ދެ ކުޑަކުއްޖަކު ބެހެލެއްޓުމުގެ އިންތިޒާމް ހަމަޖައްސަން ދައުލަތުގެ މައްޗަށް ޖުވެނައިލް ކޯޓުން ދެ އަމުރެއް ނެރެފި އެވެ.
ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުންދާ ޖުވެނައިލް ޖަސްޓިސް ޔުނިޓް(ޖޭޖޭޔޫ) ގެ މައްޗަށް ޖުވެނައިލް ކޯޓުން އަމުރުކޮށްފައިވަނީ 15 އަހަރުގެ ކުއްޖަކަށާއި 12 އަހަރުގެ ކުއްޖަކަށް އުމުރުން 18 އަހަރު ފުރެންދެން ނުވަތަ އެކަށީގެންވާ ދިރިއުޅޭނެ މާހައުލެއް އެ ކުދިންނަށް ލިބެންދެން އެ ކުދިން ބެލެހެއްޓުމަށެވެ. އޭގެ ތެރެއިން 15 އަހަރުގެ ކުއްޖާ ބަލަހައްޓަން ދައުލަތުގެ މައްޗަށް އަމުރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ދެން ހުރި ކުއްޖާ ބަލަހައްޓަން އަމުރު ނެރެފައިވަނީ މިއަދެވެ.
ޖުވެނައިލް ކޯޓުން ބުނީ އެ ދެ ކުދިންނަކީ ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ތުހުމަތު ކުރެވި، އެތައް ފަހަރު ކޯޓަށް ހާޒިރުކޮށް، ބަންދު މުއްދަތު އިތުރުކޮށްފައިވާ ދެ ކުދިން ކަމަށެވެ. އަދި އެކި ސަބަބުތަކާ ހެދި އެ ކުދިންގެ މައިންބަފައިންނަށް އެ ކުދިން ބެލޭނެ ގޮތެއް ނެތުމުންނާއި އެ ކުދިން ބަލަހައްޓާނެ އެހެން ފަރާތެއް ލިބިފައިނުވާތީ އެގޮތަށް އަމުރު ނެރުނީ ކަމަށް އެ ކޯޓުން ބުންޏެވެ.
އެގޮތަށް އަމުރުކުރީ ވެސް ޖެންޑާ މިނިސްޓްރީ އާއި ހޯމް މިނިސްޓްރީގެ އިތުރުން ޖޭޖޭޔޫ އާއި ފުލުހުންނާ ވެސް މަޝްވަރާ ކުރުމަށް ފަހު ކަމަށް ޖުވެނައިލް ކޯޓުން ބުންޏެވެ.
ޖުވެނައިލް ކޯޓުން ބުނީ އެ ދެ ކުދިންގެ ތެރެއިން 12 އަހަރުގެ އެ ކުއްޖާގެ މަންމަގެ ސިއްހީ ހާލަތު ހުރިގޮތުން އެ ކުއްޖާ ބެލެން ނެތް ކަމަށާއި އެ ކުއްޖާގެ ބައްޕަ އުމުރުން ދުވަސްވުމުގެ ސަބަބުން އެ ކުއްޖާ ބެލޭނެ ގޮތެއް ނެތުމުން އެ ކުއްޖާ ދިރިއުޅެން އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ޖޭޖޭޔޫއިން ހުށަހަޅާފައިވާ އެ ކުއްޖާގެ އެސްސްމެންޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން 15 އަހަރުގެ ކުއްޖާގެ މަންމައަކީ ބިދޭސީއަކަށް ވެފައި އޭނާ މިހާރު އުޅޭ ތަނެއް ހޯދިފައިނުވާތީ އާއި އެ ކުއްޖާގެ ބައްޕައަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމުން އެ ކުއްޖާއަށް އެކަށީގެންވާ މާހައުލެއް ނެތް ކަމަށް އެ ކުއްޖާގެ އެސެސްމެންޓް ރިޕޯޓުގައި ވެސް ބަޔާންކޮށްފައިވާ ކަމަށް ޖުވެނައިލް ކޯޓުން ބުންޏެވެ.
އެހެންވެ އެ ދެ ކުދިންނަށް އެކަށީގެންވާ މާހައުލެއް ލިބެންދެން އެ ކުދިން ބެލެހެއްޓުމަށާއި ކައުންސެލިންނާއި ރެހިބިލިޓޭޝަން ދިނުމަށް ވެސް އެ އަމުރުގައި ޖޭޖޭޔޫއަށް އަންގާފައިވެ އެވެ.
ދެ ކުޑަކުއްޖަކު ބަލަހައްޓަން ދައުލަތުގެ މައްޗަށް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ