ތިނަދޫ އާއި ކާޑެއްދޫ ބްރިޖަކުން ގުޅާލުމުގެ މަޝްރޫއު އަވަސް ކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ތިނަދޫގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އެޅުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން ތިނަދޫގައި އެއާޕޯޓު އެޅުމުގެ މަސައްކަތް މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ފެބްރުއަރީ 2024، ގައި ތައިލެންޑްގެ ޕޭން ޕެސިފިކް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި އެވެ. ނަމަވެސް އެއީ ވިޔަފާރީގެ ސްކޭމްތައް ހިންގަމުން އަންނަ ކަމަށް ތުހުމަތުކުރެވޭ ޕޭޕާ ކުންފުންޏެއްކަން ފަހުން ފަޅާއެރި އެވެ.
އެހެންވެ ސަރުކާރުން ނިންމީ ތިނަދޫގައި އެއާޕޯޓް ނާޅައި، ކާޑެއްދޫ އެއާޕޯޓް ބައިނަލްއަގްވާމީ އެއާޕޯޓަކަށް ބަދަލުކޮށް، ކާޑެއްދޫ އާއި ތިނަދުއާ ބުރިޖަކުން ގުޅުވާލުމަށެވެ. އެކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ 3 މެއި 2025 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލްކޮށް، ކާޑެއްދޫ އާއި ތިނަދޫ ގުޅާލުމަށް ނިންމައި، އެއްބަސްވުމެއްގައި ސޮއިކުރުމާ ހަމައަށް ގޮސްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
”ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓެއް ގޮތުގައި ތަރައްގީ ކުރުމާ އެކީގައި، ކާޑެއްދޫ އާއި ތިނަދޫއާ ގުޅާލާ ބްރިޖެއް އެޅުމުގެ މަޝްރޫއެއް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހި، މިހާރު އެކަމާ ގުޅޭ އެގްރީމަންޓުގައި ސޮއިކުރުމާ ހަމައަށް ދާ ވާހަކަ،“ ރައީސް އެ ދުވަހު ވިދާޅުވި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަޝްރޫއުއާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ޕްލޭނަކީ ތިނަދޫ އާއި ކާޑެއްދޫ ދެމެދު ބްރިޖް އަޅައި، ކާޑެއްދޫ އެއާޕޯޓަކީ ބައިނަލްއަގުވާމީ އެއާޕޯޓަކަށް ހެދުން ކަމަށެވެ. ނަމަވެސް އެ މަސައްކަތްތައް އެންމެ އެދެވޭ ގޮތަށް އަދި ފައިނަލް ނުކުރެވި އޮތްކަން ރައީސް ފާހަގަކުރެއްވި އެވެ.
”ދެން އެކަމުގެ މަސައްކަތްތައް އެންމެ އެދެވޭ ގޮތަކަށް އަޅުގަނޑުމެންނަކަށް ފައިނަލް ނުކުރެވި މިދަނީ. އެހެންނަމަވެސް ވަރަށް އެބަ މަސައްކަތް ކުރަން އަވަސްކުރަން،“ ރައީސް މުއިއްޒު ވިދާޅުވި އެވެ.
ތިނަދޫ-ކާޑެއްދޫ ބުރިޖު މަޝްރޫއު: ސޮއިއަޅަން ތައްޔާރު ކަމަށް ބުނިތާ އަހަރެއް، ފެށޭނެ ދުވަހެއް އަދިވެސް ނޭނގެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ