2018 އަށް ދާއިރު ރާއްޖެ 46 ބިލިއަން ރުފިޔާ އަށް ދަރާނެ: އިބޫ

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން 2018 އާ ހަމައަށް ދާއިރު ރާއްޖެ 46 ބިލިއަން ރުފިޔާ އިން ދަރާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ. "މިންޖުވާން" ނަމުގައި އިދިކޮޅު އެމްޑީޕީން އާޓިފިޝަލް ބީޗުގައި ކުރި އަށް ގެންދާ މުޒާހަރާގައި އިބޫ ވިދާޅުވީ ސަރުކާރު ހިންގުން ފެއިލްވެ، ލިބޭ އާމްދަނީ އާއި ކުރާ ހަރަދެއް ރައީސް ޔާމީނަށް އެނގިވަޑައިނުގަންނަވާ ކަަމަށެވެ. އަދި ރާއްޖެ 46 ބިލިއަން ރުފިޔާ އިން ދެރުމުގެ މާނައަކީ ކޮންމެ ރައްޔިތެއްގެ ބޮލަށް ޖެހޭ ދަރަނީގެ އަދަދު 120،000ރ. އެރުން ކަަމަށް ވެސް ވިދާޅުވި އެވެ. "ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތުގައި ހަމައެކަނި އޮތީ ރާއްޖެ ދަރަނިވެރި ކުރުވުން. ދަރަނި ދައްކާނެ ގޮތެއް ނުފެނޭ. މިއީ ސަރުކާރު ހިންގުންތޯ،" އިބޫ ސުވާލުކުރެއްވި އެވެ. އެމްޑީޕީގެ މުޒާހަރާގެ ބައިވެރިން: މުޒާހަރާ ތިން ދުވަހަށް ދިގު ދަންމާނެ ކަމަށް އެމްޑީޕީން ބުނޭ. --ހަވީރު ފޮޓޯ "ރައީސް ޔާމީނާ ރާއްޖޭގެ ވެރިކަން ހަވާލު ކުރީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް. ދިވެހި ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރިނުވެ ބެލުމަށް. މި ކަންތައްތައް ނުކުރެވޭ ކަމަށް ވަންޏާ މިހާރުން މިހާރަށް ރައީސް ޔާމީން އިސްތިއުފާ ދެއްވަން އަޅުގަނޑު ގޮވާލަން." އިބޫ ވިދާޅުވީ ރާއްޖެއާ ދޭތެރޭ ފުންކޮށް ވިސްނާއިރު ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެ ކަންތައްތަކުން މިންޖުވެގެން ނޫނީ ގައުމައިގެން ކުރިއަށް ދެވޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. "ރާއްޖެ މިއަދު މިވަނީ ބިރުވެރިކަމާއި އަނިޔާވެރިކަމުގެ ބޯ ވިލާގަނޑެއް ފެތުރިފައި. އެކަކަށް ވެސް ހިތްހަމަޖެހިގެން އުޅެވޭކަށް ނެތް. ސަލާމަތެއް އެއްވެސް ރައްޔިތަކަށް ނެތް،" އިބޫ ވިދާޅުވި އެވެ. އެމްޑީޕީ މުޒާހަރާގެ ބައިވެރިން އާޓިފިޝަލްބީޗުގައި އިށީނދެގެން. --ހަވީރު ފޮޓޯ އޭނާ ވިދާޅުވި ގޮތުގައި ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ސަރުކާރުން އަމަލުކުރާ މަންޒަރެއް ނުފެނެ އެވެ. ގައުމު ހިންގަނީ ވެރިކަމުގައި ތިއްބެވި ބޭފުޅުން ބޭނުން ގޮތަކަށް ކަންކަން ނިންމަވައިގެން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. ރާއްޖޭގައި ކޮރަޕްޝަނާއި ފަސާދަ އިންތިހާ އަށް ފެތުރިފައިވާ ކަމަށް ވިދާޅުވެ އިބޫ ވިދާޅުވީ ސަލާމަތީ ބާރުތަކަށް ވެސް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށެެވެ. ސަރުކާރު ތެރޭގައި ކޮރަޕްޝަން އިންތިހާ އަށް އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ