ބުދަ ދުވަހުގެ ރޭގެ މާރާމާރީ: ހަ މީހަކު ޒަހަމްކޮށްލައި ހަތަރު ތަނަކަށް ބޮޑެތި ގެއްލުންތަކެއް ދީފި

ބުދަ ދުވަހުގެ ރޭ މާލެތެރޭގައި ހިންގި ސިލްސިލާ މާރާމާރީއެއްގައި ހަ މީހަކު ޒަހަމްކޮށްލައި ހަތަރު ތަނަކަށް ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.
ފުލުސް އޮފީހުން ވިދާޅުވި ގޮތުގައި ފުރަތަމަ މާރާމާރީ ފެށުނީ ބުދަ ދުވަހުގެ އިރުއޮއްސުނު ވަގުތު މާފަންނުގައި ހުރި ގެއެއްގެ ތެރެއަށް ބަޔަކު ވަދެ، އެ ގޭގައި އުޅޭ މީހުންނަށް ލަކުޑި ފަތިބުރިންނާއި ދަގަނޑުން ހަމާލާދިން ހިސާބުންނެވެ. ކޮންބައެއްކަން ނޭނގޭ ބަޔަކު އެ ގެ އަށް ވަދެ ހިންގި ހަމަނުޖެހުމުގައި ގޭގެ ތަކެއްޗަށް ވެސް ގެއްލުންދީފައިވެ އެވެ. އެހެންނަމަވެސް އެއީ ކޮންގެއެއްކަމެއް ފުލުހުން ވިދާޅެއްނުވެ އެވެ. އަދި ހަވީރަށް ވެސް ގެ ކަށަވަރުކުރެވިފައެއް ނުވެ އެވެ.
"މި މަރާމާރީގައި އަނިޔާ ލިބުނު ހަތަރު މީހަކަށް ވަނީ އައިޖީއެމްއެޗުގައި ފަރުވާދީފައި. އޭގެ ތެރެއިން އެކެއްގެ ނޭފަތަށް ހަމަލާދިނުމުން ގިނަ އަދަދަކަށް ލޭ އައިސްފައިވޭ. އަދި ތޫނު އެއްޗަކުން ހަމަލާ ދިނުމުން އެކެއްގެ އަތް ޒަހަމްވެފައިވޭ،" ފުލުހުން ބުރާސްފަތި ދުވަހު ނެރުއްވި ނޫސް ބަޔާނެއްގައިވެ އެވެ.
އެ ނޫސްބަޔާނުގައި ވަނީ ބުދަ ދުވަހުގެ ރޭގެ ދެވަނަ މާރާމާރީ ހިންގާފައި ވަނީ ކަނޑި އާއި އެނޫން ވެސް އެފަދަ ތޫނު އެއްޗެހި ބޭނުންކޮށްގެން ކަމަށެވެ.
"ބުދަ ދުވަހުގެ ރޭ 8.30 ހާއިރު ބަޔަކު މީހުން ކަނޑި އާއި އެފަދަ ތޫނު އެއްޗެތި ހިފައިގެން ގޮސް ހެންވޭރު ގެއަކަށް ވަދެ ކުޑަ ކުއްޖަކަށް ވެސް ހަމަލާދީފައިވެ އެވެ. އަދި ދަންވަރު 12.30 ހާއިރު ހެންވޭރު ގެއެއަކަށް ވަދެ ކަނޑި ފަދަ ތޫނު އެއްޗަކުން ހަމަލާދީ 17 އަހަރުގެ ފިރިހެން ކުއްޖަކު ބުރަކަށީގެ އެކި ތަންތަން ޒަހަމްކޮށްލާފައިވެ އެވެ. ފުލުހުންގެ ބަޔާނުގައިވެ އެވެ.
"ބުރަކަށީގެ ފަސް ތަނަކަށް ދިން ޒަހަމުގައި އެއް އިންޗި ފުންމިން ހުރި. އެ ކުއްޖާއަށް އައިޖީއެމްއެޗުގައި މިހާރު ވަނީ ފަރުވާދީފައި،" ފުލުހުންގެ ނޫސްބަޔާނުގައިވެ އެވެ. ހެންވޭރުން މާރާމާރީ ހިންގީ ކޮން ދެ ގެއެއްގައި ކަން ބުރާސްފަތި ދުވަހުގެ ނޫސް ޗާޕަށް ދިޔައިރުވެސް ކަށަވަރު ވާގޮތެއް ނުވެ އެވެ.
ފުލުހުންގެ ބަޔާނުގައި ވަނީ ބުދަ ދުވަހުގެ ރޭ ހިންގި އިތުރު ހަމަނުޖެހުމެއްގައި ދަންވަރު ގާތްގަނޑަކަށް ދޭއްޖަހާކަންހާއިރު މައްޗަންގޮޅީގައި ހުންނަ އެޕޯލޯ ފިހާރަ އާއި ވިއުގަ އިލެކްޓްރޯނިކްސް އަށް، ލަކުޑި ފަތިބުރިތަކެއް ހިފައިގެން ދިޔަ ބަޔަކު އެ ތަންތަނުގެ ބިއްލޫރިތައް ތަޅާލައިފައިވާ ކަމަށެވެ. މީގެ އިތުރުން އެޕޯލޯ ފިހާރަ ކައިރީގައި އޮތް ކާރަކަށް ވެސް ވަރަށް ބޮޑަށް ގެއްލުންދީފައިވާ ކަމަށް އެ ނޫސްބަޔާނުގައިވެ އެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ބުނީ ބުދަ ދުވަހުގެ ރޭ ހިނގި މާރާމާރީ އަކީ އެ ސަރަހައްދުގެ މީހަކު މީގެ ދުވަސްކޮޅެއް ކުރިން ހެންވޭރުގައި އުޅޭ މީހެއްގެ ގައިގައި ކަޓަރު އެޅުމުން އެކަމުގެ ބަދަލުހިފުމުގެ ގޮތުން ހިންގި ކަމެއް ކަމަށް އަޑުއިވިފައިވާ ކަމަށެވެ.
"މި ސަރަހައްދަށް އައި ގްރޫޕުގައި ހިމެނެނީ ހެންވޭރާއި މައްޗަންގޮޅީ ސަހަރާ ކައިރީގައި އުޅޭ ގްރޫޕެއް ކަމަށް ބެލެވެނީ. އެ ގްރޫޕުގައި ތިބި މީހުންގެ އަދަދު 30 އަށްވުރެ މަދެއްނުވާނެ،" އޭނާ ބުންޏެވެ.
ފުލުހުން ވިދާޅުވީ ބުދަ ދުވަހުގެ ރޭ ދަންވަރު ވަގުތެއްގައި މާފަންނު ގެއެއްގެ ތެރެއަށް ބަޔަކު ކަނޑި ފަދަ ތޫނު އެއްޗެތި ހިފައިގެން ވަދެ މީހަކަށް ބިރުދައްކައި އެ ގޭގައި ހުރި މުދަލަށް ބޮޑެތި ގެއްލުންދީފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ ބުދަ ދުވަހުގެ ރޭ ހިނގި މާރާމާރީއާ ގުޅިގެން އެކަމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ސީރިއަސް ކްރައިމް ޔުނިޓުން ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ވިދާޅުވީ ބުދަ ދުވަހުގެ ރޭ އިރުއޮއްސުނީއްސުރެ ދަންވަރު ދޭއްޖެހުމާ ދެމެދު އެކި ވަގުތުތަކުގައި ހިންގި މި މާރާމާރީއާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ