ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި އައްޑޫ ތަރައްގީ ކުރާނީ ބޭރުގެ ތަޖުރިބާ ކާރުންގެ އެހީތެރިކަމާ އެކު ތައްޔާރު ކުރާ މާސްޓާ ޕްލޭނެއްގެ ދަށުން "އައްޑޫ ވިޝަން" އަށް ވެސް ފޯކަސްކޮށްގެން ދުބާއީ އާއި ސިންގަޕޫރުގެ ފެންވަރުގައި ކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
"ވިޝަން އައްޑު" އަކީ އައްޑޫގެ ވަރަށް ގިނަ އެންޖީއޯތަކާއި ސަރުކާރުގެ ބައެއް މުއައްސަަަސާތަކުގެ އެހީތެރިކަން ވެސް ލިބިގެން 2008 ގައި އެކުލަވާލި ތަރައްގީިގެ ތަސައްވުރެކެވެ. އަދި އެ ޕްލޭން އެކުލަވާލީ 2008-2015 އަށް އައްޑޫ ތަރައްގީ ކުރުމަށް ކުރެވޭނެ މުހިއްމު ބޮޑެތި މަޝްރޫއުތަކެއް ހިމަނައިގެންނެވެ.
މި ޕްލޭން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސަރުކާރަށް ހުށަހަޅާފަ އެވެ.
ރޭ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ބޭއްވި ބޮޑު ޖަލްސާގައި ގާސިމް ވިދާޅުވީ އައްޑުއަކީ މިއަދު ސިޓީއެއްގެ ދަރަޖަ ދެވިފައިވާ އަތޮޅެއް ކަމުން އެމަނިކުފާނުގެ ވެރިކަމެއްގައި މާލެއިން ލިބޭ ހުރިހާ ހިދުމަތެއް އައްޑޫން ލިބޭނެ އިންތިޒާމްތައް ހަމަޖައްސަވާނެ ކަމަށެވެ.
ރޭގެ ޖަލްސާގައި ގާސިމް ވަނީ އައްޑު އަށް ގިނަ ވައުދުތަކެއް ވެސް ވެވަޑައިގެންފަ އެވެ. އެގޮތުން އެ މަނިކުފާން ވިދާޅުވީ އައްޑޫ ސިޓީގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ހާއްސަ ޕްލޭނެއް އެބައޮތް ކަމަށާއި، ވެރިކަމުގެ ތިން ހަތަރު އަހަރު ދުވަހުގެ ތެރޭގައި 4،000 އެނދު ހިދުމަތަށް ނެރޭނެ ކަމަށެވެ.
"އޭރުން ހަހާސް ވަޒީފާ އަލަށް އިތުރުވެގެން ދާނެ. އެއީ އައްޑޫގެ އެތައް ބަޔަކަށް ހާއްސަކޮށް ޒުވާނުންނަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތަކަށް ވާނެ،" ގާސިމް ވިދާޅުވި އެވެ.
އަދި ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި ފެނާ ނަރުދަމާ ގާއިމު ކުރަން ވެވަޑައިގެންފައިވާ ވައުދު ތަކުރާރު ކުރައްވަމުން ގާސިމް ވިދާޅުވީ އައްޑޫ ސިޓީގައި ފެނާއި ނަރުދަމާގެ ހިދުމަތް ޖުމްހޫރީ ގުޅުމުގެ ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި ގާއިމް ކޮށްދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އަރަބި އިސްލާމް ކިޔަވައިދޭ އިލްމީ ތައުލީމީ މަރުކަޒުތަކެއް ގާއިމު ކުރާ އިރު އޭގެ ތެރެއިން އެއް މަރުކަޒު ގާއިމު ކުރާނީ އައްޑޫ ސިޓީގައި ކަމަށެވެ.
އަދި ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގެ ފުރަތަމަ އަހަރު ނިންމައި އެ އެއާޕޯޓުން ޗާޓަރު ފްލައިޓްތަކާއި ޝެޑިއުލް ފްލައިޓްތައް ބޭރަށް ދަތުރުކުރަން ފަށާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އަދި ރާއްޖެއިން ވެސް އެމަނިކުފާނު ވަޑައިގެންނެވި ހުރިހާ ތަނެއްގެ ތެރެއިން ވެސް އެންމެ ގޯސް ހާލަތުގައި އޮތީ އައްޑު އަތޮޅުގެ ހޮސްޕިޓަލު ކަމަށައި ކުރިން ވެސް ވައުދުވެވަޑައިގެންފައިވާ ގޮތަށް ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގެ ފުރަތަމަ އަހަރު އިިންޓަނެޝަނަލް ފެންވަރު ރަނގަޅު ހޮސްޕިޓަލެއް އައްޑޫގައި ގާއިމް ކުރައްވާ އިރު މަސް ފިނިކޮށްގެން ސީދާ އައްޑޫން ރާއްޖެއިން ބޭރަށް މަސް ބޭރު ކުރަން 50 މެޓްރިކް ޓަމުގެ މަސް ފެކްޓްރީއެއް ވެސް ގާއިމުކޮށް، އައްޑޫގައި ބިން ވެސް ހިއްކާނެ ކަމަށް ގާސިމް ވައުދުވެވަޑައިގެންނެވި އެވެ.
"އަޅުގަނޑުގެ ފިނޭންސް މިނިސްޓަރު ކަމުގައިވެސް އަޅުގަނޑު މަސައްކަތް ކުރިން އައްޑޫއާ އުތުރަށް ތަރައްޤީ ގެނައުމަށް. އެގޮތުން އަބޫދާބީގެ ޚަލީފާގެ ކުންފުނިތަކަށް ނިސްބަތްވާ ތިން ބިލިއަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓެއް ގެނައިން. ޚަލީފާގެ ބޭފުޅުން އައްޑުއަށް ދަތުރުވެސް ކުރެއްވި. އެ ބޭފުޅުން ބޭނުންފުޅުވީ ދުނިޔެމަތީގެ ސުވަރުގެއެއްގެ ގޮތުގައި އައްޑޫ ތަރައްޤީ ކުރަން،" ގާސިމް ވިދާޅުވި އެވެ. "އެއީ ޖުމްލަ 300 ބިލިއަން ޑޮލަރުގެ ކެޕިޓަލް ހުރި ކުންފުނިތަކެއް. ނަމަވެސް އޭރުގެ ސަރުކާރުގައި އެމްއޯޔޫއެއް ވެސް ނުހެދުނު."
ގާސިމްގެ ވާހަކައިގައި ރާއްޖޭގެ މަގުތައް މިހާރު ނާމާން ވިޔަސް އެ މަނިކުފާނުގެ ވެރިކަމެއްގައި ސަލާމަތީ މުއައްސަސާތަކަށް ވަސީލަތްތައް ހޯދައިދީ ބާރުވެރިކޮށް ފުރަތަމަ އަހަރުގައި މަގުތައް އަމާން ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
ވިޝަން އައްޑު އަށް ފޯކަސް ކުރާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ