މަޖިލީހުގެ ކުރީގެ މެމްބަރުންނަށް ދޭ އެލަވަންސް އުވާލުމަށް ގޮވާލާ އަޑު ގަދަވެއްޖެ!

ރައްޔިތުންގެ މަޖިލީހުގައި މީގެ ކުރިން މެމްބަރުންކަން އަދާކުރެއްވި ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް އުވާލުމަށް ގޮވާލާ އަޑު ގަދަވެއްޖެއެވެ.
މިގޮތުން މިކަމަށް ސޯޝަލް މީޑިއާގައި އަޑު އުފުލާ ފަރާތްތަކުން ބުނަމުންދާގޮތުން، މެމްބަރަކު އޭނާގެ އުމުރުގެ 5 އަހަރު މަސައްކަތްކުރުމުން ޖުމްލަ 16 މިލިއަން ލިބޭއިރު، އާދައިގެ މީހަކު އުމުރުދުވަހު މަސައްކަތް ކޮށްގެން ވެސް އެ އަދަދެއް ނުލިބެއެވެ.
ކޮންމެ މަޖިލީހަކަށް ވެސް އާ މެންބަރުން ހޮވި، ކޮންމެ ދައުރެއްގައި ވެސް މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވަމުންދާއިރު، މިއީ  ދައުލަތަށް އުފެލޭ މިންވަރަށް ވުރެ ބޮޑު މާލީ ބުރައެއް ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
މިކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވެސް ތާއީދު ކުރައްވާފައިވާއިރު، މިދިޔަ މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކެނޑިޑޭޓް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވެސް ވަނީ މިކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
މިގޮތުން ފާރިސް ވިދާޅުވީ، ކުރީގެ މެންބަރުންގެ އެލަވެންސް އުވާލަންޖެހޭ ސަބަބުތައް އެބަހުރި ކަމަށާއި އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ ދައުލަތު މާލިއްޔާއަށް އޮންނަ ބުރަ އާއި އޭގެ ސަބަބުން އާންމު ރައްޔިތުންގެ އާމްދަނީއާ މެންބަރުންގެ އިނާޔަތާ ދެމެދު އޮންނަ ފަރަގު ކަމަށެވެ.
އެލަވެންސް ބޭނުމުގައި އެކި ނާޖައިޒު ގޮތްތަކުން މަޖިލީހަށް އިންތިހާބުވާން މަސައްކަތް ކުރާ މީހުން އިތުރުވެފައިވާކަން ފާހަގަކުރައްވާ ފާރިސް ވަނީ މިކަމަށް ނުވަތަ މުސާރަ އާއި މެމްބަރުންގެ އަދަދު ކުޑަކުރުމަށް ވައުދުވި އެއްވެސް ކެނޑިޑޭޓަކު މިފަހަރުގެ މަޖިލީހަށް ހޮވުނުތޯ ސުވާލު އުފައްދަވާފައެވެ.
މިކަމާއި ގުޅިގެން އެތައް ބަޔަކު ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުން އަންނައިރު، އެތައް ބަޔަކު އަންނަނީ މިއީ އިންސާފެއް ނޫން ކަމަށާއި، މިފަދަ ބޭކާރު އެލަވަންސް އެއް ދިނުން ހުއްޓާލުމަށް ގޮވާލަމުންނެވެ. 
މަޖިލިސް މެމްބަރުންނަށް ދޭ އެލަވަންސް އުވާލުމަށް އެތައް ބަޔަކު ގޮވާލަމުން އަންނައިރު، މަޖިލީހުގެ މެންބަރު ކަން އެންމެ މަދުވެގެން އެއް ދައުރު ފުރިހަމަ ކުރާ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ހިދުމަތުގެ ގާނޫނުގައި އިނާޔަތް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
އެގޮތުން މި ގާނޫނޫ ބުނާގޮތުން، ރައްޔިތުންގެ މަޖިލީހުގެ އެއް ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި މެންބަރުކަމުގެ މަގާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ 30 ޕަސެންޓް ދައުލަތުން ދޭންޖެހޭއިރު، ދެ ދައުރުގައި މެމްބަރުކަން ކުރި މީހަކަށް މުސާރައިގެ 45 ޕަސެންޓް ދޭން ޖެހެއެވެ.
ރައްޔިތުންގެ މަޖިލީހުން ވަކިވުމަށް ފަހު އަދި އެ މެންބަރެއްގެ އުމުރުން 55 އަހަރު ފުރުމަށް ފަހުގައި މި އިނާޔަތް ލިބޭގޮތަށް ގާނޫނުގައި ކަނޑައަޅާފައިވާއިރު، ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކުރާ ނަމަ، އެ މުއްދަތުގައި މި އިނާޔަތެއް ނުލިބޭނެ އެވެ.
ހަމައެއާއިއެކު، މި އެލަވަންސް ލިބޭ ނަމަ ދައުލަތުގެ އިތުރު ޕެންޝަނެއް ނުވަތަ މާލީ އިނާޔަތެއް ނުލިބުނު ނަމަވެސް މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝުއަރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ލިބޭކަން ފާހަގަކޮށްލަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ