އިސްލާމްދީން ކުރިއެރުވުމުގައި ބައި ގަރުނު ހޭދަކުރެއްވި ޝައިހު އިސްމާއިލް އަވަހާރަވެއްޖެ

އިސްލާމްދީން ކުރިއެރުވުމުގައި ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ޝައިހް އިސްމާއިލް މުހައްމަދު (ތޮއިބާ ޝައިހު) އުމުރުން 91 އަހަރުގައި ރޭ އަވަހާރަވެއްޖެ އެވެ.
އިސްލާމްދީނަށް މީހުން ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ އިލްމު އުގަންނައި ދެއްވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވި ޝައިހު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނިކޮށެވެ. 
ދ. މީދު އަށް އުފަން، މއ. ފީރޯޒްވާދީ، ޝައިހު އިސްމާއިލަށް ވަނީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނަށް ހިދުމަތް ކުރުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފަ އެވެ. އަދި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު ވެސް ޝައިހު އިސްމާއިލަށް މިދިޔަ އަހަރުގެ އޭޕްރީލް 19 ވަނަ ދުވަހުގެ ރޭ އެރުވި އެވެ. 
The most trusted news source in the Maldives
 އިސްލާމީ ތައުލީމު އުގަންނައި ދިނުމުގައި ބައި ގަރުނަށް ވުރެ ގިނަ ދުވަސް ހޭދަކުރެއްވި ޝައިހު އިސްމާއިލް އަވަހާރަވިއިރު އޭނާގެ އަމިއްލަ ހަރަދުގައި ހުޅުމާލެ 1 ގައި އަންނަނީ މިސްކިތެއް އިމާރާތް ކުރަމުންނެވެ. ކުރިން މާލޭގައި މަޝްހޫރުވި ތޮއިބާ ސްކޫލް ވެސް ހިންގެވި ތޮއިބާ އިސްމާއިލް އިމާރާތް ކޮށްދެއްވަމުން ގެންދަވާ މިސްކިތުގެ ނަން ނިސްބަތް ކުރައްވަނީ ކީރިތި ރަސޫލާގެ އަނބިކަނބަލުން އުންމުލްމުއުމިނީން އާއިޝަތުގެފާނަށެވެ.
The most trusted news source in the Maldives
އެ މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވީ މިދިޔަ އަހަރުގެ މާޗު މަހުގެ ފަސްވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. ޝައިހު އިސްމާއިލްގެ އަމިއްލަ ހަރަދުގައި މިސްކިތެއް ބިނާކުރުމަކީ އޭނާ ވަރަށް ކުރިއްސުރެ ފެށިގެން ކުރައްވަން ބޭނުންވި ކަމެކެވެ.
ޝައިހު އިސްމާއިލަކީ މަދީނާ ޔުނިވާސިޓީން ޑިގްރީ ހާސިލް ކުރެއްވި ފުރަތަމަ ދިވެހި ދަރިވަރެވެ. އެއީ 1970 ގެ އަހަރުތަކުގަ އެވެ. 
މާލޭގައި މަޝްހޫރު ތޮއިބާ ސްކޫލްގެ ނަމުގައި ސްކޫލެއް އުފެއްދެވި ޝައިހު އިސްމާއިލް ވަނީ ޕާކިސްތާނުގެ ޖާމިއާ ސަލަފިއްޔާ އިން ދިވެހި ގިނަ ދަރިވަރުންތަކަކަށް ފުރުސަތު ހޯއްދަވައި ދެއްވައިފަ އެވެ. ޕާކިސްތާނުގެ އެކި ޔުނިވާސިޓީތަކުން އިސްމާއިލްގެ އެހީތެރިކަމާ އެކު ފުރުސަތު ހޯއްދަވައި ދެއްވި ދަރިވަރުންގެ އަދަދު 100 އަށް ވުރެ މާ ގިނަ ވާނެ ކަމަށް ދައްކަ އެވެ.
އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު ބައެއެއް ބޭފުޅުންނަކީ މަރްހޫމް ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ އާއި ޑރ. އަލީ ޒާހިރާއި ޑރ. އަބްދުއްސައްތާރު އަބްދުއްރަހުމާނާއި ޑރ. އަހުމަދު ޒާހިރާއި ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އާއި ޑރ. އަޝްރަފް އަބްދުއްރަހީމާއި ޑރ. އާދަމް ޝަމީމާއި ޑރ. މުހައްމަދު ގުބާދު އަބޫބަކުރާއި ޑރ. އަބްދުﷲ ޖަމީލާއި ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޑރ. ހަސަން ސައީދާއި ޝައިހު މުހައްމަދު ލަތީފާއި ޝައިހު އަހުމަދު ފާރޫގު މުހައްމަދާއި ޝައިހު ޝުއައިބު އަބްދުއްރަހުމާނާއި އަހުމަދު ފާއިޒު ހުސައިނާއި ޝައިހު ފައްޔާޒު އަލިމަނިކާއި ޝައިހު އަބްދުﷲ މުހައްމަދު އިބްރާހީމާއި ޝައިހު އަބްދުލް އަޒީޒު ހުސައިން (އަޒީބެ) އާއި ޝައިހު އަހުމަދު ސަމީރާއި ޝައިހު ހުސައިން ރަޝީދު އަހުމަދާއި ޝައިހު މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު އެވެ.
ޝައިހު އިސްމާއިލް އަވަހާރަވުމާ ގުޅިގެން ރައީސް މުއިއްޒު ހިއްސާ ކުރެއްވި ތައުޒިޔާގެ މެސެޖުގައި ވަނީ އޭނާގެ ހިދުމަތްތައް ފާހަގަކުރައްވައިފަ އެވެ.
އެގޮތުން ޝައިހަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރުއްވުމަށްޓަކައި ވަރަށްފުޅާ ދާއިރާއެއްގައި މަސައްކަތް ކުރައްވައިފައިވާ އަދި ރާއްޖެއިން ބޭރުގައި ދީނީ ރޮނގުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދިވެހި އެތައް ދަރިވަރުންނަކަށް ހޯއްދަވައި ދެއްވައިފައިވާ ބޭފުޅެއްކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.
"މީގެ އިތުރުން، ދިވެހި ގައުމަށް މަތިވެރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރު ވެސް ހިދުމަތުގެ އިސް ސަފުގައި ހިދުމަތް ކުރައްވަމުން ގެންދަވާ އެތައް ބޭފުޅެއްގެ އުސްތާޒެއްއް ވެސްމެ،" ރައީސްގެ ތައުޒިޔާގެ މެސެޖުގައި ވެ އެވެ. 
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ޝައިހު އިސްމާއިލަކީ ދީނީ އެކިއެކި ފޮތްތައް ދިވެހިބަހަށް ތަރުޖަމާ ކުރައްވައި، ޝާއިއު ކުރައްވަމުން ގެންދަވައިފައިވާ ބޭފުޅެއް ވެސް މެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ