ޕްރައިމަރީއަށްފަހު ވެސް ޕީޕީއެމް ބައިބައި ނުވާނެހެން މަސައްކަތް ކުރުމަށް މައުމޫނު ގޮވާލައްވައިފި

މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއަށްފަހު ވެސް ޕާޓީ ބައިބައިވެގެން ނުދާނެ ގޮތަށް ހުރިހާ ފަރާތްތަކަކުން ވެސް މަސައްކަތް ކުރުމަށް އެޕާޓީގެ ލީޑަރު ރައީސް މައުމޫނު އަބުދުލް ގައްޔޫމު ގޮވާލައްވައިފިއެވެ.
ރައީސް މައުމޫނު އެހެން ގޮވާލައްވާފައިވަނީ އިންތިހާބާއި ބެހޭ ގޮތުން ދެއްވި ހިތާބެއްގައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ޕްރައިމަރީއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ޑިމޮކްރަޓިކް ޕާޓީއަށް ޕީޕީއެމް ވުމުގެ ފަހުރު އެޕާޓީއަށް ލިބިގެންދާނެ ފުރުސަތެކެވެ.އަދި އެކަން ކުރެވެން އޮތީ ޕްރައިމަރީގައި ވާދަ ކުރައްވާ ފަރާތްތަކާއި އެހެނިހެން މެމްބަރުންނާއި ޕާޓީގެ އިސްވެރިންގެ އެއްބާރުލުމާއެކު ކަމަށް ރައީސް މައުމޫނު ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫނު އިތުރަށް ވިދާޅުވެފައިވަނީ ޕީޕީއެމްގެ ޕްރައިމަރީއަކީ އެންމެ ޑިމޮކްރަޓިކް ދެފުށް ފެންނަ ޕްރައިމަރީއަށް ހެދުމަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ހޮނިހިރު ދުވަހު ބާއްވާ މިޕްރައިމަރީގައި ވޯޓު ލުމަށް ޕީޕީއެމްގެ ހުރިހާ މެމްބަރުން ވެސް ނުކުތުމަށް ރައީސް މައުމޫނު ގޮވާލެއްވިއެވެ.
ޕްރައިމަރީއަށްފަހު ވެސް ޕާޓީ ބައިބައިނުވާނެ ފަދައަކުން މަސައްކަތް ކުރުމަށް ރައީސް މައުމޫނު ގޮވާލައްވާފައިވާ އިރު ވާދަ ކުރާނެކަން އިއުލާނު ކުރައްވާފައިވާ ދެކެންޑިޑޭޓުންނާއި އެބޭފުޅުންނަށް ތާއިދު ކުރާ ފަރާތްތަކުންވަނީ ކޮންމެވެސް ވަރަކަށް ބަހުގެ ހަމަލާތައް ބަދަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ