ޓެކްސީ ސެންޓަރުގެ ނަމާއި ނަމްބަރުގެ ފޮންޓްތައް ފާސްކުރަންޖެހޭ ގޮތަށް ހަމަޖައްސައިފި

މިހާރު އަމަލުކުރަމުންދާ ޓެކްސީ ގަވާއިދުގެ ދަށުން ކޮންމެ ޓެކްސީއެއްގެ ވެސް އަރިމަތީގައި ޖަހަންޖެހޭ ޓެކްސީ ސެންޓަރުގެ ނަމާއި ނަމްބަރު ލިޔާ ފޮންޓާއި ސައިޒް ޓްރާންސްޕޯޓް އޮތޯރިޓީ އަށް ހުށަހަޅައި، ފާސްކުރަންޖެހޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި އެވެ. ޓެކްސީތަކުގެ ގަވާއިދު ކުރިން އޮންނަ ގޮތުން ޓެކްސީ ސެންޓަރުގެ ނަމާއި ނަމްބަރު ކޮންމެ ޓެކްސީއެއްގެ ދެ އަރިމަތީގައި ޖަހަންޖެހޭ ނަމަވެސް އެ ނަމާއި ނަމްބަރު ލިޔަންޖެހޭ ގޮތެއް އޭރު އެ ގަވާއިދުގައި ބުނެފައެއް ނެތެވެ. ނަމަވެސް އެ ގަވާއިދަށް އިއްޔެ ގެނައި އިސްލާހު ބުނާގޮތުން އެ ނަމާއި ނަމްބަރު ލިޔަންޖެހެނީ އެ ނަމާއި ނަމްބަރު ލިޔާ ފޮންޓާއި ސައިޒް ވެސް ޓްރާންސްޕޯޓް އޮތޯރިޓީ އަށް ހުށަހަޅައި ފާސްކޮށްެގެންނެވެ. އަދި އެ ނަމާއި ނަމްބަރު ހުންނަންޖެހޭނީ ވެސް ޓެކްސީގެ ކުލަ އާއި ތަފާތުކޮށް، ދުރަށް ފެންނަ ކުލައަކުން ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ. އެ އިސްލާހު ބުނާގޮތުން އެގޮތަށް ނަމާއި ނަމްބަރު ވަކި ގޮތަށް ލިޔަންޖެހޭ ނަމަވެސް އެ ލިޔުމަށް އުނިއިތުރު ނާންނަ ގޮތަށް އެ ޓެކްސީ ސެންޓަރެއްގެ ލޯގޯ ބޭނުންކުރެވިދާނެ އެވެ. ޓެކްސީތަކުގައި ހަރުކުރަންޖެހޭ ދިއްލޭ ބޯޑު ވެސް ހަރުކުރަންޖެހޭނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށް ވެސް އިއްޔެ ގެޒެޓްކުރި އެ އިސްލާހުގައިވެ އެވެ. ޓެކްސީތަކުގެ ގަވާއިދަށް ގެނައި ބަދަލަކާ އެކު ޓެކްސީ ޑްރައިވަރުން އިހްތިޖާޖް ވެސް ކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ