ފައްޔާޒުގެ ރައްދު އިހުސާނަށް: އެގޮތަށް އާންމުންގެ ވީޑިއޯ ހާމާއެއް ނުކުރެވޭނެ، އެކަށީގެންވާ ސަބަބެއް އޮތްނަމަ ގާނޫނީ ފިޔަވަޅު އަޅާ!
ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަނބިކަނބަލުންނާއި ދަރިފުޅުގެ ވީޑިއޯއެއް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ނެގި ކަމަށް ތުހުމަތުކުރިޔަސް، އެފަދައިން އާއްމުންގެ ވީޑިއޯއެއް އާއްމު ނުކުރެވޭނެ ކަމަށާއި، އެކަށީގެންވާ ސަބަބެއް އޮތްނަމަ އެމީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްލާއީމް ވިދާޅުވެއްޖެއެވެ. ކުރު ސީސީޓީވީ ފުޓޭޖަކާއެކު، މިނިސްޓަރު ރޭ ދަންވަރު ކުރެއްވި ޕޯސްޓުގައި ވަނީ، އިއްޔެ ހަވީރު އިބްރާހިމް ވަހީދާއި އަކްރަމް, އޭނާގެ އަނބިކަނބަލުންނާއި ދިހަ އަހަރުގެ ދަރިފުޅު މަގުމަތިން ދަނިކޮށް ވީޑިއޯކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، މި ސަރުކާރުން ދިވެހި ދައުލަތް "ޑިކްޓޭޓާޝިޕަކަށް" ވައްޓާލަމުންދާއިރު، މިހާރު މިއީ އެއްވެސް އަޚުލާގަކާއި ގާނޫނުތަކަށް ތަބާވުމެއް ނެތް ނާގާބިލް ދައުލަތެއް ކަމަށެވެ. އެ އަނިޔާއާއި ކޮރަޕްޝަންގެ ސީރިއަސްކަމުގެ މައްޗަށް، ރައްޔިތުންނަށް ޖާސޫސް ކުރައްވަން ހޯމް މިނިސްޓަރު އުޅުއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ކުރައްވައިގެން އެކަން ކުރެއްވުމަކީ ގަބޫލު ކުރަން ދަތި ކަމެެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. https://sun.mv/218449 ގައުމުގެ މިހާރުގެ މިސްރާބު ހުރި ގޮތުން ވަރަށް ބޮޑަށް ކަންބޮޑުވާކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ މަގުމަތީގައި ހަރުކޮށްފައި ހުންނަ ކޮންމެ ކެމެރާއަކާއި ޑޭޓާތައް ބޭނުންކޮށްގެން މީހުން ކޮންޓްރޯލްކޮށް، އިންތިޚާބުތަކަށް ނުފޫޒު ފޯރުވަން ބޭނުން ކުރާ "ބިގް ބްރަދާ" ސްޓޭޓެއް ބޭނުން ނުވާ ކަމަށެވެ. ސިޔާސީ ގޮތުން ވިޔަސް އަދި ނުވިޔަސް، މާޔޫސްވެފައި ވިޔަސް، އުންމީދު ހުރި ކަމުގައި ވިޔަސް، މި ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރުމަށާއި، މި ސަރުކާރުގެ ފަސާދަތައް ވީހާ ވެސް އަވަހަކަށް ހުއްޓުވުމަށް މިހާރުން މިހާރަށް އެންމެން އެއްތަނަކަށް ޖަމާވާންޖެހޭ. މި މޮޔަ ވެރިކަމަށް ނޫނެކޭ ބުނަން ޖެހޭ، ފައްޔާޒު އިސްމާއީލް https://x.com/faya_i/status/2027328270367441247 ފައްޔާޒުގެ އެ ޕޯސްޓަށް ރައްދު ދެއްވައި މިނިސްޓަރު އިހުސާން ވިދާޅުވީ، "ޑިމޮކްރެޓިކް ޗެމްޕިއަން" ގެ ލީޑަރުން ކަމަށް ބުނާ ބަޔަކު، އޭނާގެ އަނބިމީހާއާއި އަންހެން ދަރިފުޅު އޭނާގެ އާއިލާ ގޭގެ ކުރިމަތިން މަގުމަތީގައި ހިނގާފައި ދިޔަ މަންޒަރު ރެކޯޑް ކުރަމުން ދިޔަ ކަމަށެވެ. އަދި އެއީ އެގޭގެ އަމިއްލަ ސީސީޓީވީ ކެމެރާއިން ސާފުކޮށް މޮނިޓާ ކުރާ ސަރަހައްދެއް ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި އެއީ ސަރުކާރުގެ އެއްވެސް ވަސީލަތެއް ނުހިމެނޭ ފުޓޭޖެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ފައްޔާޒަށް ރައްދު ދެއްވައި އިހުސާން ވިދާޅުވީ ހަގީގީ ހާލަތު ނުދަންނައިރު އަދި އެމްޑީޕީ މެންބަރުންގެ މިފަދަ ޑިމޮކްރެޓިކް އަދި ގަބޫލު ނުކުރާ އަމަލުތައް ދިފާއު ކުރުމަކީ ހިތާމަވެރި ކަމެއް ކަމަށެވެ. އަދި އެއީ އެ ޕާޓީގެ އެތެރޭގައި ހިފަހައްޓައި ޕްރޮމޯޓް ކުރަމުން އަންނަ އުސޫލުތައް ވަރަށް ބޮޑަށް ހާމަވާ ކަމެއް ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ. https://x.com/min_mohst/status/2027339408975032522 މިނިސްޓަރަށް ރައްދު ދެއްވައި ފައްޔާޒު ކުރެއްވި ޕޯސްޓުގައި ދެން ވިދާޅުވީ، މިނިސްޓަރު އެފަދައިން އަމަލުކުރެއްވުމަކީ ފުލުހުންގެ މަސައްކަތަށް ކުރެވޭ މަލާމާތެއް ކަމަށެވެ. ވީޑިއޯގައި ތިބި އަކުރަމާއި އިބްރާހިމް ވަހީދާ ދެކޮޅަށް އެކަށީގެންވާ ސަބަބެއް އޮތް ނަމަ، އެ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅަން ފައްޔާޒު ގޮވައިލެއްވިއެވެ. ނަމަވެސް ތުހުމަތު ކުރާ މީހުންގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އެގޮތަށް ޕޯސްޓް ނުކުރެވޭނެ ކަމަށް ވިދާޅުވެ ފައްޔާޒު ނުރުހުން ފާޅުކުރެއްވިއެވެ. އަދި ފަހަރެއްގައި އެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރުމަށް އެ މިނިސްޓްރީން ފުލުހުންގެ މައްޗަށް އިތުބާރު ނުކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ޚާއްސަކޮށް މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން ދިވެހި ރައްޔިތުންގެ ޒާތީ ޑޭޓާ ވަގަށް ނެގުމާއި، އެ ނަހަމަ ގޮތުގައި ބޭނުންކުރުމަށް ފަހު އެ އިތުބާރެއް ނެތް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. https://x.com/faya_i/status/2027359280987623881 ވީޑިއޯއިން ފެންނަނީ، މާލޭގެ މަގެއް މަތިން އަންހެނަކާއި ކުޑަ ދެ ކުދިން ދާ މަންޒަރެވެ. އެއް ކުއްޖަކު ބައިސްކަލެއްގައި ދިޔައިރު، ކައިރީގައި ފިރިހެނަކު ހުންނަ މަންޒަރު ފެނެއެވެ. އެ ވީޑިއޯގައި ތުހުމަތުކޮށްފައިވާ ގޮތުގައި، އެ މީހަކީ، ބޮޑީ ގާޑެކެވެ. އިހުސާން ވިދާޅުވީ، ޑިމޮކްރެސީއާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކުގެ ހިމާޔަތުގައި ވަކާލާތުކުރާ ބަޔަކު އެފަދަ 'ދަށު ދަރަޖައިގެ' ކަންކަން ކުރުމަކީ ހިތަމާހުރި ކަމެއް ކަމަށެވެ. އަދި، އެމްޑީޕީއަކީ، ޒަމާނުއްސުރެ މުޖުތަމައު ބައިބައިކުރުމުގެ ސިޔާސީ އަމަލުތައް ދައްކާ ޕާޓީއެއްގެ ގޮތުގައި މިނިސްޓަރު ވަނީ ސިފަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ