ނުފެންނަތާ ޒަމާންތަކަށްފަހު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ޒިކާ ވައިރަސް މިވަނީ އާންމުވާން ފަށާފައެވެ. މަދިރީގެ ސަބަބުންނާއި ޖިންސީ ގުޅުމުން ފެތުރޭ މި ވައިރަސް އަކީ އަންހެން މީހާގެ ބަނޑުގައި އޮންނަ ތުއްތު ދަރިފުޅުގެ ސިކުންޑިއަށް ބޮޑެތި ގެއްލުންތައް ކުރިމަތި ކުރުވާ ނުރައްކާތެރި ބައްޔެކެވެ.
އީޑީސް މަދިރީގެ ސަބަބުން ހަށިގަނޑުގައި އުފެދޭ މި ވައިރަސްއަކީ މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ޑެންގީ އަދި ޗިކަންގުންޔާ ވައިރަސްއާ އެއްއާއިލާއެއްގެ ވައިރަސްއެކެވެ.
މި ވައިރަސް އަކީ ބޮޑެތި މީހުންނަށް މާ ބޮޑު ގެއްލުންތަކެއް ކުރިމަތި ކުރުވާ ވައިރަސް އަކަށް ނުވީ ނަމަވެސް އޭގެ ސަބަބުން ބަނޑުގައި އޮންނަ ދަރިފުޅުގެ ސިކުންޑިއަށް ގެއްލުން ދިނުމުގެ އިތުރުން ހެދިބޮޑުވުމަށް ބަދަލުއައިސް ދަރިފުޅުގެ ބޯ ފުރިހަމަޔަށް އުފެދުމަށް ހުރަސްއެޅެއެވެ. މިފަދަ ކުދިންގެ ބޯ ނޯމަލް ކުދިން ގެ ބޮލަށްވުރެ ކުޑަ ވެފަ، ހުންނަ ގޮތް ތަފާތު ވާނެއެވެ.
މި ވައިރަސް މިހާރު އެންމެ ގަދަޔަށް ފެތުރެމުން އަންނަ ދެކުނު އެމެރިކާގެ ޤައުމުތަކުގައި ދިރިއުޅޭ އަންހެނުން ބަލީގެ ނުރައްކާތެރިކަމުން ދަރި ނުހޯދުމަށް އެޤައުމުތަކުގެ ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކޮށްފައިވާއިރު، ރާއްޖެވެސް މި ވައިރަސްއަށް ސަމާލުވުމަށް ސެންޓާ ފޯ ޑިޒީޒަސް ކޮންޓްރޯލް އެންޑް ޕްރެވެންސަން (ސީޑީސީ) އިން ވަނީ ދާދި ފަހުން އިލްތިމާސްކޮށްފައެވެ.
މި ވައިރަސް އެންމެ އާންމު ގޮތެއްގައި ފެތުރެނީ ޖިންސީ ގުޅުމުން ކަމަށްވާއިރު، އީޑީސް މަދިރިން ޒިކާ ވައިރަސް ގެ އަސަރު ލެޔަށް ކުރުމުން ލޭ އިންފެކްޓްވެ، ވައިރަސް އެމީހެއްގެ ދަރިފަންޏާ ކުޑަކަމުދާ ތަކެއްޗާ ހަމަޔަށް ވާސިލުވެއެވެ. އަދި އެހެން މީހަކާއެކީގައި ޖިންސީ ގުޅުން ހިނގުމުން ދަރިފަނީގެ ތެރެއިން ދެން ހުންނަ މީހާގެ ހަށިގަނޑުގެ ތެރެޔަށް ވައިރަސް ދަތުރު ކޮށް އެމީހާގެ ލޭވެސް އިންފެކްޓް ކޮށްލައެވެ.
ޒިކާ ވައިރަސް ޖެހުމުން ފެންނަ ބައެއް އަލާމާތްތަކަކީ ޑެންގީ ހުން ޖެހުމުންވެސް ފެންނަފަދަ އަލާމާތްތަކެވެ. އެގޮތުން ހުންއައުމާއި ގައިގައި ރިއްސުމާއި ހަމުގައި ރަތް ކުލައިގެ ބިހިތަކެއް ނެގުމާއި، ލޯރަތްވުމާއި، ހުޅުހުޅުގައި އަދި ބޮލުގައި ރިއްސުމަކީ ޒިކާ ވައިރަސްގެ އަސަރު ހަށިގަނޑަށް ކުރުމުން އާންމުކޮށް ފެންނަ އަލާމަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެހެން ނަމަވެސް ޑެންގީ ޖެހުމުން ހާލު ދެރަވާ ވަރަށް މި ބަލީގައި ހުންގަދަވުމާއި ވަރު ދެރަވުމާއި އެޑްމިޓް ކުރަންޖެހޭ މިންވަރު ކުޑައެވެ.
ޒިކާ ވައިރަސް ދުނިޔެއިން ނުފެންނަތާ 60 އަހަރުވެފައި ވަނިކޮށް އެމެރިކާ މީހެއްގެ ގައިން މި ވައިރަސް ފެނިފައިވަނީ 2014 ވަނަ އަހަރުގައެވެ. އެއަށްފަހު އެމެރިކާގައި މަޑުމަޑުން މި ވައިރަސް ދިޔައީ ފެތުރެމުންނެވެ. އެހެން ނަމަވެސް ދާދިފަހުން ތައިލެންޑުން ޓައިވާނަށް ދަތުރު ކުރި މީހެއްގެ ހަށިގަނޑުން މި ވައިރަސްގެ އަސަރު ފެނުމާއި ގުޅިގެން އޭޝިއާގައި މި ވައިރަސް ފެދުރިދާނެ ކަމުގެ ބިރު މިހާރު އޮތީ ބޮޑުވެފައެވެ.
ތައިލެންޑުން ޓައިވާނަށް ދަތުރު ކުރި މީހާގެ ހަށިގަނޑުން މި ވައިރަސްގެ އަސަރު ފެނުމާއި ގުޅިގެން ސީޑީސީ އިން ވަނީ ކެމްބޯޑިއާ، އިންޑޮނޭސިއާ، ތައިލެންޑް، މެލޭޝިޔާ ފިލިޕިންސް އަދި ދިވެހިރާއްޖެއަށް ވެސް ވޮޗް އެޑްވައިޒަރީ ނެރެފައެވެ.
ޒިކާ ވައިރަސް އިނގިރޭސިވިލާތް، ކޮލަމްބިއާ، ސަރިނާމް އަދި ގިޔާނާގެ އިތުރުން 17 ޤައުމަކުން މިހާރު ވަނީ ފެނިފައެވެ.
މިދިޔަ އަހަރު ރާއްޖެއަށް އައި ފިންލޭންޑްގެ ފަތުރުވެރިޔަކު އެނބުރި ގައުމަށް ދިޔަ ފަހުން އޭނާގެ ގައިން ޒިކާ ވައިރަސްގެ އަސަރު ފެނުނު ކަމަށް ފިންލޭންޑްގެ ސިއްހީ ދާއިރާގެ އޮފިޝަލަކު ބުނެފައި ވާއިރު ރާއްޖޭގައި ޒިކާ ވައިރަސް އުޅޭތޯ ބެލުމަށް ތައިލެންޑްގެ ތަޖުރިބާކާރުންގެ ޓީމަކުން މިހާރު ދަނީ ތަހުލީލްތަކެއް ކުރަމުންނެވެ.
ޒިކާ: ޖިންސީ ގުޅުމުން ފެތުރި، އުފަން ނުވާ ދަރިފުޅުގެ ސިކުންޑިއަށް ގެއްލުންދޭ ނުރައްކާތެރި ވައިރަސް އެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ