ޙަޤީޤީ އަންހެނުންގެ ހިތްވަރު އެލުވައެއް ނުލެވޭނެ! ބޭނުންވަނީ ރަނގަޅު ވިސްނުން!: އިން ޝާ ﷲ: މުފްތީ މެންކް

ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމަށް ކުރިމަތިލައި ކާމިޔާބު ހޯދާ އަންހެނުން އެކުރާ ހިތްވަރަށް ވިސްނުމުން އެކަނބަލުންނަކީ ކިހާ ހިތްވަރުގަދަ ބައެއްކަން އެނގޭނެއެވެ. ދެރަކޮށް ނިކަމެތިކޮށް އެކަނިވެރިކުރުވިޔަސް އެކަނބަލުންގެ ހިތްވަރަށް ބަދަލެއް ނުއަންނާނެކަން އެކަނބަލުން އެގެންދަނީ ޢަމަލުން ދައްކަމުންނެވެ. އެކަނބަލުންނަށް ބޭނުންވާނީ ރަނގަޅު ވިސްނުމެވެ!
ލޮބުވެތި ކަނބަލުންނޭވެ! ތިއަ ކަނބަލުން ރަނގަޅު ގޮތުގައި ތިއްބައި ނިކަމެތިކޮށްފިނަމަ ވސްނަންވީ ހަމަ މިފަދައިންނެވެ! "އެކަނިވެރިވާންޖެހުމަކީ ހާދަގިނަ އަދަދެއްގެ އަންހެނުންނަށްވެސް ކުރިމަތިވާ ކަމެކެވެ. އެމީހުން ކެތްތެރިވުމުން އެމީހުންނަށްވަނީ މާރަނގަޅު ގޮތްތައް މިންވަރުކުރައްވަވައިފައެވެ. އަހަރެންނަށްވެސް ހަމަ ކެތްކުރެވޭނެއެވެ! އަދި އަހަރެންނަށްވެސް ހަމަ މާރަނގަޅު ފިރިއަކުވެސް ދެއްވަވާނެތެވެ!" މިވިސްނުން ގެނައުމާއިއެކު ދުޢާކުރުން ގިނަކުރާށެވެ!
ކުށަކާއި ނުލައި އެކަނިވެރިވާ ވަގުތުން ފެށިގެން އޭނާއަކީ އަނިޔާލިބެމުންދާ ނަފްސެކެވެ. އަނިޔާވެރިންގެ ދުޢާ އާއި ﷲ ތަޢާލާ އާއި ދެމެދަށް އެއްވެސް ހުރަހެއް ނެތެވެ. ވީމާ އޮތީ ކެތއތެރިވެ ސާބިތުވުމެވެ. ދުޢާކުރުން ގިނަކުރުމެވެ. އެންމެފަހަރަކުވެސް އަނިޔާދިން މީހާއަށް ލައްނަތް ދެއްވެވުން އެދި ދުޢާނުކުރާށެވެ! އެކަން ﷲ ތަޢާލާއަށް ވަކީލްކުރާށެވެ! ދުޢާކުރަންވާނީ ތިމާއަށް ރަނގަޅު ގޮތްތައް މިންވަރުކޮށްދެއްވެވުން އެދިއެވެ. ތަޤްވާވެރި އޯގާތެރި ލޯބިވާނެ ފިރިއަކު ތިމާއަށް ދެއްވެވުން އެދިއެވެ.
ހަމައެއާއިއެކުފާފައަކަށްވެދާނެ އެންމެހައިކަންކަމުން ދުރުހެލިވެ ހުރުމެވެ! އެއިރުން ﷲ ތަޢާލާ އެމީހަކަށް ރަޙްމަތް ލައްވަވައި މާއުފާވެރި ޙަޔާތެއް ދެއްވަވާނެތެވެ! އިން ޝާ ﷲ
އަންހެނުން ބަލިވެއިނުމުން ޚާއްޞަކޮށް އަލަށް ނުވަތަ ފުރަތަމަ ފަހަރު ބަލިވެއިނުމުން ލިބޭ ހިތްވަރު ދިރިއުޅުމުގެ ހުރިހާ ހާލެއްގައިވެސް ބޭނުންކުރާނަމަ ދަތްދޮޅި އެލުވައި މޭގައި ޖައްސާކަށް ނުޖެހޭނެ އެވެ.
ވިސްނާށެވެ! ބަލިވެ އިންކަން އެނގުމަކީ ލިބޭ އެންމެ އުފާވެރި ޚަބަރެވެ. ޙަޔާތުގެ ގަހުގައި މޭވާއަޅަން ބޭނުން ނުވާނީ ކާކުހެއްޔެވެ؟ އެމޭވާ ބޮޑުވެ ފައްކާވެ ދޮންވުމުން އެއިގެ މީރު ރަހަ ދެކެން ބޭނުންނުވާނީވެސް ކާކު ހެއްޔެވެ؟
ބަނޑު ބޮޑުވެ ވޭންތައް އުފުލަންޖެހުމުން ގިނަ ސުވާލުތަކެއް އުފެދިގެންދެއެވެ. އަހަރެންނަށް މިކަން ކުރެވޭނެހެއްޔެވެ؟ ވޭންއަޅާވަރުން އުނދަގޫތައް ކުރިމަތިވެއެވެ. ރޭގަނޑުގެ ނިދި ގެއްލެންފެށުމުން ކަންބޮޑުވުން އިތުރުވެއެވެ. ވިހެއުމުގެ ވޭން އުފުލިދާނެކަމާއިމެދުވެސް ސުވާލުކުރެވެއެވެ.
ނަމަވެސް ކަންތައްތައް ވަނީ ކިހިނަކުންހެއްޔެވެ؟ ހިތަށް އަރަން ފަށައެވެ. "މިއީ އަހަރެންނަށް އެކަނި ކުރަން ޖެހޭ ކަމެއް ނޫނެވެ. ދުނިޔޭގެ ހުރިހާ އަންހެނުންނަށްވެސް ހަމަ ކުރެވޭ ކަމެކެވެ. އަހަރެންނަށް ނުކުރެވެންވީ ކީއްވެގެން ހެއްޔެވެ؟ ހަމަ ކުރެވޭނެއެވެ. އެހެން އަންހެނުނަންށްވުރެ މާ ހިތްވަރުކުރާނަމެވެ. ﷲ ތަޢާލާ އަހަރެންނަށް ހިތްވަރު ދެއްވަވާނެތެވެ!" އެ ސާބިތުކަމުގައި ދުޢާކުރުންމަތީގައި ތިބެނީއެވެ.
މިފަދަ މަތިވެރި ޢަޒުމުގައި ތިބޭނަމަ ދަތްދޮޅި ނުވަތަ ކަރުއެލުވާލާކަށް ނުޖެހޭނެއެވެ. ވިސްނައިލަން އޮތް ކަމަކީ މިފަދަ ޢަޒުމާއި ހިތްވަރު ލިބޭނީ އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަ ގުޅުމުގެ ސަބަބުން ކަމެވެ. ވީމާ ކުރަން އޮތް ކަމަކީ އެ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތްކުރުމެވެ.
--މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ