ކަރަންޓީނުގައި ހުރި މީހަކު ސާމްޕަލް ދޭން ދެކޮޅު ހެދުން، ކޯޓުން ޖެހުނީ އަމުރެއް ނެރެން!

މާލޭގައި ބާރު ސްޕީޑެއްގައި ކޮރޯނާ ވައިރަސް ފެތުރެމުން އަންނައިރު، ކަރަންޓީނުގައި ހުރި މީހަކު ބައްޔަށް ޓެސްޓު ހެދުމަށް ސާމްޕަލް ދޭން ދެކޮޅު ހަދަމުންދާތީ ސާމްޕަލް ދިނުމަށް އޭނާގެ މައްޗަށް ސިވިލް ކޯޓުން އަމުރެއް ނެރެފިއެވެ.
މި މައްސަލައާއި ގުޅޭގޮތުން ސިވިލް ކޯޓުން ބުނެފައިވަނީ، އޭނާ އަކީ ކަރަންޓީން ފެސިލިޓީއެއްގައި ހުރި މީހެއް ކަމަށެވެ. އަދި ބައްޔަށް ޓެސްޓު ކުރުމަށް އޭނާ ދެކޮޅު ހަދާފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން އޭނާގެ މައްޗަށް އަމުރެއް ނެފައިވާކަމަށް އެ ކޯޓުން ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ. މިއީ މީހަކު ސާމްޕަލް ނުދީގެން ކޯޓު އަމުރު ނެރެން ޖެހުނު ފުރަތަމަ ފަހަރެވެ.
ކޯޓުން ނެރުނު އަމުރުގައި ވަނީ، ސާމްޕަލް ދިނުމަށް އޭނާގެ މައްޗަށް އަމުރުކޮށް، އެ އަމުރު ތަންފީޒު ކުރުމަށް ކަމާއި ބެހޭ ފަރާތްތަކަށް އެކަން އަންގާފައެވެ.
މިއީ، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އަންގަމުންދާ އެންގުމުންތަކަށް ތަބާނުވެގެން އަމުރެއް ނެރެން ޖެހުނު ފަސް ވަނަ ފަހަރެވެ. މީގެ ކުރިން ނެރުނު ހަތަރު އަމުރަކީ، ކަރަންޓީނަށް ދާން ދެކޮޅު ހެދިބައެއްގެ މައްޗަށް ނެރުނު އަމުރުތަކެވެ. އޭގެ ތެރޭގައި ބޭރު މީހެއް ވެސް ހިމެނެއެވެ.
މާލޭގައި ބާރު ސްޕީޑެއްގައި ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު، މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 396 އަށް އަރާފައެވެ. ބަލި ޖެހުނު މީހުންނާއި ކޮންޓެކްޓުވެގެން ގިނަ އަދަދެއްގެ ބަޔަކު ވެސް ކަރަންޓީނުކޮށްފައި ވެއެވެ.
އޭގެ އިތުރުން ރާއްޖެއިން ބޭރުން އައި ބައެއް މީހުން ވެސް ކަރަންޓީނުގައި ފެސިލިޓީތަކުގައި އެބަތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ