ސަރުކާރުން ދިނީ ޝަރުއީ ދާއިރާގެ މިނިވަންކަން ދަމަހައްޓާނެކަމުގެ ޔަގީންކަން
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.ހަލީލް އެހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމައި، މި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުން އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރި މައްސަލާގައި އިދިކޮޅު ފަރާތްތަކުން ކިޔަމުން ގެންދާ ފާޑުކިޔުންތަކަށް "އެކްސް"ގައި ދެއްވި ރައްދެއްގަ އެވެ.ހަލީލް ވިދާޅުވީ ދެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވަނީ އެކަމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށް، އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.ރައީސް ޑރ. މުހައްމަދު މުއިއްޒު ޖުޑީޝަރީ އަށް ނުފޫޒު ނުފޯރުވާ ކަމަށާއި ޝަރުއީ ދާއިރާގެ މިނިވަންކަން ދަމަހައްޓަވާނެ ކަމަށް ވެސް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.އޭނާ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ވެސް ބައިނަލްއަގްވާމީ މުޖުތަމައާ ވާހަކަ ދައްކަވާއިރު އެ ހަގީގަތާ އެއްގޮތަށް ވާހަކަ ދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ."އިދިކޮޅު ޕާޓީގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން ބައިނަލްއަގުވާމީ މުޖްތަމައުއާ ވާހަކަ ދައްކާއިރު ކަން ހިނގި ގޮތަށް ތެދު ބަހުން ވާހަކަ ދައްކާނެ ކަމަށް އުންމީދު ކުރަން،" ހަލީލް ވިދާޅުވި އެވެ.ފާހަގަކޮށްލެވޭ ގޮތުގައި، ދެ ފަނޑިޔާރުން ވަކިކުރި ގާނޫނާ ޚިލާފަށް ކަމަށް ބުނެ، ރާއްޖޭގެ ޝަރުއީ ދާއިރާއާ ގުޅިގެން ހުރި ކަންބޮޑުވުންތައް, ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސް (އީއީއޭއެސް)އާ އެމްޑީޕީން އިއްޔެ ވަނީ ހިއްސާކޮށްފައެވެ.އެމްޑީޕީން އެކަން ހިއްސާކުރުމަށް އީއީއޭއެސްއާ ބައްދަލުކުރި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙުމަދު ނަސީމާއި ހެންވޭރު އުތުރު ދާއިރާގެ ކުރީގެ މެންބަރު ހުސައިން ޝަހީމެވެ.އެ ވަފުދުން ވަނީ، އީއީއޭއެސްގެ ޑެޕިއުޓީ މޭނޭޖިން ޑިރެކްޓަރު ޕައޯލާ ޕަމްޕަލޮނީއާ ބައްދަލުކުރައްވައި، ރާއްޖޭގެ ޑިމޮކްރެސީއަށް ދިމާވެފައިވާ ހާލަތު ކިޔައިދެއްވާފައެވެ. އެގޮތުން، މި ސަރުކާރުގައި ޝަރުއީ ދާއިރާގެ މިނިވަންކަން ނަގާލާފައިވާ ގޮތުގެ އެސެސްމަންޓެއް ހިއްސާކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ