ރާއްޖެ އަށް ކުރިމަތިވެފައިވާ ދަރަނީގެ އަނދަވަޅުން ސަލާމަތް ކުރެވޭނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވެރިކަމަށް ގެނެސްގެން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ހދ. ނެއްލައިދޫގައި މިއަދު ވިދާޅުވެއްޖެއެވެ.
ނެއްލައިދޫގައި މިއަދު ބޭއްވި ޖުމްހޫރީ ޕާޓީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ރައީސްއަކަށް ހުންނަ ބޭފުޅަކު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ. ވެރިކަމަކީ ކޮންމެ މީހަކާ ހަވާލު ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށާއި ކޮންމެ ކޮންމެ މީހަކާ ވެރިކަން ހަވާލުކުރުމުން ކަންތައްތައްވާ ގޮތް މިހާރު ފެންނަމުންދާ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
ރައީސް ވަހީދު ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތީ މިނިވަންކަމަށް ވަރަށް ބޮޑަށް ނުރައްކާވާ ހާލަތުގައި ކަމަށާއި ހަމަ އެހެންމެ ރާއްޖެ މިހާރު އޮތީ ސަލާމަތް ނުވެވޭ ވަރަށް ދަރާ ވިކިފައި ކަމަށެވެ.
"އެހެންވީމާ މި ކަހަލަ ކަންތައްތައް މިހެން ހުރީމާ އަޅުގަނޑުމެން އެބަ ޖެހޭ ކަންކަން ކުރަން ދަންނަ މީހަކު ހޯދަން. އެއީ އަޅުގަނޑުމެންގެ އިގްތިސޯދު ވެސް އެބަ ޖެހޭ ފުޅާކުރަން. ބައިވަރު މަސައްކަތްތައް ކޮށްފައި ހުރި މީހަކު، ތަޖުރިބާ ހުރި މީހަކު އެބަ ޖެހޭ ހޯދަން. ހަމަ އެހެން ދުނިޔޭގެ އެހެން ތަންތަނާ ގުޅުން ހުރި މީހަކުވެސް ހޯދަން އެބަ ޖެހޭ." ގާސިމަކީ ބޭރު ދުނިޔޭގެ އެކިއެކި ފަރާތްތަކާ ގުޅުން އޮންނަ ބޭފުޅެއް ކަން ފާހަގަ ކުރައްވައި ވަހީދު ވިދާޅުވިއެވެ.
ރައީސް ވަހީދު ވިދާޅުވީ މިހާރު އަނެއްކާވެސް އޮތީ އެހީތައް ހޯދަން ޖެހޭ ދަނޑިވަޅަށް އައިސްފައި ކަމަށާއި ރާއްޖޭގެ ދަރަނިތަކުން ސަލާމަތްވުމަށްޓައި ބޭރުގެ ފަރާތް ފަރާތާ ގުޅައިގެން ހޯދެން ހުރި ހުރިހާ އެހީތެރިކަން ހޯދަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު ކުރިމަތިލައްވާފައި ތިއްބެވި ކެނޑިޑޭޓުންގެ ތެރެއިން އެ މަސައްކަތް އެންމެ ރަނގަޅަށް ކުރެއްވޭނެ ބޭފުޅަކީ ގާސިމް އިބްރާހިމް" ރައީސް ވަހީދު ވިދާޅުވިއެވެ.
ރާއްޖެ ދަރަނިން ސަލާމަތް ކުރެވޭނީ ގާސިމް ވެރިކަމެއްގައި: ރައީސް ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ