ޤާނޫނު އަސާސީގެ ދިފާއުގައި އުޅޭ ބަޔަކު ވެރިކަން ވައްޓާލަން ނޫޅޭނެ - މައުމޫން

ޤާނޫނު އަސާސީގެ ދިފާއުގައި މަސައްކަތް ކުރައްވާ ބަޔަކު މަގުމަތިން ވެރިކަން ވައްޓާލަން މަސައްކަތް ނުކުރާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ޒައީމް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އަދި އެމްޑީއޭ ގުޅިގެން މިހާރު ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މަގުމަތިން ވެރިކަން ވައްޓާލުމަކީ ޤާނޫނު އަސާސީގައި އޮންނަ ކަމެއް ނޫން ކަމަށެވެ.
"ސަރުކާރު ވައްޓާލުމަކީ ގާނޫނު އަސާސީގައި އޮންނަ ކަމެއް ނޫން، މިގޮތަށް މަސައްކަތް ކުރާ ބަޔަކަށް ކިހިނެއްތޯ ގާނޫނު އަސާސީ ހިމާޔަތް ކުރަން ނިކުންނާނީ؟" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ، ގާނޫނު އަސާސީގައި ދިފާއުގައި ވާހަކަ ދައްކާ ބަޔަކު ސަރުކާރު ވައްޓާލުމަށާއި، ޖާނުން ފިދާވުމުގެ ހަމަލާދޭން ނުބުނާނެ ކަމަށެވެ. އެއީ ގާނޫނު އަސާސީން ތަންދޭކަމެއް ނޫންކަމަށާއި، ރައީސްއަށް ނުހުރޭ ނަމަ ގާނޫނު އަސާސީގައި ކަންކުރާނެ ގޮތް ބުނެފައި އޮންނަ ކަމަށާއި އެގޮތުގެ މަތިން ކަން ކުރީމަ ރަނގަޅުވާނެ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
"ގާނޫނު އަސާސީގެ ރޫހާއި އެއްގޮތަށް ކަންތައް ކުރެއްވީމަ ރައްޔިތުން ބަލައިގަންނާނެ، މިގޮތަށް ކަން ކުރާ ނަމަ އެއްވެސް ބޭފުޅަކު ތިޔަބޭފުޅުން ކުރާ މަސައްކަތަކީ ދެކޮޅު ނުޖެހޭ ކަމެކޭ ނުބުނާނެ" ރައީސް މައުމޫން ވިދާޅުވި އެވެ.
ގާނޫނު އަސާސީ ހިމާޔަތްކުރެއްވުމަކީ، ޕީޕީއެމްގެ ވެސް ބޮޑު މަގްސަދެއް ކަމަށާއި ގާނޫނު އަސާސީއަކީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދޭ، އަދި ރައްޔިތުން ހަމަހަމަކޮށްދޭ މުހިންމު ލިޔުމެއް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
ގާނޫނު އަސާސީ ހިމާޔަތް ކުރަން ނިކުންނަން ޖެހޭނީ ގާނޫނު އަސާސީ އަށް އަމަލު ކުރާ މީހުން ކަމަށާއި، އެނޫން ބަޔަކު ނިކުންނަ ނަމަ އެ ވާނީ ދެކޮޅު ނުޖެހޭ ބަޔަކަށް ކަމަށްވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
"ގާނޫނު އަސާސީ އާއި ހިލާފުވާ ބަޔަކު ކިހިނެއްތޯ ގާނޫނު އަސާސީ ހިމާޔަތް ކުރާނީ، މަގުމަތިން ސަރުކާރު ވައްޓަން މަސައްކަތް ކުރާ ބަޔަކު، ނުވަތަ ޖާނުން ފިދާވާން މަސައްކަތް ކުރާ މީހުން ކިހިނެއްތޯ ގާނޫނު އަސާސީ ހިމާޔަތް ކުރާނީ؟" ރައީސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ