ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހުޅުވައިދެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު ވަހީދު ރިޔާސީ ބަޔާން އިއްވަވާފައިވާތީ އެމަނިކުފާނުގެ ހިތްވަރުފުޅު ގަދަ ކަމަށްޓަކާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފިއެވެ.
އާޓިފިޝަލް ބީޗްގައި ރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަދައްކަވަމުން އެޕާޓީގެ ވަގުތީ ރަޢީސް ކަން ވެސް ކުރައްވާ މައުމޫން ވިދާޅުވީ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވެވުމަކީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމު ކުރާކަމެއް ކަމަށާއި، ރައީސް ޑރ. ވަހީދު އެކަން ކުރެއްވީ ވަރަށް ހިތްވަރުފުޅާއެކު ކަމަށެވެ.
” ރައްޔިތުންގެ މަޖިލީސް ކޮންމެ އަހަރަކަށް ހުޅުވުމަކީ ގާނޫނު އަސާސީގައި ބުނާ ކަމެއް. އަދި އެދުވަހު ރައްޔިތުންގެ މަޖިލީހާއި މުޚާތަބުކުރައްވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދެއްކެވުމަކީވެސް އަޅުގަނޑުމެންގެ ގާނޫނު ލާޒިމުކުރާ ކަމެއް” މައުމޫން ވިދާޅުވި އެވެ.
އެހެން ނަމަވެސް މާޗް 1 ވަނަ ދުވަހު ބޭއްވި ޖަލްސާގައި އެކަމަށް ބަޔަކު ހުރަސް އެޅި ނަމަވެސް ދެވަނަ ފަހަރަށް ޖަލްސާ ބާއްވައި ކެތްތެރި ކަމާއި ހިތްވަރުފުޅާއެކު ރިޔާސީ ބަޔާން އިއްވަވައި ދެއްވީތީ އެމަނިކުފާނަށް ރައީސް މައުމޫން ވަނީ ޝުކުރުއަދާކުރައްވާފައެވެ.
ރޭގެ ޖަލްސާގައި ރައީސް މައުމޫން ވިދާޅުވީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން އަންނަ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ އިންތިހާބީ މެނިފެސްޓޯއެއް އެކުލައްވާނެ ކަމަށެވެ.
މައުމޫން ވިދާޅުވީ 2013ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ޕީޕީއެމުން ބޭނުންވަނީ ވެރިކަމުގެ ދަހިވެތިކަމުގައި ނޫން ކަމަށާއި އެކަން ކުރަން ބޭނުންވަނީ ގައުމަށްޓަކައި އަދި ރާއްޖޭގެ ރައްޔިތުންނަށްޓަކައި ކަމަށެވެ.
ރޭގެ ޖަލްސާގައި މައުމޫން ވަނީ ގާނޫނު އަސާސީއާއި ގާނޫނުގެ ހުކުމް ނެގެހެއްޓެވުމަށް ކޮށްދެއްވެވި މަސައްކަތްތަކުގެ އަގު ވަޒަންކުރައްވާ ސަލާމަތީ ބާރުތަކަށް ވެސް ޝުކުރުއަދާކުރައްވާފައެވެ.
ރޭގެ ޖަލްސާގައި ޕީޕީއެމްގެ މެންބަރުންގެ އިތުރުން އެޕާޓީއަށް ތާއީދު ކުރާ ގިނަ ބަޔަކު ބައިވެރިވި އެވެ.
ރައީސް ޑރ.ވަހީދު ރިޔާސީ ބަޔާން އިއްވަވާފައިވާތީ މައުމޫންގެ ޝުކުރު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ