މުލީ އެއަރޕޯޓުގެ ބޮޑުބައެއް ނިންމާލައިފި، މިއަހަރު ޚިދުމަތް ދޭން ފެށޭނެ: ކައުންސިލް

މ.މުލީގައި ތަރައްޤީކުރާ އެއަރޕޯޓް މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށާއި މިއަހަރު ތެރޭގައި އެއަރޕޯޓް ބޭނުން ކުރަން ފެށޭނެކަމަށް މުލީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
މުލަކަތޮޅަކީ ރާއްޖޭގައި މިވަގުތު އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ އަތޮޅެކެވެ. މި އަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށް އޮންނައިރު، އަތޮޅުގައި އެއަރޕޯޓެއް ތަރައްޤީވެގެންދިއުމަކީ މީގެ ގާތްގަނޑަކަށް 30 އަހަރު ކުރިއްސުރެ އަތޮޅުގެ ރައްޔިތުން ކުރަމުންދިޔަ އުންމީދެކެވެ.
އެގޮތުން މުލީގައި އެއަރޕޯޓެއް އެޅުމަށް ނިންމައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށް އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
އެއަރޕޯޓް މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާ ހިއްސާ ކުރައްވަމުން މުލީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝާކިފް ވިދާޅުވީ އެއަރޕޯޓްގެ މަސައްކަތަކީ މުލީގައި މިހާރު ހިންގޭ އެންމެ ބޮޑު އަދި އެންމެ ބިޔަ މަޝްރޫއުކަމަށެވެ. އަދި މި މަޝްރޫއުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން ރަންވޭގައި ތާރު އަޅާ ނިމިފައިވާ ކަމަށާއި، އެއަރޕޯޓް ޓަރމިނަލްގެ 90 އިންސައްތަ މިހާރު ނިމިފައިވާކަމަށްވެސް ޝާކިފް ވިދާޅުވިއެވެ.
" ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ވަނީ ނިމިފައި އެހެންނަމަވެސް ރަންވޭގެ ދެ ފަރާތުން ހިއްކަންޖެހޭ ސަރަހައްދު ހިއްކުމުގެ މަސައްކަތް މިހާރު ކުރެވެމުން އެދަނީ. އެހެންވީމަ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ރަށުން އެއަރޕޯޓްގެ ޚިދުމަތްވެސް ލިބިގެން ދާނެ" ޝާކިފް ވިދާޅުވިއެވެ.
ޝާކިފް ވިދާޅުވީ މުއްޔަކީ އަތޮޅުގެ ވެރިކަންކުރާ ރަށަށް ވުމާއެކު އެކި ޚިދުމަތް ހޯދުމަށް އެރަށަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު ނިސްބަތުން އިތުރުކަމަށެވެ. އެހެންކަމުން އެއަރޕޯޓްގެ މަސައްކަތް ނިމި ޚިދުމަތް ދޭން ފެށުމުން ދަތުރު ފަތުރު ކުރުމަށާއި ޞިއްޙީ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށްވެސް ބޮޑުތަނުން ފަސޭހަވެގެން ދާނެކަން ކައުންސިލުން ފާހަގަކުރެއެވެ.
މުލީގައި އެއަރޕޯޓް ތަރައްޤީކުރަނީ ރަށުގެ އިރުދެކުނު ފަރާތުން ހިއްކާފައިވާ 40 ހެކްޓަރުގެ ބިމުގައެވެ. މިއީ 2018 ވަނަ އަހަރު ހިއްކި ސަރަޙައްދެކެވެ.
މި މަޝްރޫޢުގެ ދަށުން މުލީ އެއަރޕޯޓުގައި 1200 ދިގު، 30 ފޫޓު ފުޅާ ރަންވޭއެއް ތަރައްޤީކުރުމާއި، ޓެކްސީވޭއާއި އޭޕްރަން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަލަށް ހިއްކާ ސަރަޙައްދުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށްޓަކާ 1812 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުންވެސް ހިމެނެއެވެ.
މި މަޝްރޫޢަށް 221 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ