އެފްއެސްއެމްގެ ވައްކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ރިޓަޔާކޮށްފި
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެލުން ވައްކަންކޮށް ފައިސާ ލޯންޑާކުރި މައްސަލައިގައި ތުހުމަތު ކުރެވޭ ބަޔަކު އެ ކުންފުނިން ރިޓަޔާކޮށްފިއެވެ. އެފްއެސްއެމްއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. މިއީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ޚިދުމަތް ފޯރުކޮށްދޭ އެއް ކުންފުނި ވެސް މެއެވެ. މިކަމާ ގުޅިގެން އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު ވިދާޅުވީ، އެ ބޭފުޅުން ރިޓަޔާ ކުރެއްވީ ކުންފުނީގެ ރިޓަޔަމަންޓު ޕެކޭޖެއް ނަންގަވައިގެން ކަމަށެވެ. ނަމަވެސް އެ މީހުންނާ ގުޅޭ އިތުރު މައުލޫމާތެއް ނުދެއްވައެވެ. އިތުބާރު ހުރި މަސްދަރަކުން "ސަން"އަށް މައުލޫމާތު ދީފައިވާ ގޮތުގައި ރިޓަޔާކޮށްފައި ވަނީ ތިން ޑިޕާޓްމަންޓެއްގެ އިސް ވެރިންނެވެ. މި ތިން މީހުންނަކީ ވެސް އެފްއެސްއެމްގެ ޚިޔާނާތާ ގުޅޭ މައްސަލައިގައި ޝާމިލުވާކަމަށް ތުހުމަތު ކުރެވޭ މީހުން ކަމަށް އެފަރާތުން ބުނެފައި ވެއެވެ. އޭނާ ބުނިގޮތުގައި އެފްއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ސުހައިލް ވެސް އިސްތިއުފާ ދެއްވީ މި މައްސަލައާ ގުޅިގެންނެވެ. ސުހައިލް މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 26ވަނަ ދުވަހެވެ. އެއަށްފަހު އެފްއެސްއެމްގެ ޚިޔާނާތުގެ މައްސަލަ ފެންމަތިވީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހެވެ. މިކަމާ ގުޅިގެން އެދުވަހު ހޯމް މިނިސްޓަރު އަލީ އިހުސާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެ ކުންފުނީގެ ތެލުން ވައްކަން ކޮށް ފައިސާ ލޯންޑާކުރާ ކަމަށް ޝައްކު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފައި ވާކަމަށެވެ. https://sun.mv/199737 އެ މައްސަލައިގައި އެހާތަނަށް 10 މީހުންނާއި ދެ ގެ އަދި ތެޔޮއުފުލާ ދެ ބާޖު ބަލައިފާސްކޮށްފައި ވާކަމަށާއި މައްސަލައާ ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުން ހޯދާފައިވާކަމަށް ވެސް އެ ޕޯސްޓުގައި ވެއެވެ. މިފަދަ މައްސަލަތައް ހޯދާ ފުރިހަމައަށް އަވަހަށް ތަހުގީގުކޮށް ވަކި މީހަކު އިސްތިސްނާނުކޮށް ގާނޫނީ ފިޔަވަޅު އެޅުމަކީ ރައީސް ޑރ. މުއިއްޒު ވަރަށް އިސްކަންދެއްވާ ކަމެއް ކަމަށް ވެސް މިނިސްޓަރުގެ ޕޯސްޓުގައި ވެއެވެ. މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޑިސެންބަރު 12ވަނަ ދުވަހު ބައްދަލުވުމެއް ކުރިއަށް ގެންދިޔައެވެ. ނަމަވެސް، އެ ބައްދަލުވުން ވަނީ ސިއްރުކޮށްފައެވެެ. އެފްއެސްއެމްގެ މުވައްޒަފުންތަކެއް ތެލުން ވައްކަންކޮށް މަނީ ލޯންޑާކުރި މައްސަލައެއް ބަލަމުން އަންނަ އިރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާއި އެފްއެސްއެމްގެ މުވައްޒަފުންތަކެއް ގުޅިގެން 6.7 މިލިއަން ރުފިޔާގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ތިން މީހަކަށް ދައުވާކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ