ޑޮކިއުމެންޓްރީއާ ގުޅޭ ކޯޓު އަމުރާ އެއްގޮތަށް ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދަން އީސީގެ އެންގުމެއް، ޕާޓީތަކަށް
އޮންލައިން ނޫސް "އަދަދު"ން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ސިޔާސީ ޕާޓީތަކަށް އެންގުމެއް ފޮނުވައިފިއެވެ. މި މައްސަލައަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފްކޮށް ހަދާފައިވާ ކަމަށް ބުނާ ޑޮކިއުމެންޓްރީގެ މައްސަލައެވެ. ކްރިމިނަލް ކޯޓުން ވަނީ އެ ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް އަމުރެއް ވެސް ނެރެފައެވެ. މި އަމުރަކީ އާންމުންނަށް ނެރެފައިވާ އަމުރެކެވެ. އެކަމާ ގުޅިގެން އީސީން މިރޭ ވަނީ ޑޮކިއުމެންޓްރީގެ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށް ނެރުނު އަމުރާ އެއްގޮތަށް ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގުމަށް އެދިފައެވެ. https://sun.mv/221803 "ޝަރީއަތް ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގައި ކުރާ އަމުރު"ގައި ވަނީ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށެވެ. އަދި ޝަރީއަތަށް ހުށަހެޅިފައިވާ ޑޮކިއުމަންޓްރީއާ ގުޅުވައި މައްސަލައިގެ ޙަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އެ ބާވަތުގެ މައްސަލަތަކަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މުޖުތަމައުގެ އަޚުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން އާންމުކޮށް ހުޅުވާނުލައި ސިއްރުކޮށްގެން ކުރިއަށް ގެންދެވޭނެ ޝަރީއަތްތަކެއް ކަމުގައިވާތީ، މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާއި ގުޅުންހުރި މައުލޫމާތުތައް ނުފެތުރުމަށް ވެސް ވަނީ އަމުރުކޮށްފައެވެ. އަދި އެފަދަ ކޮންމެ ކަމަކީ ކޯޓުގެ ޙުރުމަތް ކެނޑުން ކަމުގައި ބެލިދާނެ އަމަލެއް ކަމަށް އަމުރުގައި ވަނީ ބުނެފައެވެ. މި އަމުރުގެ އިތުރުން ޑޮކިއުމެންޓްރީގެ މައްސަލައިގައި އަދަދު ނޫހުގެ ސީއީއޯ އަދި ޗީފް އެޑިޓަރު ހުސައިން ފިޔާޒް މޫސާ އާއި މެނޭޖިން އެޑިޓަރު ޙަސަން މުޙައްމަދު (ހަސަނާ)ގެ މައްޗަށް ޖިނާއީ ދައުވާ ވެސް ވަނީ އުފުލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ