ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ދާއިރާގެ ބައިނަލްއަގުވާމީ ކޮންފަރެންސެއް ބާއްވަނީ
ރާއްޖޭގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ހާއްސަކޮށްގެން ބައިނަލްއަގުވާމީ ކޮންފަރެންސެއް ބާއްވަން ނިންމައި، އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ. ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ނަރުހުންނާއި ޑޮކްޓަރުންނަށް ރިސާޗުގެ މުހިންމުކަން އަންގައިދިނުމުގެ ގޮތުން ކުރިޔަށް ގެންދަން ނިންމާފައިވާ "އީބީޕީ ހެލްތް ޗެމްޕިއަންސް ކޮންފަރެންސް" އޮންނާނީ ޖުލައި މަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަހު، ބަނޑޮސް އައިލެންޑް ރިސޯޓުގަ އެވެ. ކޮންފަރެންސްގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ "އެވިޑެންސް-ބޭސްޑް" ޕްރެކްޓިސް ކުރިއަރުވާ އެންމެ ފަހުގެ ރިސާޗް ތަކަށް ބިނާކޮށް އެންމެ ޒަމާނީ ގޮތަށް ޕްރޮސީޖާތައް ކުރިޔަށް ގެންދިއުމަށް ސިއްހީ ދާއިރާގެ ބޭފުޅުންގެ މައުލޫމާތު މުއްސަނދި ކުރުވުމެވެ. ކޮންފަރެންސް ކުރިޔަށްދާނީ މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން ރާއްޖެތެރޭގެ އެކި ރަށްތަކުގެ ހޮސްޕިޓަލްތަކާއި ރާއްޖޭން ބޭރުގެ ނަރުހުންނާއި ޑޮކްޓަރުންގެ ހިމެނޭ ގޮތުން 150 އަށް ވުރެ ގިނަ ބައިވެރިންނާއިއެކުގަ އެވެ. އަދި ރާއްޖޭން ބޭރުގެ ހޮސްޕިޓަލްތަކާއި ޔުނިވާސިޓީތަކުގައި މަސައްކަތް ކުރައްވާ ސިއްހީ ދާއިރާގެ ކަމާ ބެހޭ މާހިރުންގެ ލެކްޗަރު ސެޝަންތަކާއި ސުވާލާއި ޖަވާބުގެ ތަފާތު ސެޝަންތަކެއް އެކި މައުޟޫއުތަކުގެ މައްޗަށް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. "އެވިޑެންސް ބޭސްޑް ޕްރެކްޓިސް ހެލްތް ޗެމްޕިއަންސް މޯލްޑިވްސް"ގެ ފަރާތުން އިންތިޒާމް ކުރާ އެ ކޮންފަރެންސްގެ ޓެލެކޮމް ޕާޓްނަރަކަށް ދިވެހި ރާއްޖޭގެ އެންމެ ބޮޑު އެއް މުވާސަލާތީ ކުންފުނި ދިރާގު ވަނީ ހަމަޖައްސައިފަ އެވެ. ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ބައިނަލްއަގުވާމީ ކޮންފަރެންސްގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖެއްސުން --- ފޮޓޯ: ދިރާގު އެކަމުގެ އެއްބަސްވުމުގައި ދިރާގާއި އެވިޑެންސް ބޭސްޑް ޕްރެކްޓިސް ހެލްތް ޗެމްޕިއަންސް މޯލްޑިވްސް އިން ސޮއިކޮށްފައި ވަނީ އިއްޔެ އެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އެވިޑެންސް ބޭސްޑް ޕްރެކްޓިސްގެ އޯގަނިއިޒިން ކޮމިޓީގެ ޗެއާ، ޑރ. ފާތުމަތު ޝިފާޒާ ވިދާޅުވީ ރާއްޖޭގައި ސިއްހީ ދާއިރާގެ ކަންކަން ފެންނަނީ ޓެކްނޮލޮޖީގެ ގޮތުން ފުދޭވަރަކަށް ފަހަތުގައި އުޅޭ މަންޒަރު ކަމަށެވެ. "ސިއްހީ ހިދުމަތް ދޭ ތަންތަނުގައި ވެސް ފުޅާދާއިރާއެއްގައި އިންޓަނެޓްގެ ހިދުމަތް ނުލިބި ހުންނާތީ ނަރުހުންނާއި އެނޫން ކުދިންނަށް ދަތިވޭ އޮންލައިންކޮށް ލިބެން ހުންނަ ލިޔުންތައް ވެސް ވަގުތުން ވަގުތަށް ކިޔާލައިގެން ވެސް އެ މައުލޫމާތުތައް ލިބިގަންނަން،" އޭނާ ވިދާޅުވި އެވެ. ނަމަވެސް ދިރާގަކީ އެފަދަ ކަންކަން ފަހި ކޮށްދިނުމުގައި މަސައްކަތް ކުރަމުން އަންނަ ފަރާތަކަށް ވުމުން ދިރާގާއެކު ވެވުނު އެއްބަސްވުމާ އެކު ސިއްހީ ދާއިރާ އަށް ޓެކްނޮލޮޖީގެ ގޮތުން ކުރިއެރުން އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ކޮންފަރެންސްގައި އޮސްޓްރޭލިޔާ އާއި ނެދަލޭންޑްސް އަދި އިންޑިޔާގެ އިތުރުން މެދުއިރުމަތީގެ ކަމާބެހޭ ހާއްސަ ފަރާތްތަކުން ތަގުރީރު ކުރައްވާނެ ކަމަށާއި، ސްކައިޕް މެދުވެރިކޮށް މަޝްހޫރު ޕްރޮފެސަރެއް ކަމަށްވާ ވިކްޓަރ މޮންޓޯރީގެ ލެކްޗާއެއް ވެސް ކުރިއަށް ދާނެ ކަމަށް ޝިފްޒާ ވަނީ ވިދާޅުވެފަ އެވެ. "އެފަދަ ބައެއް މި ވޯކްޝޮޕުގައި ހިމެނޭއިރު އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ މިވަގުތަށް މިފަދަ ކަނެކްޓިވިޓީއެއް އަޅުގަނޑުމެންނަށް ފޯރުކޮށްދިނުމުގައި އެންމެ ބޮޑަށް ބަރޯސާވެވޭނެ ކުންފުންޏަކީ ދިރާގު ކަމަށް. މި ކޮންފަރެންސްގެ ޓެލެކޮމް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ހިޔާރުކުރެވިގެންދިޔައީ މިކަހަލަ ސަބަބުތަކަކަށް ޓަކައި،" ޝިފްޒާ ވިދާޅުވި އެވެ. އެއްބަސްވުމަށް ފަހު ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދް ޖަލީލް ވިދާޅުވީ ދިރާގަކީ ޓެކްނޮލޮޖީގެ ތެރެއިން ސިއްހީ ދާއިރާއަށް ވެސް ކުރިއެރުންތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ. "އެގޮތުން މިހާރު ވެސް ހެލްތު މިނިސްޓްރީއާ ގުޅިގެން ރާއްޖޭގެ އެކި ރަށްރަށުގައި ޓެލެމެޑިސިންގެ ހިދުމަތް ވެސް މިވަނީ ތައާރަފްކޮށްފައި. މިކަންކަމުގެ އިތުރަށް ރާއްޖޭގެ ނަރުހުންނާއި ޑޮކްޓަރުންނަށް ބޭރުގެ މާހިރުންގެ ފަރާތުން މައުލޫމާތު މުއްސަނދިކުރުމުގެ ގޮތުން ބޭއްވޭ މިފަދަ ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި ވެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއްވެދިނުމަކީ ދިރާގަށް ލިބިގެންދާ ވަރަށްބޮޑު އުފަލެއް،" އިމްޖާދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ