ޕާކިސްތާނުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި

އިސްލާމް އާބާދު (އެޕްރީލް 20): ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާންޚާން އޭނާގެ ސަރުކާރުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފިއެވެ. މިބަދަލުތަކުގެ ތެރޭގައި ޕާކިސްތާނުގެ މާލީ ވަޒީރު ކަމުގެ މަގާމުގައި ހުންނެވި އަސަދު އުމަރުގެ ބަދަލުގައި އެމަގާމަށް ޢަބްދުލްހަފީޒް އައްޝައިޚް ހަމަޖެއްސުމާއި ދާޚިލީ ވަޒީރު ކަމުގެ މަޤާމަށް ކުރީގެ އަސްކަރީ ކޮމާންޑަރެއް ކަމަށްވާ ރިޓަރޔަޑް ބްރިގޭޑިޔަރ އިޖާޒް ޢަހްމަދު ޝާހް ހަމަޖެއްސުމުގެ އިތުރުން ތެލާބެހޭ ވަޒީރު ކަމަށް ހަކަތައިގެ ދާއިރާއާބެހޭ ތަޖުރިބާކާރެއްކަމަށްވާ ނަދީމް ބަބާރް ހަމަޖެއްސުން ހިމެނެއެވެ. މީގެއިތުރުން ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު ކަމުގައި ހުންނެވި ފަވާދް ޗައުދަރީވެސް ވަނީ ސައިންސް އެންޑް ޓެކްނޮލޮޖީ އާބެހޭ ވަޒީރު ކަމުގެ މަޤާމަށް ބަދަލުކުރައްވާފައެވެ. މީގެއިތުރުންވެސް އިމްޜާންޚާންވަނީ ޕާކިސްތާނުގެ ބައެއް ވުޒާރާތަކަށް ބަދަލުތައް ގެންނަވާފައެވެ. އިމްރާންޚާންގެ ގެ ސަރުކާރަށް އެންމެ ހަތްމަސްދުވަސް ވެފައިވަނިކޮށް ކެބިނެޓަށް އޭނާ ގެންނެވި މިބަދަލުތަކަކީ މައިގަނޑު ގޮތެއްގައި ޕާކިސްތާނުގެ އިގްތިސާދަށް އަމާޒުކޮށްގެން ގެންނެވި ބަދަލުތަކެއް ކަމަށް މުރާސިލުން ސިފަކުރެއެވެ. ޕާކިސްތާނަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލު ކުރުމަށްޓަކައި އިމްރާންޚާންގެ ސަރުކާރުން ގެންދަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބޮޑު ލޯނެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މާލީ ވަޒީރު ކަމަށް އައްޔަން ކުރެއްވި ޢަބްދުލްހަފީޒް އައްޝައިޚް އަކީ އައިއެމްއެފް ފަދަ ބައިނަލްއަގްވާމީ މާލީ އިދާރާތަކާ މުއާމަލާތް ކުރުމުގައި ކުރިން އެމަގާމުގައި ހުންނެވި އަސަދު އުމަރަށްވުރެ ތަޖްރިބާކާރު ބޭފުޅެއްކަމަށް ވެއެވެ. ޕާކިސްތާނަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލު ކުރުމަށްޓަކައި އިމްރާންޚާންވަނީ ސައޫދީ އަރަބިޔާއާއި ޔޫއޭއީ އަދި ޗައިނާގެ މާލީ އެހީތެރިކަމާއި އެގައުމުތަކުން ގިނަ އިންވެސްޓްމަންޓް ތަކެއްވެސް ހޯއްދަވާފައެވެ. (ނޫސްއެޖެންސީތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ