އޭއައި މޮޑެލްތަކުގެ ސަލާމަތީ ކަންކަން މިންގަނޑުތަކަށް ނުފެތޭ: ދިރާސާ
ބޮޑެތި އޭއައި ކުންފުނިތަކުގެ ސަލާމަތީ އުސޫލުތައް ދުނިޔޭގެ މިންގަނޑުތަކަށް ނުފެތޭކަމަށް އާ ދިރާސާއެއްގައި ބުނެފިއެވެ. ފިއުޗާ އޮފް ލައިފް އިންސްޓިޓިއުޓްގެ ރިޕޯޓަކުން ދައްކާ ގޮތުގައި، އެންމެ ބޮޑެތި އޭއައި ކުންފުނިތަކުން ނުރައްކާތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅެއް ނާޅާއެވެ. ފިއުޗާ އޮފް ލައިފް އިންސްޓިޓިއުޓްގެ 2025 ވަނަ އަހަރުގެ ވިންޓާ އޭއައި ސަލާމަތީ އިންޑެކްސް ރިޕޯޓުން ހާމަވެފައިވާ ގޮތުގައި، އޯޕަންއޭއައި، މެޓާ، އެންތްރޮޕިކް، އެކްސްއޭއައި އަދި ޑީޕްސީކް ފަދަ ދުނިޔޭގެ އެންމެ ބޮޑެތި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނިތަކުގެ ސަލާމަތީ އުސޫލުތައް ވަނީ "އުފެދެމުން އަންނަ ދުނިޔޭގެ މިންގަނޑުތަކާ ވަރަށް ދުރުގައި" ކަމުގައެވެ. މި ރިޕޯޓުގައި ބުނެފައިވަނީ އޭއައިގެ ސަބަބުން ކުރިމަތިވެދާނެ ބޮޑެތި ނުރައްކާތަކުގެ ތެރޭގައި ނަފްސާނީ ގޮތުން ގެއްލުންދިނުން ފަދަ ކަންކަން ހުއްޓުވުމަށް އެކަށީގެންވާ ރަނގަޅު ޕްލޭނެއް މި ކުންފުނިތަކުގައި ނެތް ކަމަށެވެ. https://sun.mv/214745 ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އޭއައިގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެ ބޮޑެތި އަށް ކުންފުނި ކަމަށްވާ އޯޕަންއޭއައި، މެޓާ، އެންތްރޮޕިކް އަދި ޑީޕްސީކް ފަދަ ކުންފުނިތަކުގައި، އޭއައިގެ ސަބަބުން ކުރިމަތިވެދާނެ ބޮޑެތި ނުރައްކާތައް ހުއްޓުވުމަށް އެކަށީގެންވާ ރަނގަޅު ޕްލޭނެއް ނެތެވެ. މީގެ އިތުރުން، އެމެރިކާގެ އޭއައި ކުންފުނިތައް ހުރިހާ ގޮތަކުން ވެސް ޤަވާއިދަށް ތަބާވުމުގައި ދުނިޔޭގެ އެހެން ކުންފުނިތަކަށް ވުރެ ފަހަތުގައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި ދިރާސާ އާންމުކޮށްފައި މިވަނީ އޭއައިގެ ސަބަބުން ހެކިންގެ އަމަލު ހިންގުމާއި، މީހުންނަށް ނަފްސާނީ ގޮތުން ގެއްލުންދިނުން ފަދަ ކަންކަމާ މެދު އާންމުންގެ ކަންބޮޑުވުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ރިޕޯޓުގައި އޭއައިގެ ޤަވާއިދުތައް ހެދުމުގައި ހުރި ބޮޑު ހުސްކަމަށް ވަރަށް ބޮޑަށް އަލިއަޅުވާލާފައިވާއިރު، ބައެއް ފަރާތްތަކުން ވަނީ އޭއައި އަކީ "ސޭންޑްވިޗްތަކަށް ވުރެ ވެސް މަދުން ޤަވާއިދު ހަދާފައިވާ" އެއްޗެއް ކަމަށް ސިފަކޮށްފައެވެ. މި ރިޕޯޓުގެ މައިގަނޑު މަޤްޞަދަކީ އޭއައި ކުންފުނިތަކުގެ ސަލާމަތީ އަދި ޒިންމާދާރުކަމުގެ އުސޫލުތައް ދުނިޔޭގެ މިންގަނޑުތަކާ އަޅާބެލުމެވެ. ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި، އިންސާނުންނަށް ވުރެ ބުއްދިވެރި ނިޒާމުތަކުގެ (ސުޕަރ އިންޓެލިޖެންޓް ސިސްޓަމްސް) ސަބަބުން މުޖުތަމަޢަށް ކުރާނެ އަސަރުތަކާ މެދު ކަންބޮޑުވުންތައް ބޮޑުވެފައިވާއިރު، މި ކުންފުނިތަކުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުދެއެވެ. ފިއުޗާ އޮފް ލައިފް އިންސްޓިޓިއުޓްގެ ރިޕޯޓުން ހާމަކުރާ ގޮތުގައި، މި ބޮޑެތި އޭއައި ކުންފުނިތަކުން، ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަނެ، އެކަންކަމަށް ތައްޔާރުވުމަށް އެކަށީގެންވާ ވަރަށް މަސައްކަތެއް ކުރަމުން ނުދެއެވެ. އެރިޕޯޓްގައި އިތުރަށް ބުނެފައިވާ ގޮތުގައި އޭއައިގެ ހަލުވި ކުރިއެރުމާއެކު، ސައިބާ ހަމަލާތަކާއި، މައުލޫމާތު އޮޅުވާލުން ފަދަ ކަންކަމުގެ ނުރައްކާ އިތުރުވެފައިވާއިރު، މިކަންކަމުން ރައްކާތެރިވުމަށް ވަރުގަދަ އުސޫލުތަކެއް ބޭނުންވެއެވެ. މި ދިރާސާގެ ނަތީޖާތަކުން އޭއައިގެ ދާއިރާއަށް ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ވަރުގަދަ ޤަވާއިދުތައް އެކުލަވާލުމުގެ މުހިންމުކަން ވަރަށް ބޮޑަށް ހާމަކޮށްދެއެވެ. ސަރުކާރުތަކާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން، އޭއައިގެ ތަރައްޤީއާއި ބޭނުންކުރުމާ ގުޅޭގޮތުން ސާފު އުސޫލުތަކެއް ކަނޑައަޅައި، ޒިންމާދާރުކަން ކަށަވަރުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ