ވިދިވިދިގެން 3 ބިލަށް ފައިސާ ނުދައްކައިފިނަމަ ކުނި ނެގުމުގެ ހިދުމަތް މެދުކަނޑާލެވޭ ގޮތަށް ހަދައިފި

ކުނި މެނޭޖުކުރުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމާއި، ބިލުކުރުމާބެހޭ ގަވައިދެއް އެކުލަވާލައި، އެ ގަވައިދަށް އަމަލުކުރަން ފަށައިފިއެވެ.
މިއަދު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ގެޒެޓުކޮށް، އަމަލުކުރަން ފެށި، "ކުނި މެނޭޖުކުރުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމާއި، ބިލުކުރުމާބެހޭ ގަވައިދު"އަކީ އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ކުނި ނެގުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތަކުން ހިދުމަތަށް ފީ ނެގުމުގައ،ި ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތުން އަމިއްލައަށް ފީ ނަގައިގެން ނުވަތަ އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ފޯރުކޮށްދޭ އެހެން ހިދުމަތެއްގެ ބިލުގައި ހިމަނައިގެން އަގު ނެގުމުގެ އިޖުރާއަތުތަކާއ،ި އެ ހިދުމަތަށް ރަޖިސްޓަރީކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރުމަށްޓަކައި، ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލައިފައިވާ ގަވައިދެކެވެ.
މި ގަވާއިދު ތަންފީޒު ކުރާނ،ީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނުވަތަ އެ އޮތޯރިޓީން ކަނޑައަޅާ ފަރާތަކުންނެވެ.
މި ގަވައިދުގައިވާ ގޮތުން، ކުނި ނެގުމުގެ ފީގެގޮތުގައި ކުނި ނެގުމުގެ ހިދުމަތްދޭ ފަރާތަށް ދައްކަންޖެހޭ އެންމެހައި ފައިސާއެއް ދެއްކުމަށް ޒިންމާވާނީ، ހިދުމަތަށް ރަޖިސްޓަރީކޮށްފައިވާ ނުވަތަ ރަޖިސްޓަރީވެފައިވާ ފަރާތުންނެވެ.
އެގޮތުން، ކޮންމެ ބިލިންގ ސައިކަލްއެއް ނިމޭތާ 7 ދުވަހުގެ ތެރޭގައި އެ މަހަކަށްވާ ބިލު، ހިދުމަތް ހޯދާ ފަރާތަށް ފޮނުވަންވާނެ ކަމަށާއި، ބިލުކުރެވޭ ތާރީހުން ފެށިގެން ބިލު ދެއްކުމަށްޓަކައި 30 ދުވަހުގެ މުއްދަތެއް ދޭންވާނެ ކަމަށް ގަވައިދުގައި ވެއެވެ. މި ގަވައިދުގެ ދަށުން ބިލިން ސައިކަލްއެއްގެ މުއްދަތުކަމަށް ކަނޑައަޅާފައިވަނީ 28 ދުވަހާއި 31 ދުވަހާ ދެމެދުގެ މުއްދަތެކެވެ.
މީގެއިތުރުން، ބިލު ދައްކަންޖެހޭ މުއްދަތުގެ ތެރޭގައި ބިލު ނުދައްކައިފިނަމަ، 7 ދުވަހުގެ ނޯޓިހެއް ދޭންޖެހޭ ކަމަށާއި، ދޭ ނޯޓިހަށްފަހު ވެސް ބިލު ދައްކައިފައިނުވާނަމ،ަ އެ ފަރާތެއް މަހަކު 5 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހުތިޔާރ،ު ބިލުކުރާ ފަރާތަށް ލިބިގެންވާ ކަމަށް ގަވައިދުގައިވެއެވެ.
އަދި ވިދިވިދިންގެ ތިން ބިލަށް ފައިސާ ނުދައްކައިފިނަމަ، ކުނި ނެގުމުގެ ހިދުމަތް މެދުކަނޑާލުމުގެ އިހްތިޔާރާއި، މެދުކަނޑައިލައިފައިވާ ހިދުމަތް އަލުން ފޯރުކޮށްދިނުމުގައި، ނުދައްކައި ހުރި ބިލުތަކުގެ ފައިސާއާއެކު ހިދުމަތް އަލުން ފޯރުކޮށްދޭން 50 ރުފިޔާފެ ފީއެއް ނެގުމުގެ އިހްތިޔާރުވެސް ކުުނި މެނޭޖްކުރުމުގެ ހިދުމަތްދޭ ފަރާތަށް މި ގަވައިދުގެ ދަށުން ލިބިގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ