ހަތަރު ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ޓާފް އެޅުމަށް މަސައްކަތް ބޮޑު ތިލަ އިންވެސްޓްމަންޓަށް

ބ. ކިހާދޫ، މ. މުލި، މ. ވޭވަށް އަދި ގދ. ނަޑެއްލާގެ ފުޓްބޯޅަ ދަނޑުތަކުގައި ޓާފް އެޅުމަށް ބޮޑުތިލަ އިންވެސްޓްމަންޓާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި ހަތަރު ރަށުގެ ފުޓްބޯޅަ ދަނޑުތަކަށް ބޭނުންވާ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުޅިވަރާއި ހަށިހެޔިކަމާ ބެހޭ ވުޒާރާގައި ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ.
މި ހަތަރު ރަށުގެ ތެރެއިން މުލި، ވޭވަށް އަދި ނަޑެއްލާ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް ނިޔާޒެވެ. އަދި ކިހާދޫ ދަނޑަށް ބޭނުންވާ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އިސްމާޢީލް ރަޢޫފެވެ. ބޮޑުތިލަ އިންވެސްޓްމަންޓުގެ ފަރާތުން މި ހަތަރު އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓްސް މެނޭޖަރ އާމިނަތު ޝަކީލާއެވެ.
މި އެއްބަސްވުމުގެ ދަށުން މި ހަތަރު ރަށުގެ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކުރުމަށް ބޮޑުތިލަ އިންވެސްޓްމަންޓާ ހަވާލުކުރީ މަސައްކަތް ފަށާތާ، 81 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ. މި މަޝްރޫއަކީ ކޮންމެ ރަށަކަށް ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުން 4،609،431.36 (ހަތަރު މިލިޔަން ހަ ލައްކަ ނުވަހާސް ހަތަރުސަތޭކަ ތިރީސް އެއް ރުފިޔާ ތިރީސްހަ ލާރި) ޚަރަދުކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ