ރާއްޖޭގެ އެމެރިކާގެ އަސްކަރީ މަރުކަޒެއް އަޅާ ކަމަށް ދެކެވޭ ވާހަކަތައް ޑިފެންސުން ކުށްވެރިކޮށްފި

ރާއްޖޭގައި އެމެރިކާގެ އަސްކަރީ ބޭސް އެއް ހަދަން، އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށްބުނެ، ބައެއް ފަރާތްތަކުން މީޑިއާއާއި ސޯޝަލް ނެޓްވޯރކްތަކުގައި ފަރުތަމުންދަނީ ދޮގު ޚަބަރު ތަކެއްކަމަށް ބުނެ، އެކަން ޑިފެންސް މިނިސްޓްރީއިން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކޮށްފި އެވެ.
މިކަން ދޮގުކޮށް ޑިފެންސް މިނިސްޓްރީއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެއާއި އެމެރިކާއަކީ، ޒަމާނުންސުރެ ވަރަށް ބަދަހި ގުޅުމެއް ހިއްސާކުރަމުން އަންނަ ދެ ޤައުމުކަމަށާއި، އަސްކަރީގޮތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި، އަބަދުވެސް ދެ ޤައުމުގެ އަސްކަރިއްޔާއިން ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދާ ކަމަށެވެ.
އަދި މިފަދަ ތަމްރީނުތައް ކުރިއަށްގެންދިއުމުގައި، ޢަމަލުކުރަންޖެހޭ އުސޫލުތަކާއި ގޮތްތައް ކަނޑައެޅުމަށްޓަކައި އެއްބަސްވުންތަކުގައި އެތައް ފަހަރެއްގެމަތިން ސޮއިކުރެވިފައިވާއިރު، އެންމެފަހުން އެމެރިކާއާއެކު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވަނީ، 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ގައި ކަމަށް ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެމެރިކާގެ އަސްކަރީ ބޭސް އެއް ހެދުމަށް ދިވެހިރާއްޖޭގެ ސަރަޙައްދެއް ދޫކުރުމަށް މަޝްވަރާކުރެވި ނުވަތަ އެއްބަސްވުމެއްގައި ސޮއިކުރެވިފައެއް ނުވާ ކަމަށާއި، އެހެންނަމަވެސް އެމެރިކާ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގައި، ޢަމަލުކުރެވެމުންދާ އުސޫލުތަކާމެދު މަޝްވަރާކުރެވި، ރަސްމީކޮށް އެއްބަސްވުމެއްގެ ސިފައިގައި ސްޓޭޓަސް އޮފް ފޯސް އެގްރީމެންޓެއް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
އަދި މި އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކުރިއަށްގެންދެވެނީ، ކަމާގުޅޭ ފަރާތްތަކާ ހިއްސާކުރެވި، މަޝްވަރާކުރެވި، އަދި ހާމަކަންބޮޑު ގޮތެއްގައި ޤާނޫނީ އިމުގެ ތެރެއިން ކަމަށާއި، މީޑިއާއާއި ސޯޝަލް ނެޓްވޯކް ތަކުގައި، ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ އެމެރިކާފަދަ ޤައުމަކަށް ނިސްބަތްކޮށް ޙަޤީޤަތާ ޚިލާފު ވާހަކަތައް ފެތުރުމަކީ، ވަރަށް ޒިންމާދާރުކަންކުޑަ ޢަމަލެއް ކަމަށާއި، އޭގެ ސަބަބުން، ދިވެހިރާއްޖެއާ ބޭރު ޤައުމުތަކާ ދެމެދު އޮންނަ ޚާރިޖީ ގުޅުމަށް ބުރޫ އެރުން އެކަށީގެންވާކަމަށެވެ.
އެހެންކަމުން ޤައުމުގެ ސަލާމަތާ ގުޅުންހުރި މިފަދަ ޚަބަރުތައް، ސިޔާސީ މަޤްޞަދުތައް ޙާސިލްކުރުމަށް އޭގެ ޙަޤީޤަތް އޮޅޭގޮތަށް ފެތުރުމުން، އެކަމުގެ ދެރަ ލިބިގެންދާނީ، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ކަމުން އެފަދަ ޚަބަރުތައް ނުފެތުރުމަށް ވެސް ޑިފެންސް މިނިސްޓްރީން ވަނީ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ