ފައިސާ ބަހަން އުޅުނުކަމުގެ ތުހުމަތާއެކު އިންޑިޔާގެ ދެކުނުގެ ސަރަހައްދެއްގައި ވޯޓުލުން ކެންސަލްކޮށްފި ވޯޓުލުން ކެންސަލްކުރީ ޓެމިލްނާޑޫގެ ވެއްލޫރު ދާއިރާގައި

ވޯޓުލާ މީހުންނަށް ބަހަން ތައްޔާރުކޮށްފައިވާކަމަށް ބެލެވޭ ގާތްގަނޑަކަށް 120 މިލިއަން ރުޕީސްގެ ނަގުދު ފައިސާ ފެނުމާއެކު، އިންޑިޔާގެ ޓެމިލްނާޑޫގެ ސަރަހައްދެއްގައި ވޯޓުލުން ކެންސަލްކޮށްފިއެވެ.
އިންޑިޔާގެ ގާނޫނުހަދާ މަޖިލީހުގެ ތިރީގެ، ލޯކް ސަބާއަށް މެންބަރުން ހޮވުމަށް ބާއްވާ އާއްމު އިންތިޚާބުގެ ދެވަނަ ފިޔަވަހީގައި މިއަދު ޓެމިލްނާޑޫގައި ވޯޓުލާއިރު، އެ ސްޓޭޓްގެ ވެއްލޫރު ދައިރާގައި ވޯޓުލުން ނުބާއްވާގޮތަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ވަނީ ނިންމައިފައެވެ.
މިއީ ވޯޓު ގަންނަން އުޅުނުކަމަށް ތުހުމަތުކުރެވިގެން އިންޑިޔާގެ ގައުމީ ފެންވަރުގެ އިންތިޚާބެއްގައި ވޯޓުލުން ކެންސަލްކުރި ފުރަތަމަ ފަހަރެވެ.
"އިލެކްޝަން ކޮމިޝަން އޮފް އިންޑިޔާއިން 14 އެޕްރީލް 2019 ވަނަ ދުވަހު ހުށަހެޅި މައްސަލައާ ގުޅިގެން އަޅުއްވާ ފިޔަވަޅެއްގެ ގޮތުން، ލޯކް ސަބާއަށް މެންބަރަކު ހޮވުމަށް ޓެމިލްނާޑޫގެ ވެއްލޫރު ޕާލަމެންޓަރީ ދާއިރާގައި ބާއްވަން ހަމަޖެހިފައި އޮތް އިންތިޚާބު ޢިއްޒަތްތެރި ރައިސު ވަނީ ކެންސަލްކުރައްވާފައެވެ." އިލެކްޝަން ކޮމިޝަނުގެ އެދުމަށް އިންޑިޔާގެ ރައީސު ރާމް ނާތު ކޯވިންދް ވެއްލޫރުގައި ވޯޓުލުން ކެންސަލްކުރެއްވިކަން އެންގުމަށް އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ވެއެވެ.
ޓެމިންނާޑޫގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ، ޑްރަވިޑާ މުއްނެތުރާ ކަޅަގަމް (ޑީއެމްކޭ) ގެ ފަރާތުން ވެއްލޫރުގެ ކަޓްޕަޑީ އަވަށުގައި އިސްކޮށް ހަރަކާތްތެރިވާ ޕޫންޖޮލާއި ސްރިނިވާސަންގެ ގުދަނަކުން އިންކަމްޓެކްސް ޑިޕާޓްމަންޓުގެ އޮފިޝަލުން ވަނީ 114.8 މިލިއަން ރުޕީސްގެ ނަގުދު ފައިސާ އަތުލައިގެންފައެވެ.
މި އެޕްރީލް މަހުގެ ފުރަތަމަ ދުވަހު ފަތިހު އެތަނުން ނެގި ފައިސާގެ ތެރޭގައި ހުރީ 200 ރުފިޔާގެ ނޫޓު ކަމަށާއި، އެ ފައިސާއިން ބައެއް ގިނަ އަދަދެއްގެ ސިޓީއުރައަށް އަޅައި ބަންދުކޮށްފައި ހުރިކަން ފާހަގަކުރެވޭ ކަމަށް ޚަބަރުތައް ބުނެއެވެ. އެ ސިޓީއުރަތަކުގައި އެޑްރެސް ވެސް ޖަހާފައި ހުރިކަމަށް ވެއެވެ.
ވެއްލޫރު ދާއިރާއަށް ޑީއެމްކޭގެ ފަރާތުން ވާދަކުރައްވަނީ އެޕާޓީގެ ޚަޒާންދާރު ދުރާއިމުރުގަންގެ ދަރިކަލުން ކަދިރް އާނަންދެވެ. ދުރާއިމުރުގަންއާއި ކަދިރްގެ ގެއިންވެސް 1.05 މިލިއަން ރުޕީސްގެ ނަގުދު ފައިސާއާއި އަވަށްތަކުގެ ތަފްސީލު ހުރި ކަރުދާސްތަކެއް ފެނިފައި ވެއެވެ.
އިލެކްޝަން ކޮމިޝަނުން އިއްޔެ ބުނިގޮތުގައި މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް މިހާރު ވެއްލޫރުގައި ނެތެވެ. އެހެންނަމަވެސް ދެން އިންތިޚާބު ބާއްވާނެ ތާރީޚެއް އެ ކޮމީޝަނުން ބުނެފައި ނުވެއެވެ.
މިއަދު 13 ސްޓޭޓެއްގެ 100 ދާއިރާގައި ވޯޓުލާއިރު، ޓެމިލްނާޑޫގެ 39 ދާއިރާގައި ވޯޓުލާން އޮތީ ހަމަޖެހިފައެވެ. އެހެންނަމަވެސް، ވެއްލޫގައި ވޯޓުލުން ކެންސަލްކުރުމުން ޓެމިލްނާޑޫގައި މިއަދު ވޯޓުލާނީ 38 ދާއިރާއެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ