'އަދަދު' ގެ ލީވާން އަދި ޝަހުޒާން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފީ މައްސަލައެއް ހުށަހަޅައިފި އެވެ. މި މައްސަލަ އިސްތިއުނާފުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަކީ ގާނޫނުއަސާސީއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ކަނޑައެޅިގެން ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ އެވެ.
މި މައްސަލައިގެ އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި، ކޯޓުތަކުގެ ގާނަށް ގެނެވުނު 4 ވަނަ އިސްލާހުގެ ދަށުން ކޯޓުތަކުން އަމިއްލަ އިސްނެގުމުގައި މައްސަލަ ނުހިންގޭނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާއާ ހިލާފަށް މި މައްސަލަ ހިންގާފައިވުން ހިމެނެ އެވެ. ކޯޓުތަކުގެ ޤާނޫނުގެ 71-1 ވަނަ މާއްދާގައި ކޯޓުން އަމިއްލަ އިސްނެގުމުގައި މައްސަލަ ހިންގުމުގެ ބާރު ހަނިކޮށްފައިވާއިރު، ކްރިމިނަލް ކޯޓުން މި މައްސަލަ ބަލާފައިވަނީ ގާނޫނަކުން ލިބިދޭ ބާރެއްގެ ބަދަލުގައި ގަވާއިދަކުން ލިބިދޭ ބާރެއްގެ ދަށުން ކަމަށްވާތީ އެއީ ގާނޫނާ ހިލާފު އިޖުރާއަތެއް ކަމަށް އިސްތިއުނާފުގައި ފާހަގަކޮށްފައި ވެ އެވެ.
މީގެ އިތުރުން، ގާނޫނުލްއުގޫބާތުގެ 15 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 212 ވަނަ މާއްދާއާއި ހެއްކާ ބެހޭ ގާނޫނުގެ 139 ވަނަ މާއްދާއާ ހިލާފަށް، އެކަށީގެންވާ މިންވަރަށް ހެކި ވަޒަންކުރުމެއް ނެތި އަދަބު ކަނޑައަޅާފައިވާ ކަމަށްވެސް ބުނެފައި ވެ އެވެ.
ގާނޫނުއަސާސީގެ 53 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ލީވާންއާއި ޝަހުޒާންއަށް ލިބިދީފައި ނުވާކަންވެސް އިސްތިއުނާފުގައި ވަނީ ފާހަގަކޮށްފަ އެވެ. ވަކީލަކު އައްޔަންކުރުމަށް އެންމެ ދެ ގަޑިއިރުގެ ފުރުސަތެއް ދިނުމަށްފަހު ޝަރީޢަތް ކުރިއަށް ގެންދިއުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ 10 ދުވަހުގެ މުއްދަތަށްވުރެ ކުރު މުއްދަތެއް ކަމަށާއި، މިއީ އަސާސީ ހައްގަކުން މަހުރޫމްކުރުން ކަމަށް ބަޔާންކޮށްފައި ވެ އެވެ.
ހަމައެއާއެކު، ގާނޫނުލްއުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުން އަދަބު ކަނޑައެޅިއިރު، އެ މާއްދާގެ ދަށުން ތުހުމަތު އިއްވައި ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައި ނުވާކަމަށްވެސް އިސްތިއުނާފީ މައްސަލައިގައި ވެ އެވެ. ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ ހިނދު، އެކަން ތަހުގީގުކުރުމުގެ ބާރު ފުލުހުންނަށް އަދި ދައުވާކުރުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލަށް އޮންނައިރު، ކޯޓުން އަމިއްލައަށް ތަހުގީގުކޮށް، ދައުވާކޮށް، އަދަބު ކަނޑައެޅުމަކީ އަދުލު އިންސާފުގެ ނިޒާމުގެ ބޭރުން ހިންގާފައިވާ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.
އިސްތިއުނާފު ކުރި ފަރާތުން ބުނެފައިވަނީ، މި މައްސަލައިގައި ކްރިމިނަލް ކޯޓުން އަމަލުކޮށްފައިވަނީ ޝަރީއަތުގެ މަޖިލީހުން ބޭރުގައި ހިނގާ ކަންކަމުގައި ވަގުތުން އަދަބު ކަނޑައެޅުމުގެ ބާރު ކޯޓުތަކަށް ލިބިދީފައި ނުވާ ހާލަތެއްގައި ކަމަށެވެ. އެހެންކަމުން، މި ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް ހައިކޯޓުގައި ވަނީ އެދިފަ އެވެ.
ލީވާންއާއި ޝަހުޒާންގެ ޖަލު ހުކުމް ބާތިލުކުރަން ހައިކޯޓަށް: "ކްރިމިނަލް ކޯޓުން ހުކުމްކުރީ އިޖުރާއަތުތަކާ ހިލާފަށް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ