ޔަހޫދީންނާ ދެކޮޅަށް ހަންގޭރީގައި ބޮޑު މުޒާހަރާއެއް

ބުދަޕެސްޓް (މެއި 5) - ހަންގޭރީގެ ވެރިރަށް ބުދަޕެސްޓްގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ ޔަހޫދީންގެ ބައިނަލްއަގުވާމީ ކޮންގްރެސްއާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ޔަހޫދީންނާ ދެކޮޅަށް ބުދަޕެސްޓްގެ މަގުތަކަށް އިއްޔެ ނުކުމެއްޖެ އެވެ. ޔަހޫދީންނާ ދެކޮޅަށް ބުދަޕެސްޓްގައި އިއްޔެ ބޭއްވި މުޒާހަރާއާ އެކު އެ ސަރަހައްދުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. މި މުޒާހަރާގެ ފަހަތުގައި އޮތީ ފާޅުގައި ޔަހޫދީންނާ ދެކޮޅަށް މަސައްކަތްކުރާ ހަންގޭރީގެ ޕާޓީއެއް ކަމަށްވާ ޖޮބިކް ޕާޓީ އެވެ. މި ޕާޓީގެ ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނުކުމެ ޔަހޫދީންނާ ދެކޮޅަށް އަޑުއުފުލާފައި ވަނީ އެފަދަ ހަރަކާތެއް ކުރިއަށް ނުގެންދިއުމަށް ސަރުކާރުން ބާރުއަޅަމުން ދަނިކޮށެވެ. މި ޕާޓީން ބުނެފައި ވަނީ މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހާ ހަމަ އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޮންގްރެސް ނިމެގެން ދެން އެ ސަރަހައްދުގައި މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށެވެ. ހަންގޭރީ އަކީ ޔަހޫދީންނާ ދެކޮޅު މިފަދަ ހަރަކާތްތަކަށް މަޝްހޫރު ގައުމެކެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ