ކާމިޔާބީތަކާ އެކު ބާސެލޯނާ އިން ފްލިކްގެ ކޮންޓްރެކްޓް އާ ކުރަން ނިންމައިފި ކާމިޔާބީތަކާ އެކު ބާސެލޯނާ އިން ފްލިކްގެ ކޮންޓްރެކްޓް އާ ކުރަން ނިންމައިފި

ބާސެލޯނާ (މެއި 20) - ބާސެލޯނާގެ ކޯޗުކަމާ ހަވާލުވެ، ފުރަަތަމަ ސީޒަނުގައި ވެސް ހޯދި ކާމިޔާބީތަކާ ގުޅިގެން، ޖަރުމަނުގެ ކޯޗު ހަންސީ ފްލިކްގެ ކޮންޓްރެކްޓް އާ ކުރަން ބާސެލޯނާ އިން ނިންމައިފި އެވެ.
ޖަރުމަނު ގައުމީ ޓީމާއި ބަޔާން މިއުނިކަށް ކުރިން ކޯޗުކޮށްދިން ފްލިކް، 60، ބާސެލޯނާގެ ކޯޗުކަމާ މިދިޔަ އަހަރުގެ މެއި މަހު ހަވާލުވީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެ މަގާމުގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި، ފްލިކްގެ ކޯޗުކަމުގައި ބާސެލޯނާ އިން ވަނީ، ސްޕެނިޝް ލީގު، ސްޕެނިޝް ސުޕަ ކަޕް އަދި ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ކާމިޔާބުކޮށްފަ އެވެ.
ހަ އަހަރު ތެރޭ ފުރަތަމަ ފަހަރަށް ބާސެލޯނާ އިން ވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ވެސް ކުޅެފަ އެވެ. މި ހުރިހާ ކަމަކަށް ބެލުމަށް ފަހު، ބާސެލޯނާގެ ބޯޑުން ނިންމާފައިވަނީ، ފްލިކްގެ ކޮންޓްރެކްޓް އާ ކުރުމަށެވެ. އެއީ، ކުރިން، ހަދާފައި އޮތް ކޮންޓްރެކްޓަށް އަހަރެއް އިތުރުވާ ގޮތަށެވެ. މާނަ އަކީ، ފްލިކްގެ ކޮންޓްރެކްޓް، 2027 ވަނަ އަހަރުގެ ނިޔަލަށް ދަންމާލުމެވެ.
ދާދި ފަހުން، ސްޕެއިނުގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވީ، ފްލިކާ ހަވާލުކުރި ޒިންމާތައް ފުރަތަަމަ ސީޒަނުގައި ވެސް ވަރަށް ފުރިހަމަ އަށް އަދާކޮށްފައިވާ ކަމަށެވެ. އަދި، ބާސެލޯނާ ބޭނުންވާ ކުރިއެރުން ފްލިކާ އެކު، ހޯދޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ލަޕޯޓާ ވިދާޅުވި އެވެ.
ބަޔާން މިއުނިކަށް ކޯޗުކޮށްދިންއިރު، ފްލިކް ވަނީ އެ ޓީމާ އެކު، ހަތް ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި އެއް ސީޒަނުގައި ހުރިހާ މުބާރާތް ކާމިޔާބު ކުރުން ހިމެނެ އެވެ. ފްލިކް ވަނީ، މި ސީޒަނުގައި ބާސެލޯނާ އަށް ނުލިބުނު ތަށިތަކާ އެކު، ބޮޑު ކާމިޔާބީއެއް އަންނަ ސީޒަނުގައި ހޯދަން ޓާގެޓް ކުރާ ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ