ކަރަންޓުގެ އަގު ތިރިކޮށްދިނުމަށް ގޮވާލައި އެމްޑީޕީގެ ބަޔަކު ސްޓެލްކޯ ކުރިމަތީގައި މުޒާހަރާ ކޮށްފި

ކަރަންޓުގެ އަގު ތިރިކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ސަރުކާރު ހިންގާ އެމްޑީޕީއަށް ތާއީދުކުރާ ބަޔަކު މިދިޔަ ބުރާސްފަތި ދުވަހު ހަވީރު މުޒާހަރާ ކޮށްފި އެވެ.
ސަރުކާރުގެ ކަރަންޓު ކުންފުނި، ސްޓެލްކޯ ކުރިމައްޗަށް އެއްވެ ކަރަންޓުގެ އަގު ތިރިކުރުމަށް ގޮވާލައި މުޒާހަރާ ކުރި މީހުންގެ ތެރޭގައި އެމްޑީޕީގެ އެންމެ އިސް ބައެއް އެކްޓިވިސްޓުން ވެސް ހިމެނެ އެވެ. ގާތްގަނޑަކަށް 10 ވަރަކަށް މީހުން ބައިވެރިވި މު މުޒާހަރާގައި ކަރަންޓުގެ އަގު ތިރި ކުރުމަށް ގޮވާލައި ލިޔުންތައް ލިޔެފައިވާ ބޯޑުތަކެއް ވެސް އެ މީހުން ގެންގުޅުނެވެ. އެ މީހުން ވަނީ ކަރަންޓުގެ އަގު އަތްފޯރާ ފަށަށް ގެނައުން އެއީ ސަރުކާރުގެ ވައުދެއް ކަމަށާއި އެކަން އެ ގޮތުގައި ދެމެހެއްޓުމަށް ސަރުކާރަށް ގޮވާލައިފަ އެވެ. މި މުޒާހަރާ ފެށިތާ މާ ގިނައިރުތަކެއް ނުވަނީސް އެ މީހުން ވަނީ އެ ސަރަހައްދުން ގޮސްފަ އެވެ.
މިއީ ނޮވެމްބަރު ،1 2009 އިން ފެށިގެން މާލޭގެ ކަރަންޓުގެ އަގު ސަރުކާރުން ބޮޑު ކުރި ފަހުން މާލޭގައި މިފަދަ މުޒާހަރާއެއް ބޭއްވި ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް މި މުޒާހަރާގައި ބައިވެރިވި މީހުންގެ އަދަދު ވަރަށް މަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ