ކުޑަ އަންހެއް ކުއްޖަކު ގްރޫމްކޮށް، ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 2 ފިރިހެނުން ހައްޔަަރަށް
އުމުރުން އެންމެ 15 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގްރޫމްކޮށް އެ ކުއްޖާގެ ނާޖާއިޒު ފައިދާ ނަގައި، ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށީ، ސިލްވަސްޓާ، އުމުރުން 44 އަހަރުގެ އަލީ ޙަސަނާއި، ހދ. ކުޅުދުއްފުށީ، ކަސްތޫރިގެ، 21 އަހަރުގެ މުޙައްމަދު އިޙްސާނެވެ. މި ދެ މީހުން އަތުލައިގަނެފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ކްރައިމް އިންޓެލިޖެންސް އަދި އަތޮޅުތެރޭގެ ފުލުހުން ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ. މީގެ ތެރެއިން އަލީ ޙަސަން ހައްޔަރުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު 24ގައެވެ. އޭނާގެ ބަންދުގެ މުއްދަތު ކޯޓުން މިހާރު ވަނީ އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. މުޙައްމަދު އިޙްސާން ހައްޔަރުކުރީ މި މަހުގެ ތިންވަނަ ދުވަހެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ދީފައިވާ މުއްދަތު ހަމަވާނީ އަންނަ މަހުގެ ހަވަނަ ދުވަހަށެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ޝިކާރައަކަށްވެފައިވަނީ 15 އަހަރުގެ ދިވެހި އަންހެން ކުއްޖެކެވެ. ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ "ގްރޫމިން" އާއި، އެ ކުދިންގެ ނާޖާއިޒު ފައިދާ ނަގައިގެން މަސްތުވާތަކެއްޗާއި، ގޭންގު ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ އަމަލުތަކުގައި ކުދިން ބައިވެރިކުރުވާ ފަރާތްތަކާމެދު ފުލުހުން ދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ