އެމްޑީޕީ ޕްރައިމަރީ މާދަމާ؛ ޝާހިދު އެދިވަޑައިގަތީ ބަލިވާ ކެންޑިޑޭޓުން ވެސް އެކުގައި ތިބެން

ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީ މާދަމާ ބޭއްވުމަށް ފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ. އެއާ އެކު، މި ޕްރައިމަރީއަށް ފަހު، ނާކާމިޔާބުވާ ކެންޑިޑޭޓުން ވެސް މި އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެކުގައި ތިބުމަށް އެދިވަޑައިގެން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ޕާޓީގެ މެންބަރުންނަށް މިއަދު މެސެޖެއް ދެއްވާފަ އެވެ.
ތަފްސީލު - މާދަމާ އެމްޑީޕީގެ ޕްރައިމަރީ އޮންނާތީވެ، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ސޯޝަލް މީޑިއާގައި ދޫކުރެއްވި ކުރު ވީޑީއޯ މެސެޖްގައި ޝާހިދު އެދިވަޑައިގެންނެވީ ޕާޓީ ހުރިހާ މެންބަރުން ވެސް މި ވޯޓުގައި ބައިވެރިވުމަށެވެ. އަދި ވޯޓުގެ ކަންތައްތައް އޮމާންކަމާއި ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދިއުމަށް ވެސް އޭނާ އެދިވަޑައިގެންެވި އެވެ.
"[އަޅުގަނޑު އެދެނީ] ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅުންނާ އެކު ޕްރައިމަރީގައި ވާދަ ކުރެއްވި ހުރިހާ ބޭފުޅުން އަދި އެ ބޭފުޅުންގެ ޓީމުތައް ހިމެނިގެން އެކުގައި ނުކުމެ މި އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެއްވުމަށް،" ދޮޅު މިނެޓުގެ ވީޑިއޯ މެސެޖްގައި ޝާހިދު ވިދާޅުވި އެވެ. 
"މިއަދު މި ރާއްޖޭގެ ކޮންމެ ރައްޔިތަކު ބުނަމުން ގެންދަނީ މި ރާއްޖެ ގޮސްފައިވާ ހާލަތު. ދޮގާއި މަކަރާއި ހީލަތާއި ފަސާދައިގެ ބިންގަލެއްގެ މައްޗަށް ބިނާކޮށްފައިވާ ސަރުކާރު ބަލިކޮށްލުން އެއީ އަޅުގަނޑުމެން މިއަދު ކުރަން ޖެހިފައިވާ ކަމެއް."
އެހެންކަމުން، ސަރުކާރު ބަލިކުރުމަށްޓަކައި "ރާއްޖޭގެ ހުރިހާ ރައްޔިތުން ގުޅިގެން ނުކުމެ"، އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމަށް ޝާހިދު އެދިވަޑައިގެންނެެވި އެވެ.
އެންގުން މުހިންމު - ޖުމްލަ 14،000އެއްހާ މެންބަރުންނަށް ވޯޓު ލުމުގެ ހައްގު ލިބޭ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ މެންދުރު 2 ޖަހާއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ