯކުޖަހައި ފަރަންސޭސި ނޫހަކުން ކުރަހާފައިވާ ކާޓޫނެއް ބެލްޖިޔަމްގެ ސްކޫލްކުދިންތަކަކަށް ދެއްކި މުދައްރިސަކު ހައްޔަރުކޮށްފި އެވެ. ބެލްޖިޔަމްގެ ނޫހެއްކަމަށްވާ "ލަރިޕަބްލިޖިކް" އާ ހަވާލާދީ އެޖެންސީ ފްރާންސް ޕްރެސް (އޭއެފްޕީ) ބުނާގޮތުން މިކަން ހިނގާފައިވަނީ ބެލްޖިޔަމްގެ މޮލިންބިކް ނަމަކަށް ކިޔާ ސަރަހައްދެއްގެ މެދުމަދްރަސީ ސްކޫލެއްގައި މިދިޔަ ހަފްތާގަ އެވެ. އެސްކޫލްގެ މުދައްރިސަކު އުމުރުން 10 އަހަރާއި 11 އަހަރުގެ ދަރިވަރުންނަށް ދެއްކީ މީގެ ދެއަހަރުކުރިން ފަރަންސޭސި ނޫހެއްކަމަށްވާ "ޗާލީއެބްޑޫ" އިން ކީރިތި ރަސޫލާ (ސޢވ) އަށް ޖޯކުޖެހުމުގެ ގޮތުން ކުރަހާފައިވާ ކާޓޫނެއް ކަމަށާއި އެއަމަލު ހިންގި މުދައްރިސް މިހާރުވަނީ ބެލްޖިޔަމްގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް އޭއެފްޕީ ބުނެއެވެ. "ޗާލީއެބްޑޫ" ނޫހުން ކީރިތި ރަސޫލާ (ސޢވ) އަށް ޖޯކުޖަހައި ކުރަހާފައިވާ ކާޓޫނެއް މީގެ ދެހަފްތާކުރިން ފަރަންސޭސި ސްކޫލެއްގެ މުދައްރިސަކު އޭނާގެ ދަރިވަރުންނަށް ދެއްކުމުން ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯން އެކަން ދިފާއުކުރައްވައި ކީރިތި ރަސޫލާ (ސޢވ) އަށް ޖޯކުޖެހުމާއި ފުރައްސާރަކުރުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށް ސިފަކުރައްވައި އެކަމަށް ހިއްވަރުވެސް ދެއްވައިފަ އެވެ. ފަރަންސޭސި ރައީސް ގެ މިޖަރީމާއާ ގުޅިންގެން ދުނިޔޭގެ މުސްލިމުންވަނީ ފަރަންސޭސިވިލާތާ ދެކޮޅަށް ތެދުވެ އެގައުމުގެ އުފެއްދުންތަށް ފުޅާދާއިރާއެއްގައި ބޮއިކަޓްކުރަން ފަށާފައެވެ. މީގެއިތުރުން ތުރުކީ، ޕާކިސްތާން، އީރާން، މެލޭޝިއާ، ކުވައިތު، ލީބިޔާ، އަދި އިންޑޮނީޝިއާ ފަދަ ގައުމުތަކުގެ ސަރުކާރުތަކުން ފަރަންސޭސިވިލާތާ ދެކޮޅަށްވަނީ ޑިޕްލޮމެޓިކް ފިޔަވަޅުތައްް ވެސް އަޅައިފަ އެވެ. ފަރަންސޭސި އުފެއްދުންތަށް ބޮއިކަޓްކުރަން ގޮވާލައި ދުނިޔޭގެ އެކިގައުމުތަކުގެ މުސްލިމުން ސޯޝަލް މީޑިއާގައި ހިންގަމުން ގެންދާ ކޭންޕޭން ވަރުގަދަވެފައިވާއިރު އިސްލާމީ އެތަށް ގައުމެއްގެ ބާޒާރުތަކާއި ފިހާރަތަކުންވަނީ ފަރަންސޭސި އުފެއްދުންތައް ނަގައި އުކާލާފައެވެ. މި ބޮއިކަޓް ހުއްޓާނުލައި ކުރިޔަށް ގެންދާނަމަ ކުރިޔަށްއޮތް ފަސްމަސްތެރޭގައި ފަރަންސޭސި އިގްތިސާދަށް 100 ބިލިޔަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިވާނެކަމަށާ މިހާރުވެސް އެއްބިލިޔަން ޑޮލަރުގެ ގެއްލުމެއް ފަރަންސޭސި އިގްތިސާދަށް ލިބިފައިވާނެ ކަމަށް އިގްތިސާދީ ރިޕޯޓްތަށް އަންދާޒާ ކުރެއެވެ. މިއާއެކު ފަރަންސޭސި ސަރުކާރުވަނީ ސަހަރޯވެ ކަންބޮޑުވެފަ އެވެ. ކީރިތި ރަސޫލާ (ސޢވ) އަށް ޖޯކުޖަހައި ކުރަހާފައިވާ ކާޓޫން މީގެ ދެހަފްތާކުރިން ފަރަންސޭސި ސްކޫލް ކުދިންނަށް ދެއްކި މުދައްރިސް ވެސް ވަނީ އެ ސްކޫލްގެ ދަރިވަރަކު ދިން ވަޅީގެ ޙަމަލާއެއްގައި މަރުވެފައެވެ. އެއަށްފަހު ފަރަންސޭސި ފުލުހުންވަނީ އެދަރިވަރުގެ ގަޔަށް ބަޑިޖަހައި ދަރިވަރުގެ ފުުރާނަ ދުއްވާލާފައެވެ. ކީރިތި ރަސޫލާ (ސޢވ) އަށް ޖޯކުޖަހައި ފަރަންސޭސި "ޗާލީއެބްޑޫ" ނޫހުން ކުރަހާފައިވާ ކާޓޫން ބެލްޖިޔަމްގެ ސްކޫލްކުދިން ތަކަކަށް ދެއްކި މުދައްރިސް ބެލްޖިޔަމްގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޭނާއަށް ހިމާޔަތް ދިނުމުގެ ގޮތުންކަން ނޫނީ އެފަދަ ނާތަހުޒީބު ޖަރީމާތަށް ހުއްޓުވައި އޭނާއާމެދު ފިޔަވަޅު އެޅުމުގެ ގޮތުންކަން ވަނީ ނޭންގުމެއްގެ ތެރޭގަ އެވެ. މިކަމާބެހޭ ގޮތުން ބެލްޖިޔަމްގެ ފުލުހުން ވެސް އަދި އެގައުމުގެ ސަރުކާރުންވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ކީރިތި ރަސޫލާ (ސޢވ) އަށް ޖޯކުޖެހުމުގެ ގޮތުން ކުރަހާފައިވާ ކާޓޫނަށް ތާއީދު ކުރުމުގެ އިތުރުން ފަރަންސޭސި ރައީސް ވަނީ އިސްލާމް ދީނާ ޓެރަރިޒަމާވެސް ގުޅުވާފަ އެވެ. އަދި އިސްލާމްދީނަކީ އިސްލާހުކުރަން ޖެހިފައިވާ ދީނެއްކަމަށް ވިދާޅުވެ ފަރަންސޭސި ރައީސް ވަނީ އިސްލާމްދީނަށް އިހާނާތް ކުރައްވާފައެވެ. (އޭއެފްޕީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ