ސަރުކާރުގެ އަމާޒަކީ 5 އަހަރުތެރޭ ކަރަންޓުގެ %33 އިއާދަކުރަނިވި ހަކަތައިން އުފެއްދުން: ރައީސް

ސަރުކާރުގެ އަމާޒަކީ 5 އަހަރުތެރޭ ކަރަންޓުގެ %33 އިއާދަކުރަނިވި ހަކަތައިން އުފެއްދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީީސް މިހެން ވިދާޅުވީ ދުބާއީގައި މިހާރު ކުރިއަށްދާ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގެ ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ތިމާވެށްޓާ ރަހުމަތްތެރި ޓެކްނޮލޮޖީއާ އިއާދަކުރަނިވި ހަކަތައަށް ރުޖޫއަވުން މިހާރަށްވުރެ އިތުރުކޮށް ހަލުވިކުރުމަށް ކުރެއްވި އިލްތިމާސަށް އިޖާބަދެއްވައި އެކަން ހާސިލުކުރުމަށް ދިވެހި ސަރުކާރުން ރާއްވަވާފައިވާ ގޮތް ހިއްސާ ކުރައްވައިފައެވެ.
މި ލަނޑުދަނޑި ހާސިލު ކުރުމަށްޓަކައި 600 މިލިއަން ޑޮލަރު އިތުރަށް ހޯދަން ޖެހޭކަން ރައީސް ފާހަގަ ކުރެއްވިއެވެ.
''އަޅުގަނޑުމެންނަށް މިކަން ވާން ހަމައެކަނި މިއޮތީ، ތިޔަ ބޭފުޅުންގެ އެހީތެރިކަމާއެކު.'' ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މޫސުމީ ކަންކަމަށް ސީދާ ހޭދަކުރެވޭނެ މާލިއްޔަތެއް ކަނޑައަޅައިގެން އެކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް އިސްކަންދެވޭނެ އައު ގޮތްތަކެއް ބޭނުންވާ ކަން ވެސް ފާހަގަ ކުރައްވައިފައެވެ.
ރައީސް ވިދާޅުވީ މި ޖަޒީރާ ގައުމުތަކުގައި، ކޮންމެ މުރަކަކޮޅެއް، ކޮންމެ ވެލިފުކެއް، ކޮންމެ މަހެއް، އަދި ކޮންމެ ރުކެއްގެ އަގެއްވާ ކަމަށާއި އެއިން ކޮންމެ އެއްޗަކަށް ލިބޭ ކޮންމެ ގެއްލުމަކީވެސް ގައުމަށާއި މުޅި އިގުތިސާދަށް ލިބޭ ގެއްލުމެއް ކަމަށެވެ.
ރައީސް ވަނީ މި ފަންޑުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފޭނެކަމަށް އުންމީދުކުރައްވާ ކަމަށާއި އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް މި ފަންޑުގެ މަދަދު ފަސޭހައިން ހޯދޭނެކަމަށް އުންމީދުކުރައްވާ ކަން ފާހަގަކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ