ހައްގުވާ ތާރީހުން ފެށިގެން މުސާރައިގެ ކުރިއެރުން ދެނީ

މުސާރައިގެ ކުރިއެރުން ދިނުމަށް ކަނޑައަޅާފައިވާ ހުރިހާ ކަމެއް ފުރިހަމަވުމުން، އެ ކުރިއެރުން ހައްގުވާ ތާރީހުން ފެށިގެން މުސާރައިގެ ކުރިއެރުން ދޭގޮތަށް ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ ކުރިއެރުން ދޭ އުސޫލަށް ބަދަލު ގެނެސްފި އެވެ.
ވީ ކިހިނެއް؟ - ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ އާންމު ކުރި އުސޫލުގައި ބުނެފައިވަނީ ސިވިލް ސާވިސް މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދެން ދޭނީ ކުރިއެރުން ދިނުމަށް ކަނޑައަޅާފައިވާ ހުރިހާ ކަމެއް ފުރިހަމަވުމާއެކު އެ ކުރިއެރުން ދިނުމަށް ފިނޭންސްގެ ހުއްދައާ އެކު ހުށަހެޅުމުން އެ މުވައްޒަފަށް ކުރިއެރުން ހައްގުވާ ތާރީހުން ފެށިގެން ކަމަށެވެ.
ތަފްސީލް - މީގެ ކުރިން އުސޫލު އޮންނަ ގޮތުން ސިވިލް ސާވިސް މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދެނީ، އެ ކުރިއެރުން ދިނުމަށް ކަނޑައަޅާފައިވާ ހުރިހާ ކަމެއް ފުރިހަމަވުމާ އެކު އެ ކުރިއެރުން ދިނުމަށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދާ، އެ ހުއްދައާ އެކު ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅުމުން ފިނޭންސް މިނިސްޓްރީން ހުއްދަ ދޭ ތާރީހުން ފެށިގެންނެވެ.
މުސާރައިގެ ކުރިއެރުން ދޭއިރު މުވައްޒަފުންގެ މަސައްކަތް ވަޒަންކުރާނެ ގޮތާއި މަގާމުގައި ހޭދަކުރާ މުއްދަތު ގުނާގެ ގޮތް ވެސް އުސޫލުގައި ވަނީ ބަޔާންކޮށްފަ އެވެ.
ފާހަގަ ކުރެވޭ - ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލު ގެނެސް މިދިޔަ މަހުން ފެށިގެން 20،000އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރަ ވަނީ ބޮޑުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ