ޝަރުއީ ހުކުމެއްނެތި އެއްވެސް ފްލެޓެއް މުއްތޮލިބަށް އަތެއްނުލެވޭނެ!

ކޮންހާ ލަންބާ ޗޯޅާ ވާހަކައެއް ހެއްޔެވެ. ގެދޮރުވެރިޔާ ސްކީމް ހިންގީ ރައީސް ސޯލިހުވެރި ކަމުގައެވެ. ސްކީމަކީ މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހުނަށް ބޯހިޔާވަހިކަން ހޯދާދިނުމަށް ހިންގި ސްކީމެކެވެ. ގެދޮރުވެރިޔާ ސްކީމްގެ ހުރިހާ ކަމެއް އަލިފުން ޔާއަށް ހިންގީ ރައީސް ސޯލިހުގެ ސަރުކާރުންނެވެ. އުސޫލުތައް ހަދާ މިންގަނޑުތައް ކަނޑައަޅާ އިވެލުއޭޓްކޮށް ހައްގުވެރިން ކަނޑައަޅާ އެއްބަސްވުން ހަދާ ސޮއިކޮށް 4000 އާއިލާއަށް ހިޔާވަހިކަން ކަށަވަރުކޮށްދިނީ ރައީސް ސޯލިހުވެރިކަމުގައެވެ. އެއީ ދިވެހި ސަރުކާރުގެ ގާނޫނީ ހުކޫމަތުގެދަށުން ކޮށްފައިވާ ގާނޫނީ ހައިސިއްޔަތު ލިބިފައިވާ މުއާމަލާތެކެވެ.  
މިންގަނޑުތައް ކަނޑައަޅާ ސްކީމް ސަރުކާރުން އިއުލާން ކުރިފަހުން ފުރަތަމަ ބަލަން ކަނޑައެޅި މިންގަޑުތަކުން ގިނަ ބަޔަކު ހިޔާވަހިކަމުން މަހުރޫމު ވާކަމުގެ ކަންބޮޑުވުން ބަޔަކު ފާޅުކުރިއެވެ. ރައްޔިތުންގެ ކަންބޮޑުވުން ތަކަށް ރިއާޔަތްކޮށް 15 އަހަރު މާލޭގައި ދިރިއުނުކަމަށް ބަލާ މިންގަޑުތައް އިތުރުކޮށް މާލޭގައި ޒަމާންތަކެއް ވަންދެން ދިރިއުޅުނު ގިނަ ބަޔަކަށް ފްލެޓްތައް ލިބޭނޭ ގޮތަށް އުސޫލު އެކުލަވާލިއެވެ. ނަތީޖާއެއްގެ ގޮތުން މާލޭގައި ދިރިއުޅޭ ހިޔާވަހިކަމަށް ބޭނުންވެފައިވާ އެތައް ބަޔަކަށް ފްލެޓް ލިބޭނެކަން ކަށަވަރުވިއެވެ. 19 ހާހަށްވުރެ ގިނަ މީހުން ފްލެޓަށް ކޮލިފައިވިއެވެ. 
ފްލެޓް ހައްގުވާ މީހުނަށްވުރެ ފުރަތަމަ ބުރުގައި އިމާރާތްކޮށްނިމޭ ފްލެޓް މަދެވެ. އެހެން ކަމުން ފުރަތަމަ ނިމޭ 4000 ފްލެޓް ދޫކުރާނެ މީހުން ކަނޑައެޅީ ލިބުނު މާކްސްއަށް ބަލައިގެންނެވެ. 3 ކޮޓަރިއާއި 2 ކޮޓަރިއަށް އެދިފައިވާ މީހުންގެ ތެރެއިން އެންމެމަތިން މާކްސްލިބޭ މީހުނަށް ފުރަތަމަ 4000 ފުލެޓްދޭން ކަނޑައެޅިއެވެ. 
ފްލެޓްތައް ލިބޭމީހުން ކަނޑައެޅުމާ ހަމައަށްވެސް ހުރިހާކަމެއް ގެންދިޔައީ ވަރަށް ހާމަކޮށެވެ. ޕޯޓަލް މެދުވެރިކޮށް ކޮންމެ މީހަކަށްވެސް އެމީހެއްގެ ސްޓޭޓަސް އޮޅުމެއްނެތި ސާފުވެއެވެ. އުސޫލުތައް އެކުލަވާލާ އަންނަ ކޮންމެ އަދާހަމައެއް ތަފްސީލްކޮށް ގެޒެޓްގައި ޝާއިއުކުރެއެވެ. ފްލެޓަށް އެދުނު މީހުންނާއި ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ތަފްސީލް ލިސްޓެއް ޝަކުވާ ހުށަހެޅުމަށް ހުޅުވާލިއެވެ. ހުށަހެޅުނު ޝަކުވާތަކަށް ބެލުމަށްފަހު އައިބަދަލުތަކާއެކު ޝަރުތުހަމަވާ މީހުންގެ ދާއިމީ ލިސްޓް އާއްމު ކުރިއެވެ.
ޝަރުތުހަމަވާ މީހުންގެ ދާއިމީ ލިސްޓްގައި ހިމެނޭ މީހުންގެ ތެރެއިން އެންމެމަތިން މާކްސް ލިބުނު 4000 މީހުނަށް ފުރަތަމަ 4000 ފްލެޓް ދޭން ކަނޑައަޅާ ވަގުތީ ލިސްޓް ޝަކުވާ ހުށަހެޅުމަށް އިއުލާނު ކުރިއެވެ. ހުށަހެޅުނު ޝަކުވާތަކަށް ބެލުމަށްފަހު ފުރަތަމަ 4000 ފްލެޓް ލިބޭ މީހުންގެ ތަފްސީލާއެކު ދާއިމީ ލިސްޓް ހާމަކުރިއެވެ. ހަމައެއާއިއެކު އެ 4000 މީހުންނާއެކު ސަރުކާރުން އެއްބަސްވުން ހަދާ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. 
ދެފަރާތެއްގެ ދެމެދުގައިވެވޭ އެއްބަސްވުމަކީ އެ އެއްބަސްވުމާއެއް ފަރާތުން ހިލާފުވިޔަސް އަނެއް ފަރާތުގެ ހައްގެއް ގެއްލޭނަމަ ޝަރުއީ ހުކުމަކުން ނޫނީ ނިމުމަކަށް ނުގެނެވޭނެ އެއްޗެކެވެ. ފްލެޓްލިބޭ ފަރާތްތަކާއެކު ކުރީ ސަރުކާރުން ވެފައިވާ އެއްބަސްވުން ޝަރީއަތުން ބާތިލު ނުކުރާހާ ހިނދަކު އެއްބަސްވުމާ އެއްގޮތަށް އެ 4000 ފްލެޓްދޭން ކަނޑައަޅާ އެއްބަސްވެފައިވާ ފަރާތްތަކަށް ޖެހޭނީ ދޭށެވެ. އެއްބަސްވުމެއް ބާތިލުކޮށް ފްލެޓެއް ދޭންކަނޑައެޅި ފަރާތަކަށް ނުދީ ހިފެހެއްޓޭނީ ހަމައެކަނި އެ އެއްބަސްވުމެއްގައި ގައިރު ގާނޫނީ ކަމެއް ހިނގާފައިވާކަން ޝަރީއަތަށް ސާބިތުވާ އެއްބަސްވުމަކުން ލިބިފައިވާ ފްލެޓެއް އެކަންޏެވެ.
މުއިއްޒަކަށް އޭސީސީއަކަށް ހައިދަރަކަށް މުއްތަލިބަކަށް ޝަރުއީ ހުކުމެއްނެތި ކުރީގެ ސަރުކާރުން ދޭންކަނޑައެޅި ގެދޮރުވެރިޔާ ސްކީމްގެ އެއްވެސް ފްލެޓެއް އެކެއްގެ އަތުންވެސް އަތެއް ނުލެވޭނެއެވެ. ޒާތްޒާތުގެ ބަހަނާ ދައްކައިގެން ގޭމް ޖައްސާނެކަމެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ