ލުބުނާނުގެ ބޯފޯޓް ކާސަލް އިޒުރޭލުން ހިފުމާއެކު މަޝްރަހު ގޯސްވެ، ފާޑުކިޔުންތައް އަމާޒުވެއްޖެ

ލުބުނާނުގެ ދެކުނުގައި އޮންނަ އިސްތިރާތީޖީ ގޮތުން މުހިންމު ކިއްލާއެއް ކަމަށްވާ ބޯފޯޓް ކާސަލް، އިޒުރޭލް އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ ގައުމުން ބުނެފިއެވެ.
ނަތަންޔާހޫ މި ކާމިޔާބީ ސިފަކުރެއްވީ ހިޒްބުﷲ އާ ދެކޮޅަށް ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތަކަށް އައި ވަރަށް ވަރުގަދަ އަދި ނިންމުންތަކަށް ބަދަލު އަންނާނެ ފިޔަވަޅެއްގެ ގޮތުގައެވެ. މި ސަރަހައްދު ހިފުމާ އެކު އިޒުރޭލުގެ އެއްގަމު ސިފައިން މިހާރު ވަނީ ކުރިން ކަނޑައަޅާފައިވާ ލިޓާނީ ކޯރުގެ ރޮނގަށް ވުރެ މާ ބޮޑަށް ލުބުނާނުގެ އެތެރެއަށް ވަދެފައެވެ.
މި ފިޔަވަޅާ ގުޅިގެން އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް އަދި ޖަރުމަނުވިލާތުން ވަނީ ކަންބޮޑުވުން ފާޅުކޮށް ފާޑުކިޔާފައެވެ. އިޒުރޭލް ސިފައިން ވަނީ ޒަހްރާނީ ކޯރުގެ ދެކުނުގައިވާ ހުރިހާ ރަށްތަކަކުން އާންމުން ހުސްކުރުމަށް ދެވަނަ ފަހަރަށް އިންޒާރު ދީފައެވެ. އިޒުރޭލް އަސްކަރިއްޔާއިން ބުނި ގޮތުގައި ހިޒްބުﷲގެ މަރުކަޒުތަކާ ކައިރީގައި ތިބޭ ކޮންމެ މީހެއްގެ ފުރާނައަށް ނުރައްކާ އޮންނާނެއެވެ. އަދި މި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވާ ކަމަށާއި، އިތުރު ސަރަހައްދުތަކަށް ހަމަލާތައް ފުޅާކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ވަނީ އިޒުރޭލުން ހިންގަނީ ޖަމާއީ އަދަބު ދިނުމުގެ އަމަލުތަކެއް ކަމަށް ތުހުމަތު ކުރައްވާފައެވެ. އޭނާ ވިދާޅުވީ އިޒުރޭލޔން ދެކުނު ލުބުނާނުގައި ހިންގަނީ ހުރިހާ އެއްޗެއް ހަލާކުކޮށްލުމުގެ ސިޔާސަތެއް ކަމަށެވެ.
ފަރަންސޭސި ރައީސް އެމަނުއަލް މެކްރޮން ވަނީ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވައި، އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަކަށް އެދިވަޑައިގެންފައެވެ. އިނގިރޭސި ފޮރިން ސެކްރެޓަރީ އިވެޓް ކޫޕާ ވިދާޅުވީ އިޒުރޭލްގެ ހަމަލާތަކުގެ ސަބަބުން އާންމުން މަރުވެ، ޑިޕްލޮމެސީއަށް އޮތް ފުރުސަތު ހަނިވަމުންދާ ކަމަށެވެ.
ބޯފޯޓް ކާސަލްއަކީ މީގެ 900 އަހަރު ކުރިން ބިނާކޮށްފައިވާ، މުޅި ސަރަހައްދު ކޮންޓްރޯލް ކުރުމުގެ ބާރު ލިބޭ ފަދަ އުސް ބިމެއްގައި ހުރި ތާރީހީ ތަނެކެވެ. އިޒުރޭލުން މީގެ 44 އަހަރު ކުރިންވެސް މި ތަން ހިފިއެވެ. ނަމަވެސް 2000 ވަނަ އަހަރު އެ ގައުމުން ވަނީ އެތަނުން ފައިބާފައެވެ. އިޒުރޜލުގެ ދިފާއީ ވަޒީރު ވިދާޅުވީ މި ސަރަހައްދު ހިފުމަކީ އިޒުރޭލުގެ ރަށްތަކަށް ދޭ ހަމަލާތައް ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
މި ހަމަލާތަކުގެ ތެރޭގައި ލުބުނާނުގެ ސޫރު ސިޓީގެ ހޮސްޕިޓަލަކަށް ދިން ހަމަލާއެއްގައި 13 މުވައްޒަފަކު ވަނީ ޒަހަމްވެފަ އެވެ. އަދި ހިޒްބުﷲ އިން އިޒުރޭލަށް ދެމުންދާ ޑްރޯން އަދި މިސައިލް ހަމަލާތައްވެސް ވަނީ ވަރުގަދަކޮށްފައެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ވަގުތީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވި ކަމުގެ ތުހުމަތު ދެ ފަރާތުންވެސް ކުރަމުންދާއިރު، މި ހަފުތާގައި ވޮޝިންގްޓަނުގައި މަޝްވަރާތަކުގެ ހަތަރުވަނަ ބުރެއް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. ނަމަވެސް މި މަޝްވަރާތަކުގައި ހިޒްބުﷲ ބައިވެރިއެއް ނުވެއެވެ. މިދިޔަ މާޗު މަހުން ފެށިގެން ކުރިއަށްދާ މި ހަނގުރާމައިގައި މިހާތަނަށް 3،300 އަށް ވުރެ ގިނަ މީހުން ލުބުނާނުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ސިއްހީ ވުޒާރާއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ