ނުފޫޒު ނެތްނަމަ ޔާމީން މިނިވަންވާނެކަމަށް ދޭހަވާ މޭރުމަކުން ޕީޖީ ވާހަކައެއް ނުދައްކަވާ: ޕީޖީ އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް މިނިވަންވާނެކަމަށް ދޭހަވާ މޭރުމަކުން ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވާހަކަ ނުދައްކަވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވެއްޖެއެވެ.
އެ އޮފީހުން މިހެން ބުނީ އޮންލައިން ނޫހުގައި، "ނުފޫޒު ނެތްނަމަ ޔާމީން މިނިވަންވާނެކަމަށް ދޭހަވާ މޭރުމަކުން ޕީޖީ ވާހަކަދެއްކެވި" ކަމަށް، އިދިކޮޅުގެ ވަގުތީ ލީޑަރު، އިދިކޮޅު ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެފައިވާކަމަށް ގެނެސްދީފައިވާ ވާހަކައާއިގުޅިގެންނެވެ.
ޕީޖީ އޮފީހުން ވިދާޅުވީ، އަދުރޭގެ އެވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، މިއަދުގެ ބައްދަލުވުމަކީ، ރައީސް ޔާމީންގެ ޝަރީޢަތުގެ ކަންކަން ހިނގަމުންދާގޮތާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް، ޕީޕީއެމް/ޕީއެންސީއިން އެދިވަޑައިގަތުމުން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
މި ބައްދަލުވުމުގައި ޕީޖީ ވިދާޅުވެފައި ވާނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ އިސްތިއުނާފު މައްސަލަ އަވަހަށް ނިމުމަކީ ޕީޖީ އޮފީހުން ވެސް އެދޭ ގޮތްކަމަށް ކަމަށް ޕީޖީން ވިދާޅުވެފަވެއެވެ.
''ނަމަވެސް، މިމައްސަލަ މިހާރުވެސް ލަސްވެފައި އޮތީ ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ނުކުތާތައް ލިޔުއްވައި، ހުށަހެޅުއްވުންވެސް ލަސްވެފައި އޮތުމުން ކަމަށާއި، ނަމަވެސް، މައްސަލައިގެ އަޑުއެހުންތައް ވީހާވެސް އަވަހަކަށް ގެންގޮސް، މައްސަލައިގައި އަވަހަށް ޙުކުމެއް ކުރުމަށް، ޕީޖީ އޮފީހުން އެއްބާރުލުން ދޭންޖެހޭ ހަމަ ކޮންމެ ކަމެއްގައި އެއްބާރުލުން ދޭނެކަމަށް ދެންނެވިއެވެ.'' ޕީޖީން ވިދާޅުވެފަވެއެވެ.
މީގެ އިތުރުން ސަރުކާރުގެ ނުފޫޒާބެހޭ ގޮތުން ދެއްކެވި ވާހަކަފުޅަކީ، ޕީޕީއެމް/ޕީއެންސީގެ މެމްބަރުން އަމިއްލަފުޅަށް ފައުޅުކުރެއްވި ޝުޢޫރު ކަމަށާއި، އެކަމަކީ ޕީޖީ އޮފީހުގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަމަކަށް ނުވާތީ، އެ ޝަކުވާއާ ގުޅިގެން އެ އޮފީހުން ކޮށްދެވޭނެ ކަމެއް ނެތްކަމަށް ދެންނެވި ކަމަށް ވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.
ޕީޖީ އޮފީހުން ވިދާޅުވެފައިވާ ގޮތުގައި، ވ. އާރަށުގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ޝަރީޢަތުން އޮތީ ޙުކުމެއް ކޮށްފައެވެ. އަދި އެ ޙުކުމް، މަތީ މަރްޙަލާގެ ކޯޓަކުން ބަދަލުނުކުރާހާ ހިނދަކު، އެ ޙުކުމަކީ ޞައްޙަ، ޤާނޫނީ ބާރު ލިބިގެންވާ، ޙުކުމެއްކަން ފާހަގަކުރައްވައި، މިޙާލަތުގައި ރައީސް ޔާމީނަކީ ޙުކުމް ތަންފީޒުކުރަމުންދާ ޤައިދީއެއްކަން އެ އޮފީހުން ފާހަގަކުރައްވާފަވެއެވެ.
ޤައިދީންގެ ޝަކުވާތައް ބަލާ އިދާރާއަކީ ކަރެކްޝަންސް ސަރވިސްކަމަށްވާތީ، ރައީސް ޔާމީންގެ ބަންދުގެ ޙާލަތާ ގުޅޭގޮތުން ހުރި ޝަކުވާތައް، ކަމާބެހޭ އިދާރާތަކަށް ހުށަހެޅުއްވުމަށް ބައްދަލުވުމުގައި ވާހަކަ ދެކެވުނުކަމަށް ވެސް ޕީޖީ އޮފީހުން ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ