މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް ޒިޔާދު އަދި ސަލީމްގެ ނަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްގެ ނަން ހުށަހަޅައިފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާ ބާއްވާފައި ވަނީ ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށެވެ. މި މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށް ވަގުތީ ކޮމިޓީއެއްވެސް އެކުލަވާލައިފައިވެއެވެ.
އެގޮތުން މަޖިލީހުގެ ނައިބުކަމުގެ މަގާމަށް އެމްޑީޕީގެ ފަރާތުން ޒިޔާދުގެ ނަން ހުށައެޅުއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޢަފޫރު މޫސާއެވެ. އަދި ސަލީމްގެ ނަން ޕީއެންސީން ހުށައެޅުއްވީ ޕީޖީ ލީޑަރު ފަލާހުއެވެ.
މަޖިލީހަށް އާ ނައިބު ރައީސަކު އިންތިޚާބުކުރަން ޖެހުނީ، އެ މަޤާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނާޒިމް އިސްތިއުފާ ދެއްވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ތާވަލުކޮށްފައި ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ