ފުރުޞަތު ލިބިވަޑައިގެންފިނަމަ ރާއްޖޭގައި އުމުރު ހޭދަކުރައްވަން ތައްޔާރު: ޕްރޮފެސަރ އުމަރު ކަސޫލް

ފުރުޞަތު ލިބިވަޑައިގެންފިނަމަ ރާއްޖޭގައި އުމުރު ހޭދަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް އިސްލާމީ ފިކުރު ކުރިއަރުވާ ބައިނަލްއަޤްވާމީ މައުހަދު (އިންޓަރނޭޝަނަލް އިންސްޓިޓިޔުޓް އޮފް އިސްލާމިކް ތޯޓް- އަައިއައިއައިޓީ) ގެ ސެކެޓްރީ ޖެނެރަލް ޕްރޮފެސަރ އުމަރު ކަސޫލް ވިދާޅުވެއްޖެއެވެ.
ޕްރޮފެސަރ އުމަރު ކަސޫލް މިމޭރުމުން ވިދާޅުވީ އިސްލާމީ ޔުނިވަރސިޓީ އާއި އައިއައިއައިޓީ ގުޅިގެން ރާއްޖޭގައި ބާއްވާ ދީނީ އިލްމުވެރިންގެ މަހާސިންތާ އިފްތިތާޙް ކުރުމަށް ރޭ ބަނޑޮސް އައިލަންޑް ރިޒޯޓުގައި ބޭއްވި ރަސްމީ ޖަލްސާގައި ރާއްޖެއަށް މާތްﷲ މިންވަރުފުޅު ކުރައްވަވައިފައިވާ ޤްދްރަތީ ރީތިކަމާއި ފުރިހަމަކަމަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޕްރޮފެސަރ އުމަރު ކަސޫލް ވިދާޅުވީ ރާއްޖޭގެ ރީތިކަމުގެ ވާހަކަ އިބްނު ބަތޫތާގެ ފޮތުން ވިދާޅުވި ކަމަށެވެ. އަދި އެންމެ ބޮޑަށް އެނގިވަޑައިގަތީ ދީނީ އިލްމު ދިރާސާ ކުރައްވަން ސީޝެލްސްގައި އުޅުއްވަނިކޮށް ބައްދަލުވެވަޑައިގެންނެވި ސީޝަލްސް އަށް ހިޖުރަކޮށްގެން ތިބި ދިވެހި ޢާއިލާއެއްގެ ފަރާތުން ކަމަށެވެ.
"އެއިރުންސުރެ އަހަރެން ހުރީ ރާއްޖެ އައިސް ރާއްޖޭގެ ރީތިކަން ދެކެން ދަހިވެތިވެގެން. އަހަރެން ރާއްޖެއައީ މީގެ 35 އަހަރުކުރިން. މިއީ ރާއްޖެއަށް ކުރާ 3 ވަނަ ދަތުރު. އަހަރެން ރާއްޖެ އައުމުން ރާއްޖެ ފެނުނީ އަހަރެންނަށް އެމީހުން ކިޔައިދިން ފަދަ ރީތި، ފުރިހަމަ ތަނެއްގެ ގޮތުގަ."
ޕްރޮފެސަރ އުމަރު ކަސޫލް އަކީ އިސްލާމް ދީނުގެ ކަންކަން ރިސަރޗް ކުރައްވައި އިސްލާމީ ތައުލީމު ފެތުރުއްވެވުމަށް ވަރަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާ އިލްމުވެރިއެކެވެ.
އަރަބި ބަހާއި އިސްލާމީ ތައުލީމުގެ އިތުރުން ޕްރޮފެސަރ އުމަރު ކަސޫލް އަކީ ޞިއްޙީ ދާއިރާއިން ވެސް މަތީ ތައުލީމު ޙާޞިލުކުރައްވައިގެން ހުންނެވި މެޑިކަލް ޕްރޮފެސަރެކެވެ.
ސައުދީ ސަރުކާރުގެ އެދުމުގެމަތިން ސައުދީ ރިޔާޛް މެޑިކަލް ސެންޓަރު އުފެއްދުމުގައިވެސް އެންމެ އިސް ދައުރެއް އަދާކުރެއްވީ ޕްރޮފެސަރ އުމަރު ކަސޫލް އެވެ. މެލޭސިޔާ އިސްލާމީ ޔުނިވަރސިޓީ އުފެއްދެވުމުގައިވެސް އެމަނިކުފާނު ވަނީ އިސްދައުރެއް އަދާކުރައްވައިފައެވެ. އަދި އެ ޔުނިވަރސިޓީއަށް ވަނީ 10 އަހަރު ޚިދުމަތް ކުރައްވައިފައެވެ.
ޕްރޮފެސަރ އުމަރު ކަސޫލް އަކީ އިންޓަރނޭޝަނަލް މެޑިކަލް ޖަރނަލް (އައިއެމްޖޭ.އޯގް)ގެ ފައިންޑިންގ ޗީފް އެޑިޓަރު ވެސްމެއެވެ.
މިފަދަ ބޭފުޅަކު ރާއްޖޭގައި ދިރިއުޅުއްވުމުގެ ޝައުޤުވެރިކަން ފައުޅު ކުރެވުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ