ގާސިމް މިނިވަންކުރީއެއް ނޫން، ތަފާތު ހައްޔަރަކަށް ބަދަލުކުރީ: އަމީން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ކްރިމިނަލް ކޯޓުން މިނިވަންކޮށްފައިވާކަމަށް ގަބޫލުނުކުރައްވާކަމަށާ އެމަނިކުފާނު މިއަދު ތަފާތު ހައްޔަރަކަށް ބަދަލުކުރެއްވީކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ މިއަދު ވީޓީވީން ކުރިއަށް ގެންދިޔަ ލައިވް ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަމީން ވިދާޅުވީ ކޯޓްތަކުން ނިންމާ ނިންމުންތަކަށް އިހްތިރާމުކުރާކަމަށާ ނަމަވެސް މިއަދު ކްރިމިނަލް ކޯޓުން ގާސިމް އިބްރާހިމް މިނިވަންކޮށްފައިވާކަމަށް ގަބޫލުނުުކުރައްވާކަމަށެވެ. އޭގެ ބަދަލުގައި މިއަދު ގާސިމް އިބްރާހިމް ތަފާތު ހައްޔަރަކަށް ބަދަލުކުރެއްވީކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ގާސިމް ދޫކޮށްލަމުން މިއަދު ކްރިމިނަލް ކޯޓުން ކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި ވަރަށް އާދަޔާ ޚިލާފު ޝަރުތުތަކެއް ހިމެނިފައިވާކަމަށެވެ. އަދި އެ ޝަރުތުތަކަށް ބަލާއިރު، އެމަނިކުފާނުގެ އާއިލާ ބޭފުޅަކާއިވެސް ވާހަކަދެއްކުމުގެ ފުރުސަތު ހަގީގަތުގައި ބަންދުވެގެންދާކަމަށް އަމީން ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް މިނިވަން ކުރުމަށް ކޯޓުން ކުރިމަތި ކޮށްފައިވާ ޝަތުރުތަކުގެ ތެރޭގައި، ތަހްގީގަށް އެއްބާރުލުން ދިނުމާއި، ފުލުހުންގެ ހުއްދަ ލިޔުމަކުން ލިބިގެންނޫނީ ރާއްޖެއިން ބޭރަށް ނުދިއުމަށާއި، މުޖުތަމައުގެ ތެރޭގައި ފިތުނަ ފަސާދަ އުފެދޭފަދަ ވާހަކަތައް ދައްކާ މީހުންނާއެކު ބައްދަލުވުންތައް ނުދޭއްވުމަށާއި، މައްސަލައިގެ ހެކި ގެއްލިދާފަދަ އެއްވެސް ކަމެއް އަދި ހެއްކަށް ނުފޫޒު ފޯރުވާފަދަ އެއްވެސް ކަމެއް ނުކުރުމާއި، މުޖުތަމައު ތެރޭގައި ފިތުނަ ފަސާދައާ ހަމަނުޖެހުން އުފެދޭފަދަ ވާހަކަތައް ނުދެއްކުމާއި، މުޖުތަމައު ތެރޭގައި ފިތުނަ ފަސާދަ އުފެދޭފަދަ ވާހަކަތައް ދެއްކުމަށް ގާސިމް އިބްރާހިމްގެ ގޮވަތި ގެދޮރު ބޭނުން ނުކުރެއްވުމަށާއި، އެފަދަ ކަންކަން ކުރުމަށް އެހެން މީސްމީހުންނަށް އެތަންތަން ނުދިނުމާއި، ދައުލަތުގެ ތިންބާރާއި، ތިންބާރުގެ ވެރިންނާއި ބެހޭގޮތުން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭފަދަ ވާހަކަތައް ނުދެއްކުން ހިމެނެއެވެ.
"މިޝަރުތުތަކަށް ބަލާއިރު ކިހިނެއްތޯ ކަނޑައަޅާނީ މުޖުތަމައުގެ ތެރޭގައި ފިތުނަ ފަސާދަ އުފެދޭފަދަ ވާހަކަތައް ދައްކާ މީހުނަކީ ކޮބައިކަން. އެހެންވީމަ އަޅުގަނޑު މިދަންނަވަނީ މިއީ މިނިވަންކުރުމެއް ނޫނޭ. މުޅިން އައު ވައްތަރެއްގެ ހައްޔަރެކޭ މިއީ އިނގޭތޯ." އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ޖަލުގައި 25 ދުވަހު އޮންނެވުމަށްފަހު ގާސިމް އިބްރާހިމް މިއަދު ގެއަށްވަޑައިގެންނެވުމަކީ އިސްލާހީ މަސައްކަތުގައި ތިބި ހުރިހާ ރައްޔިތުންނަށްވެސް ލިބުނު އުފަލެއްކަމަށެވެ. އަދި އެމަނިކުފާނަށް ކިތަންމެ ގިނަ ޝަރުތުތަކެއް ކުރިމަތިކުރިވިނަމަވެސް އެމަނިކުފާނު ފެންނަން ހުރުމަކީވެސް އިސްލާހީ މަަސައްކަތުގެ ބައިވެރިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ގާސިމް އިބްރާހިމް ބަންދުކޮށްގެން މިސަރުކާރަށް ލިބުނު އެއްވެސް މޮޅެއް ނެތްކަމަށާ ގާސިމަށް ނުހައްގުން ދެމުންދިޔަ އަނިޔާތަކުގެ ސަބަބުން މިސަރުކާރަށް ރައްޔިތުންދިން އަދަބު ކައުންސިލުން އިންތިހާބުން ފެނިގެންގޮސްފައިވާކަމަށެވެ.
އަދި ރައްޔިތުން ލޯބިވާ ލީޑަރުންނަށް ސަރުކާރުން އަނިޔާކުރަމުންދާއިރު ބަލަހައްޓައިގެން ނުތިބޭނެކަން ރައްޔިތުން ސާބިތުކޮށްދީފައިވާކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ގާސިމްގެ އިސްލާހީ މަަސައްކަތަށް ކިތަންމެ ވަރަކަށް ހުރަސްއެޅުއްވި ނަމަވެސް އެކަން ނުހުއްޓުވޭނެކަމަށެވެ. ރައްޔިތުންނާއި ގައުމުގެ ހައްގުގައި ގާސިމް އިސްލާހީ މަސައްކަތް ފައްޓަވާފައިވަނީ ވަރަށް އިހްލާސްތެރިކަމާއެކުކަމަށާ އެހެންކަމުން އެ މަަސައްކަތަށް ހުރަސްތައް ކުރިމަތިވާނެކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަމަށެވެ.
އަދި އިދިކޮޅު ޕާޓީތަކުން މިއަދު ތިބީ ހައްގުގެ މަގުގައިކަމަށާ ސާބިތުވެތިބޭނެކަމަށް އަމީން ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިތިބީ ހައްގުގެ މަގުގައި. އެހެންވީމަ ފަހަތަށް ޖެހެންޖެހޭ ސަބަބެއް ނެތް. ފަތަހަށް ޖެހެންޖެހޭނީ ބާތިލްގެ ގޮތުގައި ތިބި އަނިޔާވެރިކަން އިސްކުރާ މީހުން." އަމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ