ޤަތަރުގެ ބާނީ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލް ޘާނީ އަވަހާރަވުމާ ގުޅިގެން، ފަލަސްޠީނުގެ ރައްޔިތުންނާ އެކު އެމަނިކުފާނު ބެހެއްޓެވި ގާތްކަމާއި ސާބިތުކަމަކީ ބައިނަލްއަޤުވާމީ މައިދާނުގައި ފާހަގަކޮށްލެވޭ ފަދަ މަތިވެރި އަދި ތާރީޚީ ނަމޫނާއެކެވެ.
އެމަނިކުފާނަކީ ހަމައެކަނި ޤައުމެއްގެ ވެރިއެއް ނޫނެވެ. އެއީ ފަލަސްޠީނުގެ ރައްޔިތުންގެ ޙަޤީޤީ އެކުވެރިއެކެވެ. އަދި ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީން ކުރިމަތިކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް ފާޅުގައި ތެދުވެވަޑައިގެން، އެތަނަށް ޒިޔާރަތްކުރެއްވި ހަމައެކަނި ޢަރަބި ލީޑަރެވެ.
2006 ވަނަ އަހަރު ބޭއްވި ފަލަސްޠީނުގެ އިންތިޚާބަށްފަހު، ޔަހޫދީން ޣައްޒާ ވަށާލައި، ބަންދުކޮށްފައި އޮންނަތާ ހަ އަހަރު ފަހުން، 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޝައިޚް ޙަމަދު ވަނީ ޣައްޒާއަށް ތާރީޚީ ދަތުރުފުޅެއް ކުރައްވާފައެވެ. އަނބިކަނބަލުން ޝައިޚާ މޯޒާ ބިންތު ނާސިރާއި މަތީ ފެންވަރުގެ ވަފުދަކާއެކު ކުރެއްވި މި ދަތުރުފުޅަކީ، ހުޅަނގުގެ ބާރުތަކުން ޣައްޒާ އެކަހެރިކުރުމަށް ކުރި މަސައްކަތްތަކަށް ދެއްވި ވަރުގަދަ ރައްދެކެވެ.
ފަލަސްޠީނުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ އިސް ބޭފުޅެއް ކަމަށްވާ ޚާލިދު މެޝާލް ވިދާޅުވި ގޮތުގައި، ޝައިޚް ޙަމަދު ޣައްޒާއަށް ކުރެއްވި ޒިޔާރަތަކީ މުޅި ފަލަސްޠީނަށް ލިބުނު ބޮޑު އުންމީދެކެވެ.
"އެމަނިކުފާނަކީ ޣައްޒާގެ އެންމެ ދަތި ހާލަތުގައި އެތަނަށް ވަޑައިގެން، ބަންދުކޮށްފައިވާ ދޮރުތައް މުގުރާލާނެކަން އިޢުލާންކުރެއްވި ހިތްވަރުގަދަ ލީޑަރެއް،" އޭނާ ފާހަގަކުރެއްވިއެވެ.
އަލްޖަޒީރާ ނޫހުގައި މަސައްކަތް ކުރެއްވި ތަޖުރިބާކާރު ނޫސްވެރިޔާ އަޙުމަދު އަލް ޝައިޚް ވިދާޅުވި ގޮތުގައި، ޝައިޚް ޙަމަދުގެ ހިތްޕުޅުގައި ފަލަސްޠީނަށް އޮތީ ޚާއްޞަ ލޯތްބެކެވެ. ޢަރަބި ދުނިޔޭގެ އެހެން އެއްވެސް ވެރިއަކަށް ކުރަން ނުކެރުނު ކަންތައް އެމަނިކުފާނު ކުރެއްވީ، ޣައްޒާގެ ރައްޔިތުން ބިކަވަމުންދިޔަ މަންޒަރު ބައްލަވަން ކެތްނުކުރެއްވިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ތާރީޚީ ދަތުރުފުޅުގައި ޝައިޚް ޙަމަދު ވަނީ ޣައްޒާ އާރާސްތުކުރުމަށް ޤަތަރުން ދޭ އެހީ 400 މިލިއަން ޑޮލަރަށް އިތުރުކޮށްދެއްވާފައެވެ. މީގެ ސަބަބުން ބޯހިޔާވަހިކަމާއި، ސިއްޙީ އަދި ތަޢުލީމީ ދާއިރާގެ ބޮޑެތި މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމުގެ މަގު ފަހިވެގެންދިޔައެވެ.
ފަލަސްޠީނުގެ ޙައްޤުގައި ކުރެއްވި މަސައްކަތްޕުޅުތަކުގެ އަގުވަޒަންކޮށް، ޣައްޒާގެ އިސްލާމިކް ޔުނިވާސިޓީން ވަނީ އެމަނިކުފާނަށާއި ޝައިޚާ މޯޒާއަށް ހޮނަރަރީ ޑޮކްޓަރޭޓް އަރުވާފައެވެ. ޝައިޚް ޙަމަދަކީ 1967 ގެ ފަހުން ފަލަސްތީނުގެ ބިންތަކަށް ޒިޔާރަތްކުރެއްވި ގަލްފުގެ ފުރަތަމަ ލީޑަރުވެސް މެއެވެ.
ފަލަސްޠީނުގެ މައްސަލައަކީ ޝައިޚް ޙަމަދު ވަރަށް ބޮޑު އިސްކަމެއް ދެއްވި މައްސަލައެކެވެ. ޔަހޫދީން ފަލަސްޠީނުގެ އޭރުގެ ރައީސް ޔާސިރު އަރަފާތުގެ ގެކޮޅު ހިޞާރުކުރި ދުވަސްވަރު، އެކަމާ އެމަނިކުފާނު ނުހަނު ބޮޑަށް ހިތާމަކުރެއްވިއެވެ. އެމަނިކުފާނު ޤަބޫލުކުރެއްވި ގޮތުގައި ފަލަސްޠީނުގެ މިނިވަންކަން ހޯދޭނީ އެ ރައްޔިތުންގެ އަމިއްލަ މަސައްކަތުންނެވެ.
2008 ވަނަ އަހަރުގެ ހަނގުރާމައިގެ ދުވަސްވަރު، ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ޢަރަބި ޤައުމުތަކުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. އެކަމަށް އެދެވޭ ތަރުހީބެއް ނުލިބުމުން، އެމަނިކުފާނު ވަނީ އެކަމާ ހިތާމަފާޅުކުރައްވައި، ފާޅުގައި ޢަރަބި އެހެން ލީޑަރުންނަށް ފާޑުވިދާޅުވެފައެވެ.
ޝައިޚް ޙަމަދުގެ ދީލަތި އެހީގައި ޣައްޒާގައި މުޙިންމު ވަޞީލަތްތައް ވެސް ބިނާކުރެއްވިއެވެ. މިގޮތުން، ޚާން ޔޫނުސްގައި ބިނާކުރި 58 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢުގެ ދަށުން އެތައް ހާސް އާއިލާއަކަށް ބޯހިޔާވަހިކަން ލިބިގެންދިޔައެވެ. އަދި އެ މަނިކުފާނުގެ އެހީގައި ބިނާކުރެވުނު، ޝައިޚް ހަމަދު ހޮސްޕިޓަލަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަރުވާ ދިނުމަށް އެ ސަރަޙައްދުގައި ހުރި އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލެވެ.
މިހާރު ހިނގަމުންދާ ހަނގުރާމައިގައި ޔަހޫދީން މި ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވީ ނަމަވެސް، ޝައިޚް ޙަމަދު ހޮސްޕިޓަލުން މެދުނުކެނޑި ދެމުންދާ ޚިދުމަތަކީ އެމަނިކުފާނުގެ މަތިވެރި ހަނދާންތައް އާކޮށްދޭ ދިރިހުރި ރަމްޒެކެވެ.
މިފަދަ އިސްނެންގެވުމާއި ހިތްވަރުގެ ސަބަބުން، ފަލަސްޠީނުގެ ރައްޔިތުންގެ ހިތްތަކުގައި ޝައިޚް ޙަމަދަށް އޮތް ލޯތްބާއި އިޙްތިރާމް އަބަދަށް ދެމިއޮންނާނެއެވެ.
ޤަތަރުގެ ޝެއިޚް ޙަމަދު: ފަލަސްޠީނުގެ ހިތްތަކުން ފިލައިގެން ނުދާނެ ވެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ