މިފަހަރު "ޗާލޭ" ބޫޓާނުން

ދިވެހި އަމިއްލަ ރާގަށް ދިވެހިން ދޭ ސަމާލުކަމާއި ޝައުގުވެރިކަން، ރާއްޖެއިން ބޭރުގެ ފަރާތްތަކުންވެސް އެލަވަތަކަށް ދެމުންދާކަމީ ދިވެހި މިޔުޒިކު ފުޅާވެ ކުރިއަރައިދިޔުމަށް ތަނަވަސްވާ ފުރުސަތެކެވެ. މިގޮތުން މަދުންނަމަވެސް ރާއްޖޭގެ އަމިއްލަ އުފެއްދުންތައް ބޭރުގެ މިޔުޒިކީ ފަންނާނުންނާއި ބޭންޑްތަކުން ކުޅެ، ރެކޯޑްކޮށް އާންމުކުރަމުން ގެންދާކަން ފާހަގަކުރެވެއެވެ.
މިމަހުގެ 15 ވަނަ ދުވަހު ބޫޓާންގެ އެމް ސްޓޫޑިއޯ އިން ޔޫޓިއުބްގައި އާންމުކޮށްފައިވާ "ޗާލޭ" ލަވަޔަކީ މިގޮތުން ފާހަގަކޮށްލެވުނު ލަވައެކެވެ. 2007 ވަނަ އަހަރު ރާއްޖޭގެ ޓްރިއޯ ބޭންޑުން އުފައްދާފައިވާ "ޗާލޭ" ލަވައަކީ މިއަދާ ހަމައަށްވެސް ފަނޑުވުމެއްނެތި އިވެމުންދާ ވަރަށް ރީތި ލަވައެކެވެ. ތަފާތު ހަފުލާތަކުގައާއި ޝޯތަކުގައި މި ރާގު އެކި ބޭންޑްތަކުންނާއި ލަވަކިޔުންތެރިން މިހާރުވެސް އިޔާދަކުރަމުން ގެންގޮސްފައިވެއެވެ.
ބޫޓާންގެ އެމް ސްޓޫޑިއޯ އިން ޔޫޓިއުބްގައި އާންމުކޮށްފައިވާ މި ލަވަ ކިޔާފައިވަނީވެސް ދިވެހި ބަހުންނެވެ. ބައެއް ބަސް ކިޔުމުގައި ކޮށިގޮތެއް ހުރިކަމުގައިވިޔަސް ޖުމްލަ ގޮތެއްގައި މި ލަވަ ހުށަހަޅާދީފައިވާ ގޮތް ވަރަށް ފުރިހަމައެވެ.
މީގެ 12 އަހަރު ކުރިން، ޓްރިއޯ ބޭންޑްގެ ޝިފާއު ހުށަހަޅަަައިދީފައިވާ "ޗާލޭ" ލަވަ ބިދޭސީ ލަވަކިޔުންތެރިން ހުށަހެޅި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. 2014 ވަނަ އަހަރު އަތުރުގާ ރިސޯޓުގައި އިޓަލީގެ ފަންނާނު ލެއްލޯގަރެއްލީ ހުށަހަޅަަައިދީފައިވާ "ޗާލޭ" ގެ ޔޫޓިއުބް ވީޑިއޯ ދިވެހީންގެ މެދުގައި އެދުވަސްވަރު މަޝްހޫރުވިއެވެ. އޭގެ ފަހުން "ޗާލޭ" ރާގަށް ނޭޕާލް ބަހުން "މާޔާ" ގެ ނަމުގައި ލަވައެއް އުފައްދަަައި މިދިޔަ އަހަރު ޔޫޓިއުބްގައި އާންމުކޮށްފައި ވެއެވެ. މީގެ އިތުރަަަށްވެސް ބޭރު ގައުމުތަކުގެ ވަކިވަކި ލަވަކިޔުންތެރިންގެ ހުށަހެޅުންތައް މި ރާގަށް ހުށަހަޅައި ޔޫޓިއުބްގައި އާންމުކޮށްފައި ވެއެވެ.
ޓްރިއޯ ބޭންޑްގެ "ޗާލޭ" ވަނީ މޯލްޑިވިއަން އައިޑޮލް ފަދަ ޕްލެޓްފޯމްތަކުންވެސް ޖާގަ ހޯދާފައެވެ. މިގޮތުން 2016 ވަނަ އަހަރުގެ މޯލްޑިވިއަން އައިޑޮލްގެ ގްރޭންޑް ފިނާލޭގައި އިޝާން ވަނީ މިލަވައިގެ އިމްޕްރޮވައިޒްޑް ވަރޝަނެއް ހުށަހަޅަަައިދީފައެވެ. މީގެ އިތުރަަަށް ޑާކްރެއިން އެންޓަރޓެއިންމަންޓްގެ ދިވެހި ފިލްމު "އެންމެ ފަހު ވިންދާ ޖެހެންދެން" ގައިވެސް މި ލަވައިގެ ކަވަރ ވަރޝަނެއް ހިމަނާފައި ވެއެވެ. ކައިވެނި ހަފުލާތަކާއި މިޔުޒިކީ ތަފާތު މާހައުލުތަކުގައި އާންމުކޮށް އިވޭ އެއްލަވައަށް "ޗާލޭ' ވަނީ ވެފައެވެ.
ބޫޓާންގެ އެމް ސްޓޫޑިއޯ އިން ޔޫޓިއުބްގައި އާންމުކޮށްފައިވާ "ޗާލޭ"ގެ ކަވަރ ވަރޝަން އަށް ބޫޓާންގައިވެސް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. ވަޓްސްއަޕް ގްރޫޕްތަކާއި ވައިބަރ ގްރޫޕްތަކުގައި މިލަވައިގެ ޔޫޓިއުބް ލިންކް މިހާރު ދަނީ ހިއްސާކުރަމުންނެވެ.
ބާރަ އަހަރު ވެފައިވާ މި ހިތްގައިމު ދިވެހިރާގު އަދިވެސް ތާޒާކަންމަތީ އިވެމުންދާދިޔުން ފާހަގަކޮށް ޓްރިއޯ ބޭންޑުން ކޮށްފައިވާ މި މޮޅު މަސައްކަތަށް ތައުރީފް ކުރަމެވެ. ދިވެހި މިޔުޒިކަކީ ދުނިޔޭގެ ފެންވަރުގައިވެސް ބަލައިގަންނަ އަދި މަގުބޫލުކަން ހޯދިދާނެ އުފެއްދުންތަކެއްކަން ސާބިތުކޮށްދިނުމުގައި ބުރަ މަސައްކަތް ކުރަމުންދާ އެންމެހާ ދިވެހި ފަންނާނުންނަށް ހިތްވަރު ދެމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ