ސީޒަންގެ އެންމެ ފަހު މުބާރާތް ކަމުގައިވާ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި ވިކްޓަރީ ބަލިކޮށް، ފައިނަލްގެ ފަހު ޖާގަ ފުރަތަމަ ފަހަރަށް މާޒިޔާއިން ހޯދައިފި އެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މިމެޗް މާޒިޔާއިން ކާމިޔާބު ކުރީ 2-1 ލަނޑުންނެވެ.
ވިކްޓަރީގެ ފުރަތަމަ އޭގާރައިގެ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ދެ ކުޅުންތެރިއަކު ނުލައި، މާޒިޔާއާއި ދެކޮޅަށް ރޭ ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ވިކްޓަރީންނެވެ. މެޗުގެ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ވިކްޓަރީއަށް ލީޑް ނަގައިދިނީ ހުސެއިން ޝިމާޒް (ކޮކީ) އެވެ.
ވިކްޓަރީން ލަނޑެއް ޖަހާ މެޗުގެ ލީޑް ހޯދިތާ ދެ މިނެޓް ފަހުން މާޒިޔާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެ ލަނޑު މާޒިޔާއަށް ކާމިޔާބު ކޮށްދިނީ މިޑްފީލްޑަރު އަހުމަދު މުހައްމަދު (އައްމަޑޭ) އެވެ.
އައްމަޑޭގެ ލަނޑާ އެކު މަޒިޔާ އަށް ހިތްހަމަ ޖެހުން ލިބުނު ކަމުގެ ފުރިހަމަ ނަތީޖާއަކަށް ވެގެން ދިޔައީ، މެޗުގެ 29 ވަނަ މިނެޓުގައި އަކުރަމް އަބްދުލް ގަނީ ވަނީ މާޒިޔާ އަށް ލީޑު ހޯދައިދީ، އެ ޓީނުގެ ތާރީހުގައި ފުރަތަމަ ފަހަރަށް މުބާރާތެއްގެ ފައިނަލުން ޖާގަ ހޯދައިދިން ހިސާބުންނެވެ.
މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނު އިރު 2-1 ލަނޑުން ކުރި ހޯދާފައިވާ މާޒިޔާ މުބާރާތުގެ ފައިނަލަށް ދަތުރު ކުރިއިރު، މެޗުން ބަލިވި ވިކްޓަރީއަށް ވަނީ މިމުބާރާތުގެ ތިން ވަނަ ހޮވާމެޗުގައި ނިއުއާ ދެ ކޮޅަށް ނުކުންނަންޖެހިފަ އެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހުގެ ރެ އެވެ.
މެޗަށް ފަހު ވިކްޓަރީގެ ކޯޗް އަލީ ސުޒޭން ވަނީ މާޒިޔާ ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔާފައެވެ، އަދި މެޗުގައި މާޒިޔާގެ ގޯލްކީޕަރު އަހުމަދު އާތިފް(އާތީ) ދެއްކި ކުޅުމަށް ވެސް ސުޒޭން މަރުހަބާކިޔެވެ.
ސުޒޭން ބުނީ، މެޗުން ވިކްޓަރީ ބަލިވީ ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުން ކަމަށެވެ.
"ރަނަގަޅު ފުރުޞަތުތަކެއް ލިބުނު. ބަލިވީ މެޗުގެ ކުރީ ކޮޅު ލިބުނު ފުރުޞަތުތަކުގެ ބޭނުން ނުހިފުމުން. މާޒިޔާ އެ ހޯދީ ވަރަށް ރަނގަޅު ކާމިޔާބެއް. އެޓީމަށް މަރުހަބާ ކިޔަން" ކޯޗް ސުޒޭން ބުންޏެވެ.
މާޒިޔާގެ ކޯޗު އިސްމާއިލް މަހެފޫޒް (އިންމަ) ބުނީ، ވިކްޓަރީ ކަހަލަ މޮޅު ޓީމެއްގެ އަތުން މޮޅުވެ ފައިނަލުން ޖާގަ ލިބުމަކީ ޓީމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މެޗުގައި ޓީމްގެ ކުޅުންތެރިން ދެއްކީ މޮޅުކުޅުމެއް ކަމަށް އިންމަ ބުންޏެވެ.
މުބާރާތުގެ ފައިނަލް މެޗުގައި މާޒިޔާއާއި ދެކޮޅަށް ނުކުންނާނީ ވީބީއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހުގެ ރެ އެވެ.
އެފްއޭ ކަޕް: ވިކްޓަރީ ބަލިކޮށް ފައިނަލްގެ ފަހުޖާގަ ފުރަތަމަ ފަހަރަށް މާޒިޔާ ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ